ޗެމްޕިއަންސް ލީގުގެ ކްއާޓާ ފައިނަލްގައި ރެއާލް މެޑްރިޑްގެ ޖޫޑް ބެލިންހަމް (ވ) ބޯޅަ ހިފައިގެން ދަނީ

ޗެމްޕިއަންސް ލީގުގެ ވަރުގަދަ ދެ މެޗު ވެސް އެއްވަރު

އާސެނަލް-ބަޔާން މިޔުނިކްގެ ވާދަކުރުން 2-2، އަދި ރެއާލް މެޑްރިޑް އާއި މެންޗެސްޓަ ސިޓީގެ ހިފުން ނިމުނީ 3-3 އިން
10 އޭޕްރީލު 2024

ޗެމްޕިއަންސް ލީގުގެ ކްއާޓާ ފައިނަލްގައި ރޭ ކުޅުނު ވަރުގަދަ ދެ މެޗު އެއްވަރުވެ، ދެވަނަ ލެގުގެ ވާދަވެރިކަން ބޮޑުވެއްޖެ އެވެ.

ލަންޑަންގައި އާސެނަލް އާއި ޖަރުމަންގެ ބަޔާން މިޔުނިކްގެ މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. އަދި ރެއާލް މެޑްރިޑްގެ ދަނޑުގައި ކުޅުނު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަ ސިޓީ ވާދަކޮށް ނަތީޖާއަކީ 3-3 އިން އެއްވަރުވުމެވެ.

މިހާތަނަށް އެންމެ ގިނަ ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައިވާ ރެއާލް ވަނީ ސިޓީން ފުރަތަމަ ލަނޑު ޖަހާފައި އޮއްވާ ލީޑު ނަގައިފަ އެވެ. ދެ ވަނަ މިނިޓްގައި ސިޓީގެ ބާނާޑޯ ސިލްވާ ޖެހި ލަނޑުގެ މައްޗަށް ރެއާލް އިން ދެ ލަނޑު ކާމިޔާބުކުރީ 12 އަދި 14 ވަނަ މިނިޓްގަ އެވެ. ފުރަތަމަ ލަނޑު ރުބެން ޑައަސް އަތުން ވަނީ ބައިކޮޅަށެވެ. ދެ ވަނަ ލަނޑު ޖެހީ ރޮޑްރީގޯ އެވެ.

ދެވަނަ ހާފުގައި ނުކުމެ ސިޓީގެ ފިން ފޯޑެންގެ ލަނޑުން 2-2 އިން އެއްވަރުވި އެވެ. އަދި 71 ވަނަ މިނިޓްގައި ޖޮސްކޯ ގުވާޑިއޮލް ސިޓީއަށް 3-2 އިން ލީޑު ވެސް ނަގައިދިނެވެ. ނަމަވެސް އޭގެ ފަސް މިނިޓް ފަހުން ފެޑްރިކޯ ވަލްވާޑޭގެ ލަނޑުން 3-3އަށް ނަތީޖާ ބަދަލުކޮށްލި އެވެ.

މި ދެ ޓީމުގެ ދެވަނަ ލެގުގެ މެޗު ސިޓީގެ ދަނޑުގައި އޮންނާނީ 17 އެޕްރީލްގަ އެވެ. މިދިއަ ސީޒަންގެ މުބާރާތުގެ ސެމީ ފައިނަލްގައި ސިޓީން ވަނީ އަމިއްލަ ދަނޑުގައި ރެއާލް 4-0 އިން ބަލިކޮށްފަ އެވެ.

އިނގިރޭސި އަނެއް ޓީމު އާސެނަލް އާއި ބަޔާން މިޔުނިކްގެ ދެވަނަ ލެގު ބަޔާންގެ ދަނޑުގައި ވެސް އޮންނާނީ 17 އެޕްރީލްގަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް