އިއްޔެ ނިމުނު ގައުމީ ގްރޯން ޕްރީގެ ފިރިހެން އެއްވަނަ އެތުލީޓް ހުސެއިން ފަޒީލް ހާރޫން އާއި އަންހެން އެންމެ މޮޅު އެތުލީޓް ފަސޫހާ އަހުމަދު، ތައްޓާ އެކު --ފޮޓޯ/އެތުލެޓިކްސް އެސޯސިއޭޝަން، އިމޭޖްސްއެމްވީ

އެތުލެޓިކްސް

ދުވުމުގައި ފަޒީލް ގޮތް ދޫކުރުމެއް ނެތް، އިއްޔެ ވެސް ފެނުނީ އެކަން

ގްރޯން ޕްރީގައި 3000 މީޓަރުން ހުސެއިން ފަޒީލް ހެދި ގައުމީ ރެކޯޑާ އެކު އޭނާއަކީ ފިރިހެން އެންމެ މޮޅު އެތުލީޓް. އަންހެން އެންމެ މޮޅު އެތުލީޓަކީ ފަސޫހާ އަހުމަދު
24 ޑިސެމްބަރު 2023

ދުވުންތެރިޔާ ހުސެއިން ފަޒީލް ހާރޫނަކީ އޭނާ ބޭނުންވާ މަގާމަށް ދާން ހިތްވަރު ދޫކުރުމެއް ނެތި މަސައްކަތްކުރާ އެތުލީޓެއްކަން އިއްޔެ ވެސް ސާބިތުކޮށްދީފި އެވެ. އަހަރުގެ އެންމެ ފަހު އެތުލެޓިކްސް މުބާރާތް، ގައުމީ ގްރޯން ޕްރީގެ ފިރިހެން އެންމެ މޮޅު އެތުލީޓުގެ ޝަރަފާ އެކު އޭނާ މާލޭ ޓްރެކުން ނުކުތީ އަނެއްކާވެސް ގައުމީ ރެކޯޑެއް އާކޮށްފަ އެވެ.

މިދިއަ ހުކުރުދުވަހު އޮތް 1500 މީޓަރުގެ ރޭސް ވެސް ކާމިޔާބުކުރި ދުވުންތެރިޔާ އިއްޔެގެ 3000 މީޓަރު ދުވުމުން އެއް ވަނަ ހޯދީ އޭގެ ކުރިން އެ ދުވުމުގައި އޭނާ ހެދި ގައުމީ ރެކޯޑް ވެސް މުގުރާލައިފަ އެވެ. ކުރިން ފަޒީލް ރެކޯޑް ހެދީ 9:02.57 މިނިޓުން ނިންމައިގެންނެވެ. އެ ރެކޯޑް އިއްޔެ އޭނާ މުގުރާލީ ހަތް ސިކުންތު އަވަހަށް ދުވެ، 8:55.87 މިނިޓުން ނިންމުމަށް ފަހު އެވެ.

މި ކާމިޔާބީއާ އެކު މުބާރާތުގެ އެންމެ މޮޅު ފިރިހެން ދުވުންތެރިޔާގެ މަގާމު ފަޒީލްއަށް ކަށަވަރުވި އެވެ. މިއީ ގްރޯން ޕްރީގެ އެންމެ މޮޅު އެތުލީޓްގެ މަގާމު ފަޒީލް ހޯދި ހަތަރު ވަނަ ފަހަރެވެ. މީގެ ކުރިން އޭނާ އެ ޝަރަފާ އެކު މުބާރާތް ނިންމާލީ، 2018 ،2019 އަދި 2021ގަ އެވެ.

މިދިއަ އަހަރުގެ ގައުމީ މުބާރާތުގައި ހުސެއިން ފަޒީލް 5000 މީޓަރުގެ ރޭސް ނިންމަނީ (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

މި އަހަރުގެ ގައުމީ މުބާރާތުގެ އެއްވަނަ އެތުލީޓްގެ މަގާމު ހޯދަން ފަޒީލް ކުރި އުއްމީދު ހާސިލްނުވީ 800 މީޓަރުގެ ރޭހުން ދެ ވަނައަށް ގޮސްގެންނެވެ. އެހެންކަމުން އޭނާގެ އެންމެ ބޮޑު އަމާޒަކަށް ހެދީ ގްރޯން ޕްރީ އެވެ.

މި އަހަރުގެ ގްރޯން ޕްރީގެ އެންމެ މޮޅު އަންހެން އެތުލީޓަކީ ފަސޫހާ އަހުމަދެވެ. އޭނާ ވަނީ 1500 މީޓަރުން ގައުމީ ރެކޯޑް ހަދައިފަ އެވެ. ކުރިން އައިމިނަތު ޖާއިޝާ ޖުނީޒް 5:05.36 މިނިޓުން ހެދި ރެކޯޑް މިދިއަ ހުކުރުދުވަހު ފަސޫހާ މުގުރާލީ 5:04.02 މިނިޓުން ދުވެގެންނެވެ.

ފަސޫހާ ދެން އެއްވަނަ ހޯދީ 800 މީޓަރުގަ އެވެ. އޭނާ އެ ރޭސް ކާމިޔާބުކުރީ 2:19.73 މިނިޓުން ދުވެގެންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް