ގައުމީ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި އައިޝަތު ހިމްނާ ހަސަން ދުވަނީ: އުމުރުން 19 އަހަރުގެ އެތުލީޓު ވަނީ 100 އާއި 200 އަދި 400 މީޓަރުގެ ދުވުމުން ގައުމީ މުބާރާތުގެ ރެކޯޑް ހަދާފައި

އެތުލެޓިކްސް

ރަން މެޑެލްއިން ގިނަ އެތުލީޓުން އެއްވަރު، ސާއިދު އާއި ހިމްނާ ކީއްވެ އެކަކަށް؟

ހިމްނާ ވަނީ ދުވުމުގެ ތިން އިވެންޓަކުން ގައުމީ މުބާރާތުގެ ކުރީގެ ރެކޯޑްތައް މުގުރާލައިފައި
22 ނޮވެމްބަރު 2021

ގައުމީ އެތުލެޓިކްސް މުބާރާތް މިދިއަ ހޮނިހިރުދުވަހު ނިމުނީ، ފިރިހެނުންގެ ތެރެއިން އާ ތަރިއެއް ނުފެނި އެކަމަކު ރާއްޖޭގައި އަދި އެވަރުގެ ދެވަނައެއް ނެތް ހަސަން ސާއިދު މުޅި މުބާރާތުގެ ފިރިހެން އެއްވަނަ އެތުލީޓުގެ މަގާމު ހޯދައިިގެންނެވެ.

އެއާ ހިލާފަށް އަންހެން އެންމެ މޮޅު އެތުލީޓު އައިޝަތު ހިމްނާ ހަސަން ވަނީ، ގައުމީ މުބާރާތުގެ ތިން ރެކޯޑެއް މުގުރާލައިފަ އެވެ.

ތިން ދުވަހަށް ދެމިގެންދިޔަ 30 ވަނަ ގައުމީ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ ފޮޓޯތަކުގައި ސާއިދު ފެންނާނީ ކަރުގައި ހަތަރު ރަން މެޑެލް އަޅުވާލައިގެން ހުއްޓަ އެވެ. އެއިން ވެސް ދައްކައިދެނީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް އުފެދުނު އެންމެ ބާރު ދުވުންތެރިޔާ، ޓްރެކްގައި އަދިވެސް އޭނާގެ ކޮންޓްރޯލް އޮތް މިންވަރެވެ.

އިންޑިވިޖުއަލް ބައިން ސާއިދު ރަން މެޑެލް ހޯދީ 100، 200، 400 މީޓަރުގެ ދުވުމުންނެވެ. އެކަމަކު މުބާރާތުގެ އެއް ވަނަ އެތުލީޓު ހޮވަން މީގެ ތެރެއިން ނަގާނީ އެންމެ އަވަސް ވަގުތެއްގައި އޭނާ ނިންމި ދެ ރޭހުގެ ރަން މެޑެއްޔެވެ.

ފިރިހެން އެއްވަނަ އެތުލީޓް، ގައުމީ މުބާރާތުގެ އިވެންޓަކަށް ތައްޔާރުވަނީ: ސާއިދަކީ އަދިވެސް ރާއްޖޭގެ ޓްރެކްގައި ރަސްގެފާނު (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ދިގު ދުވުންތެރިޔާ މުހައްމަދު ރަޝީދު (މޯޑު) ވަނީ 5000 އާއި 10000 މީޓަރުގެ ރޭސް ކާމިޔާބުކޮށް ދެ ރަން މެޑެލް ހޯދައިފަ އެވެ. އަދި 800 މީޓަރާއި 1500 މީޓަރުގެ ރޭސް އެއް ވަނައަށް ނިންމައިގެން ހުސެއިން ރިޒާ (ކުޑަ ރިޒާ) ވެސް ދެ ރަން މެޑެލް ހޯދި އެވެ.

ސުވާލަކީ މި ތިން އެތުލީޓުންނަށް މާކްސް ލިބޭނީ ދެ ރަން މެޑެއްޔަށް ކަމަށް ވެފައި އެއްވަނަ އެތުލީޓުގެ މަގާމު ސާއިދު ހޯދީ ކިހިނެއް ހެއްޔެވެ؟

އެތުލެޓިކްސް އެސޯސިއޭޝަނުން ވަނީ އުސޫލުތަކެއް ހަމަޖައްސައިފަ އެވެ. އެ އުސޫލުތަކުގައި ފުރަތަމަ ބަލަނީ ރަން މެޑެއްޔަށެވެ. މެޑެލް ލިބިގެން އެކަކަށް ވުރެ ގިނަ އެތުލީޓުން އެއްވަރު ވެއްޖެ ނަމަ، މެޑެލް ހޯދި އިވެންޓްތަކުގެ ނަތީޖާތައް އަޅާބަލަނީ އެވެ. އެގޮތުން ސާއިދު މި ފަހަރުގެ 100 މީޓަރުގެ ރޭސް ކާމިޔާބުކުރީ 10:63 ސިކުންތުން ނިންމައިގެން ކަމަށް ވެފައި، އެ ވަގުތަކީ ގައުމީ އެތުލެޓިކްސް މުބާރާތުގެ ރެކޯޑް ވަގުތާ ކިހާ ކައިރިއެއްތޯ ބަލަ އެވެ.

މުހައްމަދު ރަޝީދާއި ރިޒާ ރަން މެޑެލް ހޯދި އިވެންޓްތަކަށް ވުރެ ސާއިދުގެ 100 މީޓަރާއި 200 މީޓަރުގެ ވަގުތު، މުބާރާތުގެ ރެކޯޑް ވަގުތާ މާ ބޮޑަށް ކައިރި އެވެ. އެހެންކަމުން އޭނާއަށް ލިބޭ ޕޮއިންޓް ގިނަވެ އެވެ.

 ހަސަން ސާއިދަށް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ތަށި ހަވާލުކޮށްދެއްވަނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ހަސަން ސާއިދުގެ ވަގުތުތައް

  • 100 މީޓަރު: 10:63 ސިކުންތު - ގައުމީ މުބާރާތުގެ ރެކޯޑް: 10:48 ސިކުންތު

  • 200 މީޓަރު: 21:88 ސިކުންތު - ގައުމީ މުބާރާތުގެ ރެކޯޑް: 21:84 ސިކުންތު

  • 400 މީޓަރު: 50:95 ސިކުންތު - ގައުމީ މުބާރާތުގެ ރެކޯޑް: 49:46 ސިކުންތު

ހުސެއިން ރިޒާގެ ވަގުތުތައް

  • 800 މީޓަރު: 1:59:83 މިނިޓް - ގައުމީ މުބާރާތުގެ ރެކޯޑް: 1:59:01 މިނިޓް

  • 1500 މީޓަރު: 4:16:47 މިނިޓް - ގައުމީ މުބާރާތުގެ ރެކޯޑް: 4:11:44 މިނިޓް

މުހައްމަދު ރަޝީދުގެ ވަގުތުތައް

  • 5000 މީޓަރު: 16:46:35 މިނިޓް - ގައުމީ މުބާރާތުގެ ރެކޯޑް: 15:50:44 މިނިޓް

  • 10000 މީޓަރު: 35:19:50 މިނިޓް - ގައުމީ މުބާރާތުގެ ރެކޯޑް: 33:34:22 މިނިޓް

 އަންހެން އެއް ވަނަ އެތުލީޓްގެ ތަށި އައިޝަތު ހިމްނާ ހަސަންއަށް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހަވާލުކޮށްދެއްވަނީ --(ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ހިމްނާ ވަރަށް ތަފާތު

އަންހެނުންގެ އެއް ވަނަ އެތުލީޓަށް ހޮވުނު ހިމްނާއަކީ އަސްލު މި މުބާރާތުގެ ތަރި އެވެ. އޭނާ ވަނީ 100 އާއި 200 އަދި 400 މީޓަރުން ގައުމީ މުބާރާތުގެ ރެކޯޑްތައް އާކޮށްފަ އެވެ.

ހިމްނާގެ ވަގުތުތައް

  • 100 މީޓަރު: 12:45 ސިކުންތު

  • 200 މީޓަރު: 26:13 ސިކުންތު

  • 400 މީޓަރު: 1:00:85 މިނިޓް

ހިމްނާގެ އިތުރުން މިޑްލް ޑިސްޓޭންސްގެ ޒުވާން ދުވުންތެރިޔާ އައިމިނަތު ޖައިޝާ ޖުނީޒް ވެސް ތިން ރަން މެޑެލް ހޯދި އެވެ. އެކަމަކު ގައުމީ މުބާރާތުގެ ކުރީގެ ރެކޯޑް ވަގުތުތަކަށް ވުރެ ދަށްވުމުން، އެއްވަނަ އެތުލީޓުގެ މަގާމާ ހަމައަށް ނުދެވުނީ އެވެ.

ޖައިޝާ ރަން މެޑެލް ހޯދީ 800 އާއި 1500 އަދި 5000 މީޓަރުގެ ދުވުމުންނެވެ.

ޖައިޝާގެ ވަގުތުތައް

  • 800 މީޓަރު: 2:30:95 މިނިޓް

  • 1500 މީޓަރު: 5:10:67 މިނިޓް

  • 5000 މީޓަރު: 21:22:61 މިނިޓް

އިތުރު އާޓިކަލް

އިތުރު އާޓިކަލް