އެފްއޭ ކަޕްގައި ރޭ އާސެނަލް ކޮޅަށް ލަނޑު ޖެހުމަށް ފަހު ލިވަޕޫލް ކުޅުންތެރިން އުފާ ފާޅުކުރަނީ

ލިވަޕޫލް

ލިވަޕޫލް އަތުން އާސެނަލް ބަލިވެ އެފްއޭ ކަޕުން ކަޓައިފި

އެފްއޭ ކަޕްގެ ތިން ވަނަ ބުރުގެ އެންމެ ވާދަވެރި، އެންމެ ފޯރިގަދަ މެޗުގައި އާސެނަލްގެ މައްޗަށް ލިވަޕޫލުން ކުރި ހޯދީ 2-0 އިން
8 ޖެނުއަރީ 2024

އިނގިރޭސި އެފްއޭ ކަޕްގެ ތިން ވަނަ ބުރުގެ އެންމެ ވާދަވެރި އަދި އެންމެ ފޯރިގަދަ މެޗުގެ ފަހު ވަގުތުކޮޅު 2-0 އިން ލިވަޕޫލް ކާމިޔާބުކޮށް، އާސެނަލް ކަޓައިފި އެވެ.

އާސެނަލްގެ އެމިރޭޓްސް ދަނޑުގައި ކުޅުނު މި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައި މޮޅު ކުޅުމެއް ދެއްކި ނަމަވެސް އާސެނަލްގައި ލަނޑު ޖަހާނެ އިތުބާރު ފޯވަޑަކު ނެތްކަން ސާބިތުވި އެވެ. އަނެއްކޮޅުން ލިވަޕޫލް ކުޅުނީ އެ ޓީމުގެ އެންމެ ވަރުގަދަ ފޯވަޑް މުހައްމަދު ސަލާހު ވެސް ނުލަ އެވެ. އޭނާ މިހާރު ވީ އެފްރިކަން ކަޕް އޮފް ނޭޝަންސްގައި މިސްރަށް ކުޅެން ގޮހެވެ.

ލިވަޕޫލަށް 80 ވަނަ މިނިޓްގައި ކުރި ލިބުނީ އާސެނަލްގެ ޖަކޫބް ކިވިއޯގެ ބޮލުގައި ޖެހި އަމިއްލަ ބައިކޮޅަށް ވަން ލަނޑުންނެވެ. އެކަމަކު މެޗުގެ އިތުރު ވަގުތުގައި ލުއިސް ޑިއާޒް ލަނޑެއް ޖަހައި، 2-0 އަށް ނަތީޖާ ބަދަލުކޮށްލި އެވެ.

މިއީ 23 ޑިސެމްބަރުގައި ލިވަޕޫލްގެ ދަނޑުގައި ކުޅުނު އިނގިރޭސި ޕްރިމިއަ ލީގުގެ މެޗު 1-1 އިން އެއްވަރުވެގެން ނިމުނު ފަހުން އާސެނަލް ޖެހިޖެހިގެން ބަލިވި ތިން ވަނަ މެޗެވެ.

"މެޗަކުން މޮޅުވަންޏާ އެ ލިބޭ ފުރުސަތުގެ ބޭނުން ހިފަން ޖެހޭނެ. އެކަން އަހަރެމެންނަކަށް ނުކުރެވުނު،" މެޗަށް ފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުންޏެވެ.

އޭނާ ބުނީ ޔޫރަޕްގެ ވެސް އެންމެ މޮޅު ޓީމުތަކުގެ ތެރޭގައި ހިމެނޭ ލިވަޕޫލްއާ ދެކޮޅަށް އެހާ ވަރަށް ކުޅެ، އެހާ ގިނަ ފުރުސަތުތައް ހޯދި އިރު، މޮޅުވުން ނޫން އެހެން ނަތީޖާއެއް އޮވެގެން ނުވާނެ ކަމަށެވެ. ނަމަވެސް ކަން ދިމާކުރީ އެހެން ނޫން ކަމަށް ބުންޏެވެ.

މި ފަހަގެ ބަލިތަކާ އެކު ކުޅުންތެރިންނަށް ނަފުސާނީ މައްސަލަތަކެއް ކުރިމަތިވާނެ ކަމަށް އާޓެޓާ ދެކެ އެވެ. އެހެންކަމުން އޭނާ ބުނީ ވީހާވެސް އަވަހަކަށް އަލުން ކުރީގެ ނަތީޖާތައް އަނބުރާ ގެންނަން ޖެހޭ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް