އިނގިރޭސި ޕްރިމިއަ ލީގުގައި ރޭ އާސެނަލް އާއި ނިއުކާސަލް ބައްދަލުކުރި މެޗުގައި ދެ ޓީމުގެ ކުޅުންތެރިން ހިތްހަމަނުޖެހުން ފާޅުކުރުމުގައި

އާސެނަލްގެ ފުރަތަމަ ބަލި، އާޓެޓާގެ ރުޅި ރެފްރީންނަށް

ނިއުކާސަލްގެ ލަނޑު ރަނގަޅުތޯ ބަލަން ވީއޭއާރުން ތިން ކަމެއް ޗެކްކުރަން ހަތަރު މިނިޓް ހޭދަކުރަން ޖެހުނު
5 ނޮވެމްބަރު 2023

"ލަދުން ހަލާކުވެއްޖެ."

"މިއީ މަލާމާތެއް."

"އިނގިރޭސި ލީގަށް މި ފެންވަރު ކަމަކުނުދޭ."

މިއީ ހައްތަހާ ވެސް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ، ރޭ ނިއުކާސަލް އަތުނ ް1-0 އިން ބަލިވުމުން، ނޫސްވެރިންގެ ކުރިމަތީގައި ކުރި ޝަކުވާތަކެވެ.

މިއީ މިފަހަރުގެ ލީގުގައި މިހާތަނަށް ކުޅުނު 11 މެޗުގައި އާސެނަލްގެ ފުރަތަމަ ބައްޔެވެ. ނިއުކާސަލްގެ ދަނޑުގައި ކުޅުނު މިވަރުގަދަ މެޗުގައި އާސެނަލް ބަލިކުރަން ލަނޑު ޖެހީ 64 ވަނަ މިނިޓްގައި އެންތަނީ ގޯޑޮން އެވެ.

އެކަމަކު ޝަކުވާ އާއި އާސެނަލްގެ ރުޅި ބޮޑުވީ އެ ލަނޑުގެ ކުރިން، ހިނގާފައި އޮވެދާނެ ތިން ކަމެއް ވީއޭއާރުން ޗެކްކޮށް، ނިންމި ނިންމުމުންނެވެ. އެއް ކަމަކީ ބޯޅަ ބޭރުވިތޯ އެވެ. އަނެއް ކަމަކީ އާސެނަލްގެ ދިފާއީ ކުޅުންތެރިޔާ ގެބްރިއަލް، ގޯލް ކުރިމަތިން ވައްޓާލިތޯ އެވެ. ތިން ވަނަ ކަމަކަށް ބެލީ އޮފްސައިޑްތޯ އެވެ.

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ: ނިއުކާސަލްގެ ލަނޑާ މެދު ބޮޑު ހިތްހަމަނުޖެހުމެއް އޮތް

ހަތަރު މިނިޓް ވަންދެން ޗެކްކުރުމަށް ފަހު ވީއޭއާރުން ނިންމީ އެއިން އެއްވެސް ކަމެއް ނެތް ކަމަށެވެ. އެހެންވެ މެޗުގެ ހަމައެކަނި ލަނޑު އެގޮތުގައި ދެމިއޮތީ އެވެ.

"އަހަރެމެންނަށް ހައްގެއް ނޫން މިގޮތަށް މި މެޗު ނިމޭކަށް،" މެޗަށް ފަހު ވާހަކަ ދައްކަމުން އާޓެޓާ ބުންޏެވެ.

"އަހަރެމެންނަށް މެޗު ގެއްލުނީ ކަނޑައެޅިގެން ވަރަށް ސާފު ކަމެއް ގޯސްކޮށް ނިންމައިގެން."

މެޗުގައި ބޯޅަ ހިފަހައްޓައިގެން ގިނަ އިރު އާސެނަލް ކުޅުނު ނަމަވެސް ނިއުކާސަލްގެ ދިފާއީ ފާރު ފޫއަޅުވާލާފައި، މާ ގިނަ ގޮތްތަކެއް ނުހެދުނެވެ. ހާއްސަކޮށް މެޗުގެ ފަހު ވިއްސަކަށް މިނިޓް ނިއުކާސަލްގެ ޕެނެލްޓީ އޭރިޔާ ބޭރުގައި ބޯޅަ ގެންގުޅުނު އިރު ވެސް، މުޅި ޓީމު އޮތީ އާސެނަލްއަށް ހުރަސް އަޅައަޅަ އެވެ.

މި ނަތީޖާއާ އެކު އާސެނަލް މިހާރު ވަނީ ތިން ވަނައަށް ވެއްޓިފަ އެވެ. ރޭ ބޯންމައުތު އަތުން 6-1ގެ ބޮޑު ތަފާތުން މޮޅުވެ ޗެމްޕިއަން މެންޗެސްޓަ ސިޓީ ވަނީ އެއް ވަނައަށް އަރައިފަ އެވެ.

ޕްރިމިއަ ލީގުގެ ގަދަ ފަހެއް

  • 1-

    މެންޗެސްޓަ ސިޓީ، ކުޅުނު 11، ޕޮއިންޓް 27

  • 2-

    ޓޮޓެންހަމް، ކުޅުނު 10، ޕޮއިންޓް 26

  • 3-

    އާސެނަލް، ކުޅުނު 11، ޕޮއިންޓް 24

  • 4-

    ލިވަޕޫލް، ކުޅުނު 10، ޕޮއިންޓް 23

  • 5-

    އެސްޓަން ވިލާ، ކުޅުނު 10، ޕޮއިންޓް 22

އިތުރު އާޓިކަލް

އިތުރު އާޓިކަލް