ރޭ މެންޗެސްޓަ ސިޓީގެ ކޮޅަށް ލަނޑު ޖެހުމަށް ފަހު އެސްޓަން ވިލާގެ ލިއޮން ބެއިލޭ (ކ) އުފާ ފާޅުކުރަނީ

މެންޗެސްޓާ ސިޓީ

ސިޓީ ދާ މިސްރާބު މުޅިން ގޯސް، ރޭ ވިލާ އަތުން ބަލިވެއްޖެ

ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުން މޮޅެއް ނުލިބުމަކީ ކޯޗު ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން މެންޗެސްޓަ ސިޓީން މިހާތަނަށް ކުރި ތަޖުރިބާއެއް ނޫން
7 ޑިސެމްބަރު 2023

އިނގިރޭސި ޕްރިމިއަ ލީގުގައި ރޭ އެސްޓަން ވިލާގެ ދަނޑުގައި 1-0 އިން މެންޗެސްޓަ ސިޓީ ބަލިކުރުމަކީ ވިލާގެ ކުޅުމަށް ބަލާއިރު ހައްގު މޮޅެކެވެ. ނަމަވެސް މިއީ މިދިއަ ތިން އަހަރުގެ ޗެމްޕިއަން ސިޓީއަށް އެހާ އާންމު ތަޖުރިބާއެއް ނޫނެވެ.

ރޭގެ ބައްޔަކީ ލީގުގައި މޮޅެއް ނުލިބި ސިޓީ ޖެހިޖެހިގެން ނިންމި ހަތަރު ވަނަ މެޗެވެ. މިއީ މިދިއަ ހަތް އަހަރުގެ ތެރޭގައި ސިޓީގެ ފަރާތުން ފެނުނު ކަމެއް ވެސް ނޫނެވެ. ކޯޗު ޕެޕް ގާޑިއޯލާ އާއި ޓީމުގެ އިތުރުން ސަޕޯޓަރުންގެ ހިތަށް ވެސް ނުތަނަވަސްކަން ވެރިވާން ޖެހެނީ އެހެންވެ އެވެ.

"އަހަރެމެން މި އުޅެނީ ހަމަނުޖެހުމެއްގެ ތެރޭގައި،" މިއީ ގާޑިއޯލާއަށް ބުނެވެން އޮތް ވާހަކަ އެވެ.

ރޭގެ މެޗުގެ ކުރިން ޗެލްސީ އާއި ލިވަޕޫލް އަދި ޓޮޓެންހަމްއާ ވާދަކޮށް ނިމުނީ އެއްވަރުވެގެންނެވެ. މި ސީޒަންގައި ސްޕެއިންގެ ކޯޗު އުނާއީ އެމެރީގެ އިރުޝާދުގެ ދަށުން އާދަޔާ ހިލާފު ކުޅުމެއް ކުޅެމުން އަންނަ ވިލާ އަތުން އެ ބަލިވީ އެވެ. މެޗުގެ ހަމައެކަނި ލަނޑު 74 ވަނަ މިނިޓްގައި އައީ ލިއޮން ބެއިލޭގެ ފަރާތުންނެވެ. މިއީ ގާޑިއޯލާއާ ދެކޮޅަށް ކުރީގެ އާސެނަލްގެ ކޯޗު އެމެރީ ނުކުތ ް14 މެޗުގެ ތެރެއިން މޮޅެއް ލިބުނު ފުރަތަމަ މެޗު ވެސް މެ އެވެ.

ރޭ ވިލާއިން ސިޓީގެ ގޯލަށް 22 ހަމަލާ އަމާޒުކުރި އެވެ. މިއީ ގާޑިއޯލާގެ ޓީމަކާ ދެކޮޅަށް އިދިކޮޅު ޓީމަކުން އުފެއްދި އެންމެ ގިނަ ހަމަލާ އެވެ. އެއާ ހިލާފަށް ސިޓީއަށް ފޮނުވާލެވުނީ އެންމެ ދެ ބޯޅަ އެވެ. މިއީ ޔޫރަޕްގެ އެންމެ ވަރުގަދަ ފަސް ލީގުގައި ހިމެނޭ ޓީމަކާ ދެކޮޅަށް ގާޑިއޯލާގެ ކުޅުންތެރިން މެޗެއްގައި އުފެއްދި އެންމެ މަދު ހަމަލާ އެވެ.

"އަހަރެމެންނަށް އެނގޭ އަހަރެމެންގެ ފެންވަރު. އަދި މޮޅުވާނެ ގޮތް ހޯދަން މެނޭޖަރެއްގެ ހައިސިއްޔަތުން ދޭން ޖެހޭ އެހީތެރިކަން ވެސް އެނގޭ،" މެޗަށް ފަހު ގާޑިއޯލާ ބުންޏެވެ.

ރޭގެ ބައްޔާ އެކު ސިޓީ ވަނީ އެއްވަނާގައި އޮތް އާސެނަލްއަށް ވުރެ ހަ ޕޮއިންޓް ފަހަތަށް ވެއްޓިފަ އެވެ.

ރޭ ޝެފީލްޑް ޔުނައިޓެޑް އަތުން ލިވަޕޫލް 2-0 އިން މޮޅުވުމާއި ޗެލްސީއާ ކުޅެ މެންޗެސްޓަ ޔުނައިޓެޑް 2-1 އިން ހޯދި ކާމިޔާބީއާ އެކު ތާވަލަށް ވަނީ ބަދަލުތަކެއް އައިސްފަ އެވެ.

ޕްރިމިއަ ލީގުގެ ގަދަ ހައެއް

  • 1-

    އާސެނަލް، ކުޅުނު 15، ޕޮއިންޓް 36

  • 2-

    ލިވަޕޫލް، ކުޅުނު 15، ޕޮއިންޓް 34

  • 3-

    އެސްޓަން ވިލާ، ކުޅުނު 15، ޕޮއިންޓް 32

  • 4-

    މެންޗެސްޓަ ސިޓީ، ކުޅުނު 15، ޕޮއިންޓް 30

  • 5-

    ޓޮޓެންހަމް ކުޅުނު 15، ޕޮއިންޓް 27

  • 6-

    މެންޗެސްޓަ ޔުނައިޓެޑް، ކުޅުނު 15، ޕޮއިންޓް 27

އިތުރު އާޓިކަލް

އިތުރު އާޓިކަލް