އިނގިރޭސި ލީގު ކަޕްގެ ކާމިޔާބުކުރުމަށް ފަހު ތައްޓާ އެކު ކޯޗު ޔާގަން ކްލޮޕް އާއި ކުޅުންތެރިން: މިއީ ލިވަޕޫލްގައި ކްލޮޕްގެ 10 ވަަނަ ތަށި

ލިވަޕޫލް

ލީގު ކަޕް ކާމިޔާބޮށް ކްލޮޕް ބުނީ 'މިއީ އެންމެ ހާއްސަ ތަށި' ކަމަށް

ޗެލްސީއާ ދެކޮޅަށް ލިވަޕޫލުން ނެރުނީ ވަރަށް ޒުވާން ޓީމެއް. ނަމަވެސް ކެޕްޓަން ވެން ޑައިކްގެ ލަނޑުން މެޗު ކާމިޔާބުކުރި
26 ފެބްރުއަރީ 2024

ރޭ އިނގިރޭސި މައި ސްޓޭޑިއަމް، ވިމްބްލީގައި ކުޅުނު ލީގު ކަޕް ނުވަތަ ކަރަބާއޯ ކަޕްގެ ފައިނަލްގައި ޗެލްސީ 1-0 އިން ބަލިކޮށް ހޯދި ތަށި، ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕްއަށް ވަރަށް މުހިންމެވެ. އޭނާ ސިފަކުރި ގޮތުގައި މިއީ 'އެންމެ ހާއްސަ ތައްޓެ'ވެ.

މެޗުގެ ނަތީޖާ ނެރެން ކުޅުނު އިތުރު 30 މިނިޓް ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށް ކެޕްޓަން ވާޖިލް ވެން ޑައިކް ކޯނަރަކުން ބޮލުން ޖެހި ރީތި ލަނޑުން ލިވަޕޫލް މި މޮޅުވީ ޓީމުގެ މުހިންމު އެތައް ކުޅުންތެރިން ނުލައި ކުޅެގެންނެވެ. އަނިޔާގެ ސަބަބުން ނޭރުނު ކުޅުންތެރިންގެ ތެރޭގައި އެންމެ މޮޅު ފޯވަޑް މުހައްމަދު ސަލާހު ވެސް ހިމެނެ އެވެ.

ލިވަޕޫލުން ކުޅުނު ޓީމަށް ކްލަބްގެ ޒުވާން އެކަޑަމީން ވެސް ކުޅުންތެރިން ނެގި އެވެ. 

ޗެލްސީއަކީ އެންމެ ބޮޑު ހޭދައެއްކޮށްގެން ކުޅުންތެރިން ހޯދާފައިވާ އެއް ޓީމެވެ. ނަމަވެސް ލިވަޕޫލް ކައިރިން ސަލާމަތެއް ނުވެވުނެވެ.

މި ސީޒަން ނިމުމުން ލިވަޕޫލް ދޫކޮށްލަން ނިންމައިގެން ހުރި ކްލޮޕް ބުނީ އޭނާގެ 20 އަހަރުގެ ކޯޗިން ކެރިއަރުގައި މިއީ އެންމެ ހާއްސަ ތަށި ކަމަށެވެ.

"އަހަރެންގެ އަމިއްލަ ނަމާ މެދު ވިސްނާކަށް ނެތިން. މިތަނުގައި އަހަރެން މި ހުރީ އެކަހަލަ ނަމެއް އުފައްދާކަށް ވެސް ނޫން. މި ތަށި ހަމަ ވަރަށް ހާއްސަ،" މެޗަށް ފަހު ކްލޮޕް ބުންޏެވެ.

މިއީ ލިވަޕޫލްގައި އޭނާ ހޯދި 10 ވަނަ ތައްޓެވެ. އަދި މި އަހަރު ހަތަރު ތަށި ހޯދުމުގެ ފުރުސަތު އޮތީ ވަރަށް ބޮޑަށް ހުޅުވިފަ އެވެ. ފުރަތަމަ ތައްޓާ އެކު ދެން އޮތީ އެފްއޭ ކަޕް އެވެ. އިނގިރޭސި ލީގުގައި މިހާރު ވެސް ލިވަޕޫލް އޮތީ އެއް ވަނައިގަ އެވެ. ދެން އޮތީ ޔޫރޮޕާ ލީގެވެ. އެ މުބާރާތުގެ ގަދަ 16އަށް ލިވަޕޫލް ވަނީ ކޮލިފައިވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް