މެންޗެސްޓަ ސިޓީ ކޮޅަށް ލަނޑު ޖެހުމަށް ފަހު ރެއާލް މެޑްރިޑްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ޗެމްޕިއަން ސިޓީ އާއި އާސެނަލަށް ވެސް ކަރުނައިގެ ރެއެއް

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު ކްއާޓާ ފައިނަލް ދެ މެޗުން އިނގިރޭސި ދެ ޓީމު ކެޓުމާ އެކު ސެމީ ފައިނަލްގައި އޮތީ ޖަރުމަނާއި ސްޕެއިން އަދި ފްރާންސްގެ ޓީމުތައް
18 އޭޕްރީލު 2024

ޗެމްޕިއަންސް ލީގުގެ ތަށި ދިފާއުކުރުމުގެ ހުރިހާ އުއްމީދަކާއި އަހަރުގެ މުހިންމު ތިން ތަށި ހޯދުމުގެ ހުވަފެން ވެސް މެންޗެސްޓަ ސިޓީއަށް ރޭ ގެއްލިއްޖެ އެވެ.

ޗެމްޕިއަންސް ލީގުގެ ކްއާޓާ ފައިނަލްގެ ދެ ވަނަ ލެގުގައި އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ނަތީޖާއެއް ނުނެރެވުމުން ޕެނެލްޓީއާ ހަމައަށް ގޮސް ރެއާލް މެޑްރިޑް އަތުން ބަލިވީ 4-3 އިންނެވެ.

ސިޓީން މި މެޗުގައި 38 ހަމަލާ ފޮނުވާލިޔަސް ރެއަލް މެޑްރިޑްގެ މައްޗަށް ކުރިއެއް ނުހޯދުނެވެ. ރެއާލްގެ ދަނޑުގައި ކުރިން ކުޅުނު މެޗު 3-3 އިން އެއްވަރުވުމާ އެކު އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ސިޓީއަށް އޮތް އެޑްވާންޓޭޖް ވެސް ބޮޑުމެ އެވެ. ނަމަވެސް 1-1 އިން އެއްވަރުވެ، އިތުރު ވަގުތުގައި ވެސް އެއްވެސް ޓީމެއް މޮޅުނުވެވުމުން ދާން ޖެހުނީ ޕެނެލްޓީއަށެވެ.

ސިޓީއަށް އިނގިރޭސި ލީގާއި އެފްއޭ ކަޕް ކާމިޔާބުކުރުމުގެ ފުރުސަތު އޮތީ ހުޅިވިފަ އެވެ. އެހެންކަމުން ބެލެވުނީ މި ތިން މުބާރާތް މި އަހަރު ވެސް ސިޓީއަށް ހޯދިދާނެ ކަމަށެވެ. ނަމަވެސް ކަން މިވީ އެހެންނެއް ނޫނެވެ.

ސިޓީ ބަލިވުމުގެ އިތުރުން އިނގިރޭސި އެހެން ޓީމެއް ކަމަށްވާ އާސެނަލްއަށް ޖަރުމަންގައި ވީ ނާކާމިޔާބީ އެވެ. ލަންޑަންގައި ކުރިން ކުޅުނު މެޗު 2-2 އިން އެއްވަރުވެފައި އޮއްވާ ދެވަނަ ލެގުގައި 1-0 އިން އާސެނަލް ބަލިވީ ފަހު ހާފުގައި ބަޔާން މިޔުނިކުން ޖެހި ހަމައެކަނި ލަނޑުންނެވެ.

ދުނިޔޭގެ އެންމެ ބޮޑު ކްލަބް މުބާރާތުގެ ސެމީ ފައިނަލްގައި ކުޅޭނީ ބަޔާންގެ އިތުރުން ޖަރުމަނުގެ ބޮރޫޝިއާ ޑޯޓުމުންޑާއި ސްޕެއިންގެ ރެއާލް އަދި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އެވެ.

ސެމީ ފައިނަލްގައި ރެއާލް މެޑްރިޑް ނުކުންނާނީ ބަޔާންއާ ދެކޮޅަށެވެ. ޕީއެސްޖީ އާއި ޑޯޓްމުންޑެވެ. ފުރަތަމަ ލެގު އޮންނާނީ މި މަހު 30ގަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް