ކުޅުންތެރިންނަށް ފަރުވާ ދިނުމަށް ގާއިމް ކުރި ފެސިލިޓީ ރައީސް ހުޅުއްވައިދެއްވުން (ފޮޓޯ/ ރައީސް އޮފީސް)

ކުޅުންތެރިންނަށް ފަރުވާ ދޭން ހާއްސަ ތަން ރައީސް ހުޅުވައިދެއްވައިފި

މި ތަން ގާއިމްކޮށްފައި ވަނީ ސޯޝަލް ސެންޓަރުގައި

ކުޅިވަރު ކުންތެރިންނަށް ފަރުވާ ދިނުމަށް ސޯޝަލް ސެންޓަރުގައި ގާއިމް ކުރި ފެސިލިޓީ ރައީސް މުހައްމަދު މުއިއްޒު މިރޭ ހުޅުވައިދެއްވައިފި އެވެ.

ވީ ކިހިނެއް؟ - ކުޅިވަރު ކުޅުމުގެ ތެރޭގައި ކުޅުންތެރިންނަށް ލިބޭ އަނިޔާތަކަށް ފަރުވާ ދިނުމަށް ގާއިމް ކުރި މި ފެސިލިޓީ، ރައީސް މުއިއްޒު ހުޅުވައިދެއްވީ މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.

ތަފްސީލު - އެ ފެސިލިޓީ ހުޅުވައިދެއްވުމަށް ފަހު، ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވީ، މިއީ ގައުމީ ކުޅިވަރު ތާރީހުގައި ވަރަށް މުހިންމު ދުވަހެއް ކަމަށެވެ. އެގޮތުން، މިއީ "ގައުމީ އެތުލީޓުންނާއި ކުޅިވަރުގައި ކުރިއަރަމުން އަންނަ އެތުލީޓުން ބޭނުންވާ އެންމެ އަސާސީ އެއް ހިދުމަތް ކަށަވަރުގެންދާ ދުވަސް" ކަމުގައި އޭނާ ސިފަ ކުރެއްވި އެެވެ.

އޭނާ ވިދާޅުވީ:

  • މިއީ، މި ސަރުކާރުގެ 'ހަފްތާ14' ނުވަތަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ގައުމީ އަދި ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ ތަންތަނުގައި ހުރުން ލާޒިމް ހިދުމަތްތައް އެކުލަވާލުމުގެ މަސައްކަތް ފެށުމުގެ ވައުދު ފުއްދުން

  • ކުޅިވަރު ކުޅޭ ތަންތަނުގައި ވެސް ސިއްހީ ފަރުވާ ދޭ ކޮޓަރި ހަދައި އެ ތަންތަނުގައި ބޭނުން ކުރެވޭ އާލަތްތައް މިހާރު ވަނީ ފުރިހަމަކޮށްފައި

  • އެ ތަންތަނުގެ ހިދުމަތް ދޭނެ ފަސްޓް އެއިޑް ހިދުމަތްތެރިން ތަމްރީނުކުރެވި، މޯލްޑިވްސް އޮލިޕްކްސް ކޮމިޓީއާ ގުޅިގެން އެކަން ވަނީ ހަމަޖައްސާފައި

  • ރާއްޖޭގެ އެތްލީޓުން ހަފްތާއަކު ތިން ދުވަހު ތެރަޕީ ނެގޭނެ ގޮތަށް މާދަމާއިން ފެށިގެން ހަމަޖައްސާނެ؛ އެކަން ކުރުމަށް ހާއްސަ ވެބްސައިޓެއް އިފްތިތާހު ކުރާނެ

  • ކުރިއަށް އޮތް ދުވަސްތަކުގައި މިނީ ތެރަޕީއާ ގުޅޭ ހާއްސަ އެޕްލިކޭޝަނެއް ތައާރަފް ކުރާނެ؛ އޭގެން އެޕޮއިންޓްމެންޓް ވެސް ހެއްދޭނެ

"މި އަސާސީ ހިދުމަތަކީ ކުޅިވަރު ކުރިއެރުވުމަށް މި ސަރުކާރުން ވިސްނުންތެރިކަމާ އެކު ކުޅިވަރު ކުޅޭ ހުރިހާ ފަރާތްތައް ބޭނުންވާ ކަންކަން ދެނެގަނެ، އެ ކަންކަމަށް އަވަސް ހައްލެއް ހޯދުމަށް ކުރާ މަސައްކަތްތަކުގެ އަލިގަދަ ހެއްކެއް،" ރާފިއު ވިދާޅުވި އެވެ.

ރާފިއު ފާހަގަކުރެއްވި ގޮތުގައި، މިރޭ އިފްތިތާހު ކުރީ ވަރަށް ބޮޑަށް ބޭނުން ޖެހިފައިވާ ހިދުމަތެކެވެ. ނަމަވެސް، "ކުޅިވަރުގެ ދާއިރާއަށް ވޭތުވެދިޔަ ތަނުގައި އަޅާނުލެވި" އޮތުމުގެ ނަތީޖާއެއްގެ ގޮތުން މިފަދަ ހިދުމަތެއް އޮތީ ތައާރަފް ނުކުރެވި ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަމަ ޔަގީނުން ވެސް މި ހިދުމަތުގެ ސަބަބުން ކުޅިވަރުގެ ދާއިރާއަށް ބޮޑު އިންގިލާބީ ބަދަލެއް ފެނިގެންދާނެ،" ބައެއް އެތުލީޓުންނާއި އެހެން ވެސް ކުޅިވަރު ކުޅޭ ފަރާތްތައް ބައިވެރިވި އެ ރަސްމިއްޔާތުގައި އޭނާ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް