ބާސެލޯނާ ކޮޅަށް ދެ ލަނޑު ޖެހި ޕީއެސްޖީގެ ކީލިއަން އެމްބާޕޭ އުފަލުން ފުރިފައި

ތިން ރަތް ކާޑު، ބާސެލޯނާއަށް މެޗުގެ ކޮންޓްރޯލް ގެއްލި މުބާރާތުން ވެސް ކަޓައިފި

މެޗުގެ ކުރީކޮޅު ލަނޑެއް ޖަހައި ޕީއެސްޖީގެ މައްޗަށް ބާސެލޯނާ ކުރި ހޯދި. އެކަމަކު ދިފާއީ ކުޅުންތެރިޔަކަށް ދެއްކި ރަތް ކާޑާއި އޭގެ ފަހުން ހުރިހާ ކޮންޓްރޯލެއް ގެއްލި ބަލިވީ 4-1 އިން
17 އޭޕްރީލު 2024
1

މެޗުގެ 12 ވަނަ މިނިޓްގައި ރަފީނިއާ ޖެހި ލަނޑާ އެކު ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދިއުމުގެ ހުރިހާ ދޮރެއް ބާސެލޯނާއަށް ހުޅުވުނީ އެހާމެ ބޮޑަށެވެ. އެކަމަކު އޭގެ 15 ވަރަކަށް މިނިޓް ފަހުން ދިފާއީ ކުޅުންތެރިޔާ ރޮނާލްޑް އަރައޫޖްއަށް ދެއްކި ރަތް ކާޑާ އެކު ބާސެލޯނާގެ މުޅި މޫޑު ގޯސްވީ އެވެ.

ޕީއެސްޖީ ކަހަލަ ޓީމަކާ ދެކޮޅަށް ކުޅުންތެރިޔަކު މަދުކޮށް އެހާ ގިނަ ވަގުތު ކުޅުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެކަމަކު އެއަށް ވުރެ ބޮޑަށް ބާސެލޯނާއަށް އެޅުނު ހިޔަންޏަކީ ރެފްރީގެ ނިންމުންތަކަށް ކޯޗު ޒަވީ ހެނާންޑެޒް އާއި ބެންޗުގެ އެހެން އޮފިޝަލުންގެ ރުޅި ވެސް ކޮންޓްރޯލްނުކުރެވުމެވެ. އެހެންވެ ޒަވީ އާއި އިތުރު ދެ އޮފިޝަލަކު ވެސް ރަތް ކާޑު ދައްކާ ބެންޗުން ފޮނުވާލި އެވެ.

ބާސެލޯނާ 1-0ގެ ލީޑުގައި އޮތުމުގެ މާނައަކީ 4-2ގެ އެގްރެގޭޓުން ކުރި ހޯދުމެވެ. ޕެރިހުގައި ކުޅުނު މެޗުން ބާސެލޯނާ 3-2 އިން މޮޅުވެފައި އޮތުމާ އެކު 1-0ގެ ލީޑަކީ، ޕީއެސްޖީއަށް އިތުރު ދެ ލަނޑު ޖަހައިގެން ނޫން ގޮތަކަށް ނޭވާއެއް ލެވެން ވެސް ނެތް ނަތީޖާއެކެވެ. އޭގެ ތެރެއިން ފުރަތަމަ ލަނޑު 40 ވަނަ މިނިޓްގައި އައީ އުސްމާން ޑެމްބެލޭގެ ފަރާތުންނެވެ. ނަތީޖާ 2-1އަށް ބަދަލުކޮށްލީ ފަހު ހާފުގައި ވިޓީނިއާ އެވެ.

ދެން ފެނުނީ ކީލިއަން އެމްބާޕޭގެ ހުނަރެވެ. އޭނާގެ ދެ ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު ޕެނެލްޓީއަކުންނެވެ. ދެ ވަނަ ލަނޑު ގޯލުގެ ހަމަ ކުރިމަތިން ލިބުނު ބޯޅައެއް ހުށިޔާރުކަމާ އެކު ފޮނުވާލައިގެންނެވެ. ޕެރިހުގައި ކުޅުނު މެޗުގައި ގޮތެއް ނުހެދުނު ފޯވަޑް ރޭ 4-1 އަށް ނަތީޖާ ބަދަލުކޮށް ސެމީ ފައިނަލަށް ގެންގޮސްދީގެން ޕީއެސްޖީއަށް އެ ގެނެސްދިނީ ދިރުމެވެ.

ޖަރުމަންގައި ކުޅުނު ކްއާޓާ ފައިނަލްގެ އަނެއް މެޗު ވެސް އާދަޔާ ހިލާފެވެ. ބޮރޫޝިއާ ޑޯޓްމުންޑާއި ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑްގެ މެޗު ފެށި އިރު ފުރަތަމަ މެޗުގައި 2-0 އިން މޮޅުވެ، އެތުލެޓިކޯ އޮތީ ހަމަޖެހިލައިގެންނެވެ. ނަމަވެސް އަމިއްލަ ދަނޑުގައި ޑޯޓްމުންޑް 2-0އިން ކުރި ހޯދި އެވެ. އެހާ ހިސާބުން އެތުލެޓިކޯ އިން 2-2 އިން އެއްވަރުކުރި އެވެ. ފަހު ދެ ލަނޑު ޑޯޓްމުންޑުން ޖެހީ 71 އަދި 74 ވަނަ މިނިޓްގަ އެވެ.

މި ނަތީޖާތަކާ އެކު ސްޕެއިންގެ ދެ ޓީމު މުބާރާތުން ކެޓީ އެވެ. އެކަމަކު ރެއާލް މެޑްރިޑް އަދި އޮތީ ކުރިއަށެވެ. މިއަދު މެންޗެސްޓަ ސިޓީގެ ދަނޑުގައި ރެއާލް ނުކުންނަ އިރު ފުރަތަމަ މެޗު ސްޕެއިންގައި ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ.

މިރޭ ކުޅޭ އަނެއް މެޗުގައި ބަޔާން މިޔުންގެ އަމިއްލަ ދަނޑުގައި ނުކުންނާނީ އާސެނަލްއާ ދެކޮޅަށެވެ. ފުރަތަމަ މެޗު ނިމުނީ 2-2 އިންނެވެ.

ކޮމެންޓް (1)

profile-image-placeholder

ޠޯޙާ

17 އޭޕްރީލު 2024
THANK YOU FOR BRINGING SPORTS NEWS

އިތުރު އާޓިކަލް

އިތުރު އާޓިކަލް