މިދިއަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ރެއާލް މެޑްރިޑް ކޮޅަށް ދެ ލަނޑު ޖެހި މެންޗެސްޓަ ސިޓީގެ ބާނާޑޯ ސިލްވާ އާއި އެހެން ކުޅުންތެރިން އުފާ ފާޅުކުރަނީ

ތަށި ދިފާއުކުރަން ސިޓީއަށް އޮތީ ފުރަތަމަ ރެއާލް ބަލިކުރުން

ޗެމްޕިއަންސް ލީގުގެ ކްއާޓާ ފައިނަލްގައި އާސެނަލް ކުޅެން ޖެހެނީ ބަޔާން މިޔުނިކާ. ބާސެލޯނާ އާއި ޕީއެސްޖީގެ ކުރިމަތިލުމެއް
15 މާރިޗު 2024

ޗެމްޕިއަންޝިޕްގެ ތަށި ދިފާއުކުރުމުގެ ދަތުރުގައި މެންޗެސްޓާ ސިޓީއަށް ރެއާލް މެޑްރިޑްއާ ކުރިމަތިލާން ޖެހިއްޖެ އެވެ.

މިއަދު އޮތް ކްއާޓާ ފައިނަލްގެ ގުރު ނެގުމުގައި މި ދެ ޓީމު ދިމާވުމާ އެކު މިއީ މުބާރާތުގެ ވެސް ވަރަށް ފޯރިގަދަ ހިފުމަކަށް ދާނެ ކަމަށް ބެލެވެ އެވެ.

ރެއާލްއަކީ މިހާތަނަށް 14 ފަހަރަށް މި މުބާރާތް ކާމިޔާބުކޮށްފައިވާ ޓީމެވެ. ސިޓީގެ ތަރީހުގައި ވެސް ފުރަތަމަ ފަހަރަށް އެ ތަށި ހޯދުނީ މިދިއަ އަހަރު އެވެ.

ކްއާޓާ ފައިނަލްގައި ދެން ވާދަކުރާ އިނގިރޭސި އަނެއް ޓީމު ކަމަށްވާ އާސެނަލް ބައްދަލުކުރަން ޖެހެނީ ޖަރުމަންގެ ބަޔާން މިޔުނިކާ އެވެ.

ސްޕެއިންގެ ބޮޑު އަނެއް ޓީމު ބާސެލޯނާއަށް އޮތީ ފްރާންސްގެ ޗެމްޕިއަން އަދި މިހާތަނަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވިފައި ނުވާ ޕީއެސްޖީ އެވެ.

ކްއާޓާ ފައިނަލްގައި ދެން ބައްދަލުކުރާނީ ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމުންޑާއި ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑް އެވެ.

މިދިއަ އަހަރުގެ ސެމީ ފައިނަލްގައި ސިޓީ މޮޅުވީ ވެސް ރެއާލްއާ ބައްދަލުކޮށްފަ އެވެ. މިއީ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ސްޓޭޖްގައި މި ދެ ޓީމު ޖެހިޖެހިގެން ވާދަކުރާ ތިން ވަނަ ފަހަރެވެ.

ސިޓީ އާއި އާސެނަލްއަށް ކްއާޓާ ފައިނަލުން ސަލާމަތްވެއްޖެ ނަމަ ސެމީ ފައިނަލްގައި އެއްބަޔަކު އަނެއް ބަޔަކާ ވާދަކުރަން ޖެހޭނެ އެވެ.

ފުރަތަމަ ލެގުގެ މެޗުތައް އޮންނާނީ 9-10 އެޕްރީލްގަ އެވެ. ދެވަނަ ލެގު ތާވަލްކޮށްފައި ވަނީ 16-17 އެޕްރީލްއަށެވެ.

މުބާރާތުގެ ފައނަލް މެޗު މިފަހަރު ކުޅޭނީ ލަންޑަންގެ ވިމްބްލީ ސްޓޭޑިއަމްގައި 1 ޖޫންގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް