ލޫޓަން ޓައުން ކޮޅަށް ލަނޑު ޖެހުމަށް ފަހު މެންޗެސްޓަ ސިޓީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ނޮވެމްބަރުގެ ފަހުން ފުރަތަމަ ފަހަރަށް ސިޓީ ތާވަލްގެ އެއްވަނައަށް

ލޫޓަން އަތުން 5-1 އިން މޮޅުވުމަކީ ވާދަވެރި ރޭހުގައި ލަނޑުގެ ގޮތުން ވެސް ސިޓީއަށް ލިބުނު އެޑްވާންޓޭޖެއް
13 އޭޕްރީލު 2024

މިދިއަ ނޮވެމްބަރުގެ ފަހުން މެންޗެސްޓަ ސިޓީ ފުރަތަމަ ފަހަރަށް އިނގިރޭސި ޕްރިމިއަ ލީގުގެ ތާވަލްގެ އެއްވަނައަށް މިރޭ އަރައިފި އެވެ.

އެންމެ ފަހު ތިން އަހަރުގެ ޗެމްޕިއަންއަށް އެ ފުރުސަތު ލިބުނީ މިރޭ ލޫޓަން ޓައުން އަތުން 5-1 އިން މޮޅުވެގެންނެވެ. ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި މިހާ ގިނަ ލަނޑު ޖެހުމަކީ ވެސް، ތާވަލްގެ ކުރީގައި އުޅޭ އާސެނަލް އާއި ލިވަޕޫލަށް ބަލާއިރު ސިޓީއަށް ވަރަށް ބޮޑު އެޑްވާންޓޭޖެކެވެ.

މާދަމާ ރޭ އާސެނަލް އާއި ލިވަޕޫލްގެ މެޗުތަކުން މޮޅުވެއްޖެ ނަމަ ސިޓީ އަނެއްކާވެސް ތިން ވަނައަށް ވެއްޓޭނެ އެވެ.

މިރޭ ސިޓީގެ ފުރަތަމަ ލަނޑު އައީ ލޫޓަންގެ ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި ބައިކޮޅަށް ބޯޅަ ވަދެގެންނެވެ. ފުރަތަމަ ހާފު ނިމުނީ އެ ނަތީޖާގަ އެވެ. އެކަމަކު ފަހު ހާފުގައި ހަތަރު ލަނޑު ޖަހައި، ތަފާތު ބޮޑުކުރި އެވެ.

މި މެޗުގައި ސިޓީގެ މުހިންމު ކުޅުންތެރިޔާ ރޮޑްރީ ނުކުޅެ އެވެ. މިއީ އޭނާ ނެތި މިފަހަރުގެ ލީގުގައި ސިޓީއަށް މޮޅުވެވުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިން އޭނާ ނުލައި ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފަ އެވެ.

ޕްރިމިއަ ލީގުގެ ގަދަ ފަހެއް

  • 1-

    މެންޗެސްޓަ ސިޓީ، ކުޅުނު 32، ޕޮއިންޓް 73

  • 2-

    އާސެނަލް، ކުޅުނު 31، ޕޮއިންޓް 71

  • 3-

    ލިވަޕޫލް، ކުޅުނު 31، ޕޮއިންޓް 71

  • 4-

    އެސްޓަން ވިލާ، ކުޅުނު 32، ޕޮއިންޓް 60

  • 5-

    ޓޮޓެންހަމް، ކުޅުނު 32، ޕޮއިންޓް 60

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް