މެންޗެސްޓަ ޔުނައިޓެޑްގެ އާ ކޯޗު އެރިކް ޓެން ހޭގް

މިރޭ ލިވަޕޫލާ ދެކޮޅަށް ޔުނައިޓެޑް ނުކުންނާނީ ރުޅިވެރިކަމާ އެކު

ކޯޗު ޓެން ހޭގް ގަބޫލުކުރާ ގޮތުގައި ރުޅިވެރިކަމުގެ ތެރެއިން އެތައް ބައިވަރު ހަކަތައެއް ނެރެވޭނެ
7 އޭޕްރީލު 2024

ރުޅިއަކީ، މެންޗެސްޓަ ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހޭގް ދެކޭ ގޮތުގައި، ވާދަވެރި ބޮޑެތި މެޗުތަކުގައި ކުޅުންތެރިންގެ ކިބައިން އެތައް ބައިވަރު ހަކަތައެއް ވެސް ނެރެވޭނެ ސަބަބެކެވެ. އެހެންކަމުން މިރޭ ޕްރިމިއަ ލީގުގައި ލިވަޕޫލްއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ޔުނައިޓެޑް ނުކުންނާނީ، ރުޅިވެރި ސިންގާތަކެއްގެ ގޮތުގައި ކަމަށް ބަލަމާ ހިނގާށެވެ.

މި ގޮތަށް ޓެން ހޭގްގެ ވާހަކަ އައީ ކުރީ ދުވަހު ޗެލްސީ އަތުން ބަލިވި އަޖައިބެއް ފަދަ ގޮތާ ހެދި އެވެ. ޗެލްސީގެ ދަނޑުގައި 4-3 އިން ބަލިވީ އިތުރު ވަގުތުގައި ޗެލްސީން ޖެހި ދެ ލަނޑުންނެވެ.

"އަހަރެމެން ހަކަތަ ނެރެން ޖެހޭ އެކަމަކު އެއީ އަހަރެމެން ތިބޭ ރުޅިވެރިކަމެއްގެ ތެރެއިން. ރުޅިއަކީ ވަރަށް ގިނަ ހަކަތަ ނެރެވިދާނެ ސިފައެއް،" ޓެން ހޭގް ބުންޏެވެ.

އޭނާގެ ކޯޗުކަމުގެ ދަށުގައި އޯލްޑް ޓްރަފޯޑްގައި ލިވަޕޫލްއާ މިހާތަނަށް ބައްދަލުކުރި ދެ މެޗުން ވެސް ޔުނައިޓެޑް ވަނީ މޮޅުވެފަ އެވެ. އޭގެ ތެރޭގައި މިދިއަ މަހު އޮތް އެފްއޭ ކަޕް ކްއާޓާ ފައިނަލްގައި 4-3 އިން ލިވަޕޫލްގެ މައްޗަށް ހޯދި ކާމިޔާބީ ވެސް ހިމެނެ އެވެ.

ޕްރިމިއަ ލީގުގެ ތަށި ހޯދުން އެންމެ ކައިރި އެއް ޓީމު ކަމަށްވާ ލިވަޕޫލާ ދެކޮޅަށް މިރޭ ނުކުންނަ އިރު ޔުނައިޓެޑް އޮތީ ގަދަ ފަހަކުން ވެސް ވެއްޓި ހަ ވަނައިގަ އެވެ. އަންނަ ސީޒަންގައި ޕްރިމިއަ ލީގުގެ ގަދަ ފަސް ޓީމަށް ޗެމްޕިއަންސް ލީގުން ޖާގަ ލިބޭނެތީ، ޔުނައިޓެޑްގެ އަމާޒަކީ އެ ފުރުސަތު ހޯދުމެވެ.

ނަމަވެސް ޗެލްސީ އަތުން ބަލިވުމާއި އޭގެ ކުރިން ބްރެންޓްފޯޑް މެޗު އެއްވަރުވުމުން ގެއްލުނު ފަސް ޕޮއިންޓާ ހެދި ޔުނައިޓެޑަށް ކުރިމަތިވެފައި އޮތް ހުރަސް ބޮޑެވެ.

ޕްރިމިއަ ލީގުގެ ގަދަ ހައެއް

  • 1-

    އާސެނަލް، ކުޅުނު 31، ޕޮއިންޓް 71

  • 2-

    ލިވަޕޫލް، ކުޅުނު 30، ޕޮއިންޓް 70

  • 3-

    މެންޗެސްޓަ ސިޓީ، ކުޅުނު 31، ޕޮއިންޓް 70

  • 4-

    އެސްޓަން ވިލާ، ކުޅުނު 32، ޕޮއިންޓް 60

  • 5-

    ޓޮޓެންހަމް، ކުޅުނު 30، ޕޮއިންޓް 57

  • 6-

    މެންޗެސްޓަ ޔުނައިޓެޑް، ކުޅުނު 30، ޕޮއިންޓް 48

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް