މެންޗެސްޓަ ސިޓީގެ ފިލް ފޯޑެއް، މެންޗެސްޓަ ޔުނައިޓެޑްގެ ގޯޅަށް ކުރީ މެޗެއްގައި ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ

މެންޗެސްޓާ ސިޓީ

ޔުނައިޓެޑް ބަލިކޮށް ސިޓީން ލިވަޕޫލްގެ ބޮޑު ހަނގުރާމައަށް ތައްޔާރު

ޔުނައިޓެޑް ލަނޑެއް ޖަހާފައި އޮއްވާ ފަހަތުން އަރައި 3-1 އިން ސިޓީ މޮޅުވި އިރު ތަރިއަކީ ފިލް ފޯޑެން
4 މާރިޗު 2024

މެންޗެސްޓަ ޔުނައިޓެޑުން ފުރަތަމަ ހާފުގެ ކުރީކޮޅު ލަނޑެއް ޖަހައި ކުރި ހޯދާފައި އޮއްވާ ފަހަތުން އަރައި ތިން ލަނޑު ޖަހައި، 3-1 އިން މޮޅުވެ، ޗެމްޕިއަން މެންޗެސްޓަ ސިޓީން އަންނަ ހަފުތާގެ ބޮޑު ހަނގުރާމައަށް ފުރިހަމައަށް ތައްޔާރުވެެއްޖެ އެވެ.

ސިޓީގެ ދަނޑުގައި ކުޅުނު ވާދަވެރި ދެ ޓީމުގެ ވަރުގަދަ ހިފުން ޔުނައިޓެޑްގެ ކޮޅަށް އަނބުރާލެވިދާނެކަމުގެ އުއްމީދު އަށް ވަނަ މިނިޓްގައި ގެނެސްދިނީ މާކަސް ރަޝްފޯޑް އެވެ. ނަމަވެސް މުޅި މެޗުގައި ބޯޅަ ހިފަހައްޓައިގެން ގިނަ ހަމަލާތަކެއް އުފައްދަމުން އައި ސިޓީން އެ ފުރުސަތެއް ނުދިނެވެ.

ފިލް ފޯޑެންއަކީ އާދައިގެ ހުނަރެއް ނޫންކަން 56 އަދި 80 ވަނަ މިނިޓްގައި ދައްކާލީ ޖަހާލި ހިތްގައިމު ލަނޑާއި އެ ދެ ލަނޑު ޖަހަން އޭނާ ބޯޅަ ހޯދި ގޮޮތްތަކެވެ. އެއީ ހުނަރުން ފުރިފައި ހުރި މޮޅު ކުޅުންތެރިއެއް ކަމާ މެދު ޝައްކު ނުއުފެދޭހާ ހިތްގައިމު ކުޅުމެކެވެ.

އެ ދެ ލަނޑަށް އިތުރު ލަނޑެއް ގެނެސްދިނީ އާލިން ހާލޭންޑް މެޗުގެ ފަހު ވަގުތުކޮޅުގަ އެވެ.

މި ކާމިޔާބީއާ އެކު އަދިވެސް ސިޓީ އޮތީ ލިވަޕޫލަށް ވުރެ އެއް ޕޮއިންޓް ފަހަތުން ދެވަނައިގަ އެވެ. އެހެންކަމުން އަންނަ އާދިއްތަދުވަހު ލިވަޕޫލްގެ ދަނޑުގައި މި ވަރުގަދަ ދެ ޓީމު ނުކުންނަ އިރު މިއީ ލީގުގެ އެންމެ މުހިންމު އެއް ވާދަކުރުމެވެ. އަދި ރޭގެ މޮޅަކީ ކޯޗު ޕެޕް ގާޑިއޯލާއަށް އެ ހަނގުރާމައަށް ނުކުންނަން ލިބުނު ބޮޑު އިތުބާރެއް ވެސް މެ އެވެ.

ޔުނައިޓެޑް އޮތީ 44 ޕޮއިންޓާ އެކު ތާވަލްގެ ހަ ވަނައިގަ އެވެ.

އިނގިރޭސި ޕްރިމިއަ ލީގުގެ ގަދަ ފަހެއް

  • 1-

    ލިވަޕޫލް، ކުޅުނު 27، ޕޮއިންޓް 63

  • 2-

    މެންޗެސްޓަ ސިޓީ، ކުޅުނު 27، ޕޮއިންޓް 62

  • 3-

    އާސެނަލް، ކުޅުނު 26، ޕޮއިންޓް 58

  • 4-

    އެސްޓަން ވިލާ، ކުޅުނު 27، ޕޮއިންޓް 55

  • 5-

    ޓޮޓެންހަމް، ކުޅުނު 26، ޕޮއިންޓް 50

އިތުރު އާޓިކަލް

އިތުރު އާޓިކަލް