10 މާޗު 2024 - އާސެނަލްގެ ކާއީ ހަވާޒް މެޗުގެ ފަހު ވަގުތު ބްރެންޓްފޯޑްގެ ގޯލަށް ލަނޑު ޖެހުމަށް ފަހު ކާމިޔާބު ފާހަގަކުރަނީ

އާސެނަލް ތާވަލްގެ އެއްވަނައަށް، މިރޭ ލިވަޕޫލް/ސިޓީގެ ބޮޑު ހިފުން

މިއީ ޕްރިމިއަ ލީގުގެ ތާރީހުގައި ވެސް 27 މެޗު ނިމުނު އިރު ތިން ޓީމެއް 60އަށް ވުރެ ގިނަ ޕޮއިންޓް ހޯދައިގެން ޗެމްޕިއަންކަމަށް ވާދަކުރާ ފުރަތަމަ ފަހަރު
10 މާރިޗު 2024

މިރޭ ލިވަޕޫލްގެ އަމިއްލަ ދަނޑުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ ވަރުގަދަ މެޗުގެ ކުރިން އާސެނަލް، އިނގިރޭސި ޕްރިމިއަ ލީގުގެ ތާވަލްގެ އެއް ވަނައަށް، ވަގުތީ ގޮތުން ނަމަވެސް ނަމަވެސް، ޖެހިލައިފަ އެވެ.

ޑިސެމްބަރުގެ ފަހުން ފުރަތަމަ ފަހަރަށް ތާވަލްގެ އެ މަގާމަށް އާސެނަލް އެރީ ރޭ އަމިއްލަ ދަނޑުގައި ބްރެންޓްފޯޑްގެ މައްޗަށް ހޯދި 2-1ގެ ކާމިޔާބީއާ އެކުގަ އެވެ.

އެންމެ ފަހުން ކުޅުނު ހަތް މެޗުގައި ވަރަށް ތަފާތު ނަތީޖާތަކެއް ނެރުނު އާސެނަލްއަށް ރޭ އެންމެ ބޮޑު މައްސަލައެއް ކުރިމަތިވީ، ނޮވެމްބަރު މަހުން ފެށިގެން ފުރަތަމަ 11އިން ޖާގަ ނުލިބި ހުރި ކީޕަރު އާރޮން ރަމްސްޑޭލްގެ ބޮޑު ގޯހަކުން ވަން ގޯލުންނެވެ.

އާސެނަލް ޑެކްލަން ރައިސް 19 ވަނަ މިނިޓްގައި ނެގި ލީޑު ގެއްލުނީ ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ރަމްސްޑޭލްއަށް ލިބުނު ބޯޅައެއް ފޮނުވާލަން އުޅެނިކޮށް ބްރެންޓްފޯޑްގެ ޔޯނޭ ވިސާގެ ފައިގައި ޖެހިފައި ގޯލަށް ވަނުމުންނެވެ.

ނަމަވެސް މެޗު ނިމެން އެންމެ ހަތަރު މިނިޓަށް ވެފައި ވަނިކޮށް ކާއީ ހަވާޒް ބޮލުން ޖަހާ ވައްދާލި ލަނޑުން، ރަނެއް ފަދަ ތިން ޕޮއިންޓް އާސެނަލްއަށް ކަށަވަރުކޮށްދިނެވެ.

މެޗަށް ފަހު ކޯޗު މިކޭލް އާޓެޓާ ބުނީ ރަމްސްޑޭލަށް ޓަކައި ވެސް މެޗުން މޮޅުވާން ޖެހުނު ކަމަށެވެ.

"ފުޓްބޯޅާގައި އެންމެން ވެސް ގޯސްތައް ހަދާނެ. ހާއްސަކޮށް ކީޕަރުންނަށް ހެދޭ ގޯސްތައް މާ ބޮޑަށް ފެންނާނެ،" އާޓެޓާ ބުންޏެވެ.

"އަހަރެމެން މި މެޗުން މޮޅުވާން ކޮންމެހެން ވެސް ޖެހުނު ރަމްސްޑޭލަށްޓަކައި ވެސް."

ތާވަލްގެ އެއްވަނައަށް އާސެނަލް އެރީ ލިވަޕޫލަށް ވުރެ އެންމެ ޕޮއިންޓެއް ގިނަވެގެންނެވެ. މިރޭ ލިވަޕޫލް އާއި ސިޓީގެ ތެރެއިން ކޮންމެ ޓީމެއް މޮޅުވި ނަމަވެސް އެ ޓީމެއް އެއްވަނައަށް ޖެހިލާނެ އެވެ. އެކަމަކު މެޗު އެއްވަރު ވެއްޖެ ނަމަ އެއް ވަނައިގައި އޮންނާނީ އާސެނަލް އެވެ. އެއީ އަނެއް ދެ ޓީމަށް ވުރެ ފައިދާ ގޯލު ގިނަވުމުންނެވެ.

ޕްރިމިއަ ލީގުގެ ގަދަ ފަހެއް

  • 1-

    އާސެނަލް، ކުޅުނު 28، ޕޮއިންޓް 64

  • 2-

    ލިވަޕޫލް، ކުޅުނު 27، ޕޮއިންޓް 63

  • 3-

    މެންޗެސްޓަ ސިޓީ، ކުޅުނު 27، ޕޮއިންޓް 62

  • 4-

    އެސްޓަން ވިލާ، ކުޅުނު 27، ޕޮއިންޓް 55

  • 5-

    ޓޮޓެންހަމް، ކުޅުނު 26، ޕޮއިންޓް 50

އިތުރު އާޓިކަލް

އިތުރު އާޓިކަލް