ޗެލްސީ 5-0 އިން ބަލިކުރަން ލަނޑު ޖެހުމަށް ފަހު އާސެނަލް ކުޅުންތެރިން އުފާ ފާޅުކުރަނީ

އާސެނަލް އިން ޗެލްސީއަށް ހެދީ ބޭނުން ގޮތެއް، ލަނޑުގެ ތަފާތު ބޮޑު

މި ބޮޑު މޮޅާ އެކު ތާވަލްގެ އެއްވަނައަށް އެރުމުގެ އިތުރުން މެންޗެސްޓަ ސިޓީ އާއި ލިވަޕޫލަށް ވުރެ ފައިދާ ލަނޑުގެ ގޮތުން ވެސް ތަފާތު
24 އޭޕްރީލު 2024

އިނގިރޭސި ޕްރިމިއަ ލީގުގައި ރޭ އަމިއްލަ ދަނޑުގައި އާސެނަލް އިން ޗެލްސީ 5-0 އިން ބަލިކުރުމަކީ ތަފާތު ބޮޑު މޮޅެއްގެ އިތުރުން ޗެމްޕިއަންކަން ހޯދުމުގެ ވާދާގައި މުހިންމު ފައިދާ ގޯލުގެ އަދަދަށް ވެސް ވަރަށް ތަފާތު ބަދަލެއް ގެނައި ނަތީޖާއަކަށް ވެއްޖެ އެވެ.

މިއީ އިންގްލެންޑްގެ ވެރިރަށް ލަންޑަންގެ ވާދަވެރި ދެ ކްލަބްގެ ދެމެދު އޮންނަ ފޯރިގަދަ ހިފުންތަކުގެ ތެރެއިން ހިފުމެކެވެ. ނަމަވެސް މިކޭލް އާޓެޓާގެ އާސެނަލް ދެއްކީ މުޅިން ތަފާތު ކުޅުމެކެވެ. ހާއްސަކޮށް ޗެލްސީގައި ހުއްޓާ އާސެނަލްއަށް ގެނައި ޖަރުމަންގެ ކައި ހަވާޓްޒް އާއި ބެން ވައިޓް، މިއިން ކޮންމެ ކުޅުންތެރިޔަކު ފަހު ހާފުގައި ޖެހި ދެ ލަނޑުން ޗެލްސީ ލަދުގަންނުވާލި އެވެ.

މެޗުގައި އާސެނަލްގެ ފުރަތަމަ ގޯލު ލިއެންޑްރޯ ޓޮސާޑް ޖެހީ ހަތަރު ވަނަ މިނިޓްގަ އެވެ. ފުރަތަމަ ހާފު ނިމުނީ އެ ނަތީޖާގައި ކަމަށް ވިޔަސް ދެ ވަނަ ހާފުގައި އާސެނަލްގެ ލަނޑު ޖެހުން މުޅިން ތަފާތެވެ.

ޗެލްސީ 5-0 އިން ބަލިކުރަން ދެ ލަނޑު ޖެހި އާސެނަލްގެ ކައި ހަވާޓްޒް ލަނޑަކަށް ފަހު

އަމިއްލަ ދަނޑުގައި އެންމެ ފަހުން ކުޅުނު މެޗުގައި އެސްޓަން ވިލާ އަތުން 2-0 އިން ބަލިވުމަކީ ތާވަލްގެ އެއްވަނާގައި އޮތުމަށް އާސެނަލްއަށް ލިބިފައި އޮތް އަމިއްލަ ބާރު ނެތުމެވެ. އެ ނަތީޖާއާ އެކު މުހިންމު މެޗުތަކުގައި އާސެނަލްގެ ޝަހުސިއްޔަތެއް ނެތް ކަމަށް ސަޕޯޓަރުންނާއި ތަޖުރިބާކާރުން ގަބޫލުކުރި އެވެ. ނަމަވެސް އެއީ ގޯސް ގަބޫލުކުރުމެއް ކަން، އެންމެ ފަހު ދެ މެޗުން ސާބިތުކޮށްދިނެވެ.

ޕްރިމިއަ ލީގު ކާމިޔާބުކުރުމުގެ ރޭހުގައި އާސެނަލް އާއި ސިޓީ އަދި ލިވަޕޫލް އުޅެނީ ވަރަށް ހަމަހަމައިގަ އެވެ. މި ވަގުތު ލިވަޕޫލަށް ވުރެ ތިން ޕޮއިންޓް އަދި ސިޓީއަށް ވުރެ ހަތަރު ޕޮއިންޓް ކުރީގައި އާސެނަލް އުޅެނީ އިތުރަށް މެޗު ކުޅެގެންނެވެ. އެގޮތުން ސިޓީއަށް ވުރެ ދެ މެޗު އަދި ލިވަޕޫލަށް ވުރެ އެއް މެޗު އިތުރަށް އާސެނަލް ވަނީ ކުޅެފަ އެވެ.

އެކަމަކު މިހާ ވާދަވެރި ރޭހެއްގައި ފައިދާ ލަނޑުގެ ތަފާތު އާސެނަލް ބޮޑުކުރަމުން އައުމަކީ އަނެއް ދެ ޓީމަށް އޮތް ޕްރެޝަރެއް ކަމަށް، ތަޖުރިބާކާރުން ބުނެ އެވެ. އާސެނަލްގެ ފައިދާ 56 ގޯލަކީ ލިވަޕޫލަށް ވުރެ 13 ގޯލު ގިނަ އަދި ސިޓީއަށް ވުރެ 12 ގޯލު ގިނަ އަދަދެކެވެ.

އިނގިރޭސި ޕްރިމިއަ ލީގުގެ ގަދަ ފަހެއް

  • 1-

    އާސެނަލް، ކުޅުނު 34، ޕޮއިންޓް 77 (ފައިދާ ގޯލް 56)

  • 2-

    ލިވަޕޫލް، ކުޅުނު 33، ޕޮއިންޓް 74 (ފައިދާ ގޯލް 43)

  • 3-

    މެންޗެސްޓަ ސިޓީ، ކުޅުނު 32، ޕޮއިންޓް 73 (ފައިދާ ގޯލް 44)

  • 4-

    އެސްޓަން ވިލާ، ކުޅުނު 34، ޕޮއިންޓް 66

  • 5-

    ޓޮޓެންހަމް، ކުޅުނު 32، ޕޮއިންޓް 60

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް