ޗެމްޕިއަންޝިޕްގެ ގަދަ 16ގެ ދެވަނަ ލެގުގައި ލާޒިއޯ ކޮޅަށް ލަނޑު ޖެހުމަށް ފަހު ބަޔާން މިޔުނިކްގެ ހެރީ ކޭން އުފާ ފާޅުކުރަނީ

ބަޔާން މިޔުނިކް: ޖަރުމަން ލީގުގައި ވެއްޓުނަސް ޔޫރަޕްގެ ކްއާޓާ ފައިނަލަށް

ފުރަތަމަ މެޗުގައި ލާޒިއޯ އަތުން ބަލިވެފައި އޮތް އޮތުން އަމިއްލަ ދަނޑުގައި ބަދަލުކޮށްލަން ހެރީ ކޭން ދެ ލަނޑު ޖަހައިދިން
6 މާރިޗު 2024

ޖަރުމަންގެ ލީގުގައި ބަޔާން މިޔުނިކް އެއްވަނައިން ވެއްޓި ޗެމްޕިއަންކަން ދިފާއުނުކުރެވުމާ ގާތަށް އޮތީ ޖެހިފަ އެވެ. ނަމަވެސް އެ ބަދުނަސީބު ޔޫރަޕިއަން ޗެމްޕިއަންޝިޕްގައި އަދި ދިމައެއް ނުވެ އެވެ. ގަދަ 16ގައި ރޭ މޮޅުވީ އިޓަލީގެ ލާޒިއޯ އަތުން 3-0 އިންނެވެ.

ފުރަތަމަ ލެގުގައި ލާޒިއޯ އަތުން 1-0 އިން ބަލިވެފައި އޮތް އޮތުން ރޭ އަމިއްލަ ދަނޑުގައި ބަދަލުކޮށްލަން އޮތީ މަޖުބޫރުވެފަ އެވެ. އެކަމަކު އެކަން ވެދާނެކަމުގެ ނިޝާނެއް ފެނުނީ 37 މިނިޓް ވޭތުވި ފަހުންނެވެ. އިނގިރޭސި ފޯވަޑް ހެރީ ކޭން ޖެހި ލަނޑުން، ދެ ޓީމުގެ ނަތީޖާ އެއްވަރުވި އެވެ.

އަމިއްލަ ސަޕޯޓަަރުންގެ ކުރިމަތީގައި ބަޔާނަށް ދެން ހިނިތުންވުން ގެނެސްދިނީ ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ތަޖުރިބާކާރު ފޯވަޑް ތޯމަސް މުލާ އެވެ.

ބަޔާންގެ މި ކުރިއެރުން އެހާ ހިސާބުން ނިންމައެއް ނުލަ އެވެ. އިންގްލެންޑް ގައުމީ ޓީމުގެ ކެޕްޓަން ހެރީ އޭނާގެ ދެ ވަނަ ލަނޑު، 66 ވަނަ މިނިޓްގައި ޖެހި އެވެ.

"މިއީ އަހަރެމެންނަށް ވަރަށް ފުރިހަމަ ރެއެއް. އެހާމެ ބޮޑު މެޗެއް،" މެޗަށް ފަހު ވާހަކަ ދައްކަމުން ހެރީ ބުންޏެވެ.

އޭނާ ބުނީ އަދިވެސް ޓީމުގެ ކުޅުން ރަނގަޅުކުރެވޭނެ ފުރުސަތު އެބަ އޮތް ކަމަށެވެ. އަދި ރޭގެ ކާމިޔާބީއަކީ މޮޅުވުމުގެ ސިލްސިލާއެެއް ފަށަން މުހިންމު ނަތީޖާއެއް ކަމަށް ވެސް ބުންޏެވެ.

ބުންޑަސް ލީގާގެ މިދިއަ 11 އަހަރުގެ ޗެމްޕިއަން ބަޔާން ދެވަނާގައި އޮތީ ބަޔާ ލެވަކޫސަންއަށް ވުރެ 10 ޕޮއިންޓް މަދުވުމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް