އާސެނަލްގެ ލިއެންޑްރޮ ޓްރޮސާޑް ޕޯޗުގަލްގެ ޕޯޓޯ ކޮޅަށް ލަނޑު ޖަހަނީ: ދެ ޓީމު ދެ މެޗުން ނަތީޖާ އެއްވަރުވެ، ޕެނެލްޓީ ޖަހައިގެން މޮޅުވީ އާސެނަލް.

އާސެނަލް 14 އަހަރު ފަހުން ޗެމްޕިއަންސް ލީގުގެ ކްއާޓާ ފައިނަލަށް

އަމިއްލަ ދަނޑުގައި ޕޯޗުގަލްގެ ޕޯޓޯ އަތުން އާސެނަލް މޮޅުވީ ދެ މެޗުގެ ނަތީޖާއިން އެއްވަރުވުމުން ޕެނެލްޓީ ޖަހައިގެން
13 މާރިޗު 2024

ފުރަތަމަ މެޗު ޕޯޗުގަލްގައި ކުޅެ ޕޯޓޯ އަތުން 1-0 އިން ބަލިވެފައި އޮއްވާ އަމިއްލަ ދަނޑުގައި ރޭ އާސެނަލް 1-0 އިން މޮޅުވުމުން ދާން ޖެހުނީ ޕެނެލްޓީއަށެވެ. ނަތީޖާއަކީ 4-2 އިން އާސެނަލް ކާމިޔާބުކުރުމެވެ.

މިއީ 2010ގެ ފަހުން ޗެމްޕިއަންސް ލީގުގެ ކްއާޓާ ފައިނަލަށް އާސެނަލް ދިޔަ ފުރަތަމަ ފަހަރެވެ. އެފަހަރުގެ ދެ ވަނަ ލެގުގައި ބާސެލޯނާގެ ލިއޮނެލް މެސީ ޖެހި ހަތަރު ލަނޑުން އާސެނަލް ބަލިވި ގޮތަށް ޔޫރަޕްގެ ކްލަބް އެންމެ ބޮޑު މުބާރާތުގެ އެހާ ހިސާބަށް ދަތުރެއްނުކުރެވެ އެވެ.

އެ ފަހަރު ވެސް އާސެނަލް ކްއާޓާ ފައިނަލަށް ދިޔައީ ގަދަ 16ގައި ޕޯޓޯ ބަލިކޮށްފަ އެވެ.

އަމިއްލަ ދަނޑުގައި އާސެނަލް ސަލާމަތްކޮށްދިނީ 41 ވަނަ މިނިޓްގައި ލިއެންޑްރޮ ޓްރޮސާޑްގެ ލަނޑުންނެވެ. 

އެކަމަކު މެޗުގެ ފުރިހަމަ ވަގުތުގައި ނަތީޖާއެއް ނުނިކުތުމުން ކުޅުނު އިތުރު 30 މިނިޓްގައި ވެސް އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުނެވެ. ޕެނެލްޓީގައި އާސެނަލްގެ ތަރިއަކީ ޕޯޓޯގެ ދެ ޕެނެލްޓީ މަތަކުރި ކީޕަރު ޑޭވިޑް ރާޔާ އެވެ.

"އާސެނަލް ކަހަލަ ކްލަބަދކަށް 14 އަހަރަކީ ވަރަށް ދިގު މުއްދަތެއް، އެއިން އެނގެނީ މިއީ ކިހާ އުނދަގޫ ކަމެއްކަން،" މެޗަށް ފަހު ކޯޗު މިކޭލް އާޓެޓާ ބުންޏެވެ.

އެކަމަކު ރޭގެ މެޗުގައި އާސެނަލްއަށް ވެސް ޓީމުގެ އެންމެ ގާބިލް ކުޅުން ދެއްކޭ ގޮތެއް ނުވި އެވެ. ދެ މެޗުގައި ދެ ޓީމުން ކުރި ފައުލްތައް އެހާމެ ގިނަ އެވެ. މިއީ ގަދަ 16ގައި 2015-2016ގެ ސީޒަނަށް ފަހު އެންމެ ގިނަ ފައުލް ފެނުނު ވާދަކުރުން ވެސް މެ އެވެ.

މި ވަގުތު އާސެނަލް އޮތީ ޕްރިމިއަ ލީގުގެ އެއް ވަނައިގަ އެވެ. ޗެމްޕިއަންސް ލީގުގައި ކުރިއަށް ދާން ފުރުސަތު ލިބުމަކީ، އާޓެޓާ ބުނި ގޮތުގައި، އާސެނަލް އަސްލު އޮންނަން ޖެހޭ މަގާމެވެ.

ބާސެލޯނާ ވެސް ގަދަ އަށަކަށް

ރޭ ކުޅުނު ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ އަނެއް މެޗުގައި ބާސެލޯނާ ވަނީ އަމިއްލަ ދަނޑުގައި އިޓަލީގެ ނަޕޯލީ 3-1 އިން ބަލިކޮށް، ކްއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ.

މިއީ ހަތަރު އަހަރުގެ ތެރޭގައި ސްޕެއިންގެ ބިޔަ ކްލަބް ކްއާޓާ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރު ވެސް މެ އެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ފަހު ދެ މެޗުގައި މިރޭ ވާދަކުރާނީ އެތުލެޓިކޯ މެޑްރިޑް/އިންޓަ މިލާން އާއި ބޮރޫޝިއާ ޑޯޓްމުންޑް/ޕީއެސްވީ އެއިންދޯވަން އެވެ.

އާސެނަލް އާއި ބާސެލޯނާގެ އިތުރުން މިހާތަނަށް ގަދަ އަށަކުން ޖާގަ ހޯދާފައި ވަނީ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަ ސިޓީ، ބަޔާން މިޔުނިކް، ޕީއެސްޖީ އަދި ރެއާލް މެޑްރިޑް އެވެ.

މިރޭގެ ދެ މެޗަށް ފަހު ކްއާޓާ ފައިނަލްގެ ގުރު ނެގުން އޮންނާނީ އަންނަ ހުކުރުދުވަހު އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް