މެންޗެސްޓާ ސިޓީގެ މިކާ ހަމިލްޓަން (92) ރޭ ޗެމްޕިއަންސް ލީގުގައި ސާބިއާގެ ރެޑް ސްޓާ ބަލްގްރޭޑް ކޮޅަށް ލަނޑު ޖެހުމުން އެހެން ކުޅުންތެރިން މަރުހަބާ ކިޔަނީ

މެންޗެސްޓާ ސިޓީ

13 އަހަރުގައި ސިޓީގެ ބޯލް-ބޯއީއަކަށް، ރޭ ލަނޑު އެ ޖެހީ ޗެމްޕިއަންސް ލީގުގައި

މީގެ ހަ އަހަރު ކުރިން ކުޅުނު ލީގު މެޗެއްގައި މިކާ ހަމިލްޓަން ކައިރީގައި އަވަހަށް ބޯޅަ ދޭން ޕެޕް ގާޑިއޯލާ އިރުޝާދު ދިން ފޮޓޯ ރޭ ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފައި
14 ޑިސެމްބަރު 2023

ޗެމްޕިއަންސް ލީގުގައި ރޭ ސާބިއާގައި ރެޑް ސްޓާ ބަލްގްރޭޑްއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ލަނޑު މެންޗެސްޓާ ސިޓީއަށް ޖަހައިދިން މިކާ ހަމިލްޓަން، އިނގިރޭސި ފުޓްބޯޅައިގެ ތާރީހުގެ ތެރެއަށް ވަދެއްޖެ އެވެ.

އުމުރުން 20 އަހަރާއި 30 ދުވަހުގެ ހަމިލްޓަންއަކީ 2017ގެ ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި މެންޗެސްޓަ ޔުނައިޓެޑްއަށް މާކަސް ރަޝްފޯޑް ލަނޑު ޖެހި ފަހުން އެ މުބާރާތުގައި ފުރަތަމަ ފަހަރަށް ކުޅެން ނުކުމެ ލަނޑެއް ޖެހި އިނގިރޭސި އެންމެ ހަގު ކުޅުންތެރިޔާ އެވެ.

އޭނާއަށް ގިނަ މީހުންގެ ޝައުގުވެރިކަން އުފެދުނީ ރޭގެ މެޗަކަށް ނުކުތުމާ އެކު ސޯޝަލް މީޑިއާގައި ދައުރުވި 2017ގެ ފޮޓޯއަކުންނެވެ. އެ ފޮޓޯގައި ފެންނަނީ ސިޓީގެ ދަނޑުގައި ބޯލް-ބޯއީއަކަށް ހުރި އިރު އޭނާގެ ކަންފަތް ދޮށުގައި ޕެޕް ގާޑިއޯލާ އެއްޗެކޭ ބުނާ ތަނެވެ. ސިޓީގެ ކޯޗު އެ ބުނަނީ ބޭރުވާ ބޯޅަ އަވަހަށް ސިޓީގެ ކުޅުންތެރިންނަށް ދޭށޭ ކަމަށް، މީޑިއާގައި ހަބަރު ފެތުރުނެވެ.

އެ މެޗުގައި ކްރިސްޓަލް ޕެލެސް އަތުން ސިޓީ މޮޅުވަނީ 5-0 އިންނެވެ.

ރޭ 3-2 އިން ރެޑް ސްޓާ ބަލިކުރުމާ އެކު ގަދަ 16އަށް، އެންމެ ފަހުގެ ޗެމްޕިއަން ސިޓީ ދަތުރުކުރީ ގްރޫޕްގެ ހުރިހާ މެޗެއް ކާމިޔާބުކޮށް %100ގެ ރެކޯޑަކާ އެކުގަ އެވެ. މިއީ އިނގިރޭސި ޓީމެއް އެފަދަ ކާމިޔާބު ނަތީޖާއެއް ނެރެ ނޮކްއައުޓް ސްޓޭޖަށް ދިޔަ ދެ ވަނަ ފަހަރެވެ. މީގެ ކުރިން ގްރޫޕްގެ ހުރިހާ މެޗަކުން މޮޅުވި އިނގިރޭސި ޓީމަކީ 22-2021 ސީޒަންގައި ލިވަޕޫލް އެވެ.

ރޭގެ މެޗަށް ފަހު ހަމިލްޓަންއާ ބެހޭ ގޮތުން ގާޑިއޯލާ ބުނީ "ވަރަށް އުފާވެއްޖެ" ކަމަށެވެ.

"އަހަރެމެންނާ އެކު ވަރަށް ގިނައިން އޭނާ އަންނަނީ ތަމްރީން ހަދަމުން،" ގާޑިއޯލާ ބުންޏެވެ.

ހަމިލްޓަން ބުނި ގޮތުން ނަމަ "އެއީ ހުވަފެނެއް ފަދަ" ކަމެކެވެ.

"ތަމްރީންތަކާއި މެޗުތަކުން އަހަރެމެންނަށް މެނޭޖަރު ފުރުސަތު ދޭ. އެންމެ މޮޅު ކުޅުންތެރިންނާ އެކު ކުޅެންޏާ ކުރިއެރުން ވެސް ލިބޭނެ،" އޭނާ ބުންޏެވެ.

ހަމިލްޓަން ބުނީ ކަނާތް ފަރާތު ވިންގަށް އޭގެ ކުރިން އޭނާ ނުކުޅޭ ކަމަށެވެ. ނަމަވެސް އެ މަގާމަށް އޭނާ ލުމުން އެކަން ނެގީ ޗެލެންޖެއްގެ ގޮތުގައި ކަަމަށް ބުންޏެވެ.

"ހަމަޖެހިގެން ކުޅެލަން ބޭނުންވީ،" ހަމިލްޓަން ބުންޏެވެ.

ރޭގެ މެޗުގައި ސިޓީއަށް 20 އަހަރުގެ އޮސްކާ ބޮބް ވެސް ވަނީ ލަނޑެއް ޖަހައިދީފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް