ބާސެލޯނާގެ ރަފީނިއާ، ޕީއެސްޖީ ކޮޅަށް ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ

އެމްބާޕޭއެއް ނޫން، މެޗުގައި ވިދާލީ ބާސެލޯނާގެ ރަފީނިއާ

ޗެމްޕިއަންސް ލީގުގެ ކްއާޓާ ފައިނަލްގައި ޕީއެސްޖީ ދަނޑުގައި ބާސެލޯނާ ރޭ މޮޅުވީ ފަހަތުން އަރާ 3-2 އިން
11 އޭޕްރީލު 2024

ޕީއެސްޖީއަށް މިހާތަނަށް ނުލިބި އޮތް ޗެމްޕިއަންސް ލީގު، އެ ކްލަބް ދޫކޮށްލުމުގެ ކުރިން، ކީލިއަން އެމްބާޕޭއަށް ހޯދައިދޭން ލިބިފައި އޮތް ފަހު ފުރުސަތުގައި ރޭ ބާސެލޯނާއާ ދެކޮޅަށް ކަމެއް ނުކުރެވި ނިންމާލައިފި އެވެ.

ދެ ފަހަރަށް ލީޑު ނެގި ނަމަވެސް ޕީއެސްޖީއަށް އެންމެ ފަހުން ލިބުނު ނަތީޖާއަކީ 3-2 އިން ބަލިވެ، ދެ ވަނަ ލެގުގެ ނަތީޖާ މުޅިން އަނބުރާލުމުގެ ބުރަ މަސައްކަތާ ކުރިމަތިލުމެވެ.

ރޭގެ ތަރިއަކީ ބާސެލޯނާގެ ބްރެޒެލް ވިންގާ، ރަފީނިއާ އެވެ. ދެ ފަހަރަށް ޕީއެސްޖީން ލީޑު ނެގި އިރު އެ ދެ ފަހަރު ވެސް ބޭސެލޯނާ މެޗުގެ ތެރެއަށް ވެއްދީ އޭނާގެ ރީތި ދެ ލަނޑުންނެވެ.

ބާސެލޯނާ މޮޅުކޮށްދިން ތިން ވަނަ ލަނޑު ޖެހީ އެންޑްރިއަސް ކްރިސްޓެންސެން މެޗުގެ 77 ވަނަ މިނިޓްގަ އެވެ.

މުޅި މެޗުގައި ވެސް އެމްބާޕޭ ހުރީ ނުރައްކަލުން ބޭރުގަ އެވެ. މިފަހަރުގެ މުބާރާތުގައި މިހާތަނަށް ހަ ލަނޑު ޖަހާފައި ވިޔަސް ރޭ ބާސެލޯނާގެ ގޯލަށް އެންމެ ފަހަރަކު ވެސް ނުރައްކަލެއް ނުކުރެވުނެވެ. ގޯލަށް ޖެހި ހަތަރު ބޯޅަ ދިޔައީ އަމާޒުނުވެ އެވެ. އޭގެ ބަދަލުގައި ރަފީނިއާގެ ހަ ހަމަލާ ޕީއެސްޖީގެ ގޯލަށް އަމާޒުވި އެވެ.

ޕީއެސްޖީގެ ވެރިންގެ ހުރިހާ ވެސް އަމާޒަކީ ޗެމްޕިއަންސް ލީގެވެ. ނަމަވެސް މި ސީޒަނަށް ފަހު އެމްބާޕޭ ރެއާލް މެޑްރިޑަށް ދާން ނިންމާފައި ވާއިރު އޭނާއަށް ވެސް އެ ޝަރަފު ހޯދޭ ގޮތެއް އަދި ނުވެ އެވެ. އެކަން ބަދަލުކުރެވެން ދެން އޮތީ 17 އެޕްރީލްގައި ބާސެލޯނާގެ ދަނޑުގައި އެ ޓީމު ބަލިކޮށްގެންނެވެ.

ރޭ ކުޅުނު އަނެއް މެޗުގައި ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑް ވަނީ އަމިއްލަ ދަނޑުގައި ޖަރުމަންގެ ބޮރޫޝިއޯ ޑޯޓްމުންޑް 2-1 އިން ބަލިކޮށްފަ އެވެ. މި މެޗުގެ ދެ ވަނަ ލެގު ވެސް އޮންނަނީ 17 އެޕްރީލްގަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް