ޖަރުމަންގެ ފުޓްބޯޅަ ތަރި ފްރޭންޒް ބެކެންބާ 1974ގެ ވޯލްޑް ކަޕް އުފުލާލަނީ

ފުޓްބޯޅަ

ބެކެންބާގެ މަރު: ފުޓްބޯޅައިގެ މުހިންމު ސަފުހާއެއްގެ ނިމުން

ކުޅުންތެރިއެއްގެ ގޮތުންނާއި ކޯޗެއްގެ ގޮތުގައި ޖަރުމަނަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ޝަހުސިއްޔަތު މަރުވީ އުމުރުން 78 އަހަރުގައި
9 ޖެނުއަރީ 2024

ކުޅުންތެރިއެއްގެ ގޮތުގަ އާއި އޭގެ ފަހުން ކޯޗެއްގެ ގޮތުގައި ޖަރުމަނަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ފުޓްބޯޅައިގެ އިސް ޝަހުސިއްޔަތު ފްރޭންޒް ބެކެންބާ، އުމުރުން 78 އަހަރުގައި، އިއްޔެ މަރުވެއްޖެ އެވެ.

މިހާތަނަށް ދުނިޔެ ދުށް އެންމެ މޮޅު އަދި ކާމިޔާބު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ބެކެންބާ ވެސްޓަ ޖަރުމަނަށް 1974ގެ ވޯލްޑް ކަޕް ހޯދައިދިނީ ކެޕްޓަނަކަށް ހުރެގެންނެވެ. އޭގެ ފަހުން 1990ގެ ވޯލްޑް ކަޕް، ވެސްޓް ޖަރުމަނަށް ކާމިޔާބުކޮށްދިނީ ކޯޗަކަށް ހުރެ އެވެ. އެފަހަރުގެ ފައިނަލްގައި ވެސްޓް ޖަަރުމަން މޮޅުވީ 1986ގެ ޗެމްޕިއަން އަދި އޭރު ދުނިޔޭގެ އެންމެ މޮޅު ކުޅުންްތެރިޔާ ޑިއެގޯ މެރެޑޯނާ ކުޅުނު އާޖެންޓީނާ ބަލިކޮށްފަ އެވެ.

ފްރޭންޒް ބެކެންބާ: އޭނާ ހޯދި ކާމިޔާބީތައް ގިނަ

އީސްޓް ޖަރުމަން ރޫޅި، 1990ގެ އަހަރުތަކުގެ ކުރީކޮޅު ދެ ޖަރުމަން އެއްކޮށްލުމުގެ ކުރިން ފުޓްބޯޅާގައި ވެސް އެއީ ވަކި ދެ ގައުމެކެވެ. ނަމަވެސް ދެ ޖަރުމަން އެއްވުމާ އެކު ދެން ކުޅިވަރުގައި ފެނުނީ، މިހާރެކޭ އެއްގޮތަށް، ޖަރުމަންގެ ގައުމީ ޓީމެވެ.

ބެކެންބާގެ އާއިލާއިން ނެރުނު ބަޔާނެއްގައި ބުނީ އޭނާ މަރުވީ ނިދީގައި އޮއްވައި ކަމަށެވެ. އިތުރު އެއްވެސް މައުލޫމާތެއް ނުދީ އާންމުންގެ ކިބައިން އެދުނީ ހިމެނޭންކަމުގައި ހިތާމަ ފާޅުކުރުމުގެ ފުރުސަތު އާއިލާއަށް ދިނުމަށެވެ.

ފްރޭންޒް ބެކެންބާ 1990ގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމަށް ފަހު ކުޅުންތެރިންނާ އެކު އުފާ ފާޅުކުރަނީ

ގައުމީ ޓީމުގެ ކާމިޔާބީތަކުގެ އިތުރުން ބަޔާން މިޔުނިކަށް ކުޅުންތެރިއެއްގެ ގޮތުގަ އާއި ކޯޗެއްގެ ގޮތުގައި ޖަރުމަން ލީގު ވެސް އެތައް ފަހަރަކު ހޯދައިދިނެވެ. ބަޔާނުން ނެރުނު ބަޔާނެއްގައި ބުނީ ބެކެންބާ ނެތް ނަމަ އެ ކްލަބަށް މިހާރުގެ ފެންވަރަށް ނާދެވުނީސް ކަމަށެވެ.

ބެކެންބާއަކީ މިހާތަނަށް އިންގްލެންޑަށް ކާމިޔާބުކުރެވުނު ހަމައެކަނި ވޯލްޑް ކަޕް، 1966ގައި އުފުލާލި އިރު ފައިނަލްގައި އިންގްލެންޑްގެ ވަރުގަދަ ކުޅުންތެރިޔާ ބޮބީ ޗާލްޓަން މާކްކުރި މިޑްފީލްޑަރެވެ. ނަމަވެސް ފަހުން އޭނާ ބަދަލުވީ ދިފާއީ ކުޅުންތެރިޔަކަށެވެ.

ޖަރުމަންގެ ފުޓްބޯޅަ ތަރި ފްރޭންޒް ބެކެންބާ ކުޅުމުގެ ތެރޭގައި

އެ ފައިނަލްގައި ވެސްޓް ޖަރުމަން އަތުން އިންގްލެންޑް މޮޅުވީ 4-2 އިންނެވެ. އެ ވޯލްޑް ކަޕްގައި އުމުރުން އެންމެ 20 އަހަރުގައި ބެކެންބާ ހަތަރު ލަނޑު ޖެހި އެވެ. އޭނާއަކީ އެ މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ އެވެ.

ފުޓްބޯޅަ ކުޅުން 1983ގައި ހުއްޓާލިތާ އަހަރެއް ފަހުން ވެސްޓް ޖަރުމަންގެ ގައުމީ ޓީމުގެ ކޯޗުކަން އޭނާއަށް ދިން އިރު އެފަދަ ތަޖުރިބާއެއް ވެސް ނެތެވެ. ނަމަވެސް 1986ގެ ވޯލްޑް ކަޕްގެ ފައިނަލަށް ވެސްޓް ޖަރުމަން ގެންގޮސްދިނެވެ. އެ ފަހަަރު އާޖެންޓީނާ އަތުން ބަލިވުމުގެ ބަދަލުހިފީ 1990ގެ މުބާރާތުގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް