ރޭ ޕެރިހުގައި އޮތް ރަސްމިއްޔާތުގައި ބެލޮންޑިއޯ އެވޯޑާ އެކު އާޖެންޓީނާގެ ވޯލްޑް ކަޕް ތަރި ލިއޮނެލް މެސީ

ލިއޮނެލް މެސީ

މެސީ އަށް ވަނަ ފަހަރަށް ބެލޮންޑިއޯ އެވޯޑް ކާމިޔާބުކޮށްފި

މެސީއަށް މި ފަހަރުގެ އެވޯޑް ލިބުނީ އާލިން ހާލޭންޑް ފަހަތަށް ޖައްސާފައި، ސަބަބަކީ ވޯލްޑް ކަޕްގެ ކާމިޔާބީ
31 އޮކްޓޯބަރު 2023

ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ އެވޯޑް ބެލޮންޑިއޯ، އަށް ވަނަ ފަހަރަށް އާޖެންޓީނާގެ ލިއޮނެލް މެސީ ރޭ ކާމިޔާބުކޮށްފި އެވެ.

ފްރާންސްގެ ޕެރިހުގައި އޮތް ރަސްމިއްޔާތުގައި މެސީ، 36، އަށް އެ އެވޯޑް ހާސިލްކުރެވުނީ މެންޗެސްޓަ ސިޓީ އާއި ނޯވޭގެ ޒުވާން ފޯވަޑް އާލިން ހާލޭންޑްއާ ވާދަކޮށްގެންނެވެ.

"މި ތަނުގައި މި އުފާވެރިކަން އަލުން ހޯދަން އާދެވުމަކީ ވެސް އުފަލެއް،" އެވޯޑް ލިބިގަތުމަށް ފަހު މެސީ ބުންޏެވެ.

"ވޯލްޑް ކަޕް ކާމިޔާބުކުރުމާއި އަހަރެންގެ ހުވަފެން ހަގީގަތަކަށް ހެދުން."

އޭނާ ބުނީ ފުޓްބޯޅާގައި އޭނާއަށް ލިބުނު ކާމިޔާބީތަކަކީ ހިޔާލަށް ވެސް ގެނެވުނު ކަންކަން ނޫން ކަމަށެވެ.

"އެ ހުރިހާ އެވޯޑެއް [ބޮލެންޑިއޯ] ތަފާތު ސަބަބުތަކަށްޓަކައި ވަރަށް ހާއްސަ،" މެސީ ބުންޏެވެ.

ގަަތަރު ވޯލްޑް ކަޕް ކާމިޔާބުކުރި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހިފައިގެން ދަމުން، ވޯލްޑް ކަޕަށް ދޮނެއް ދެނީ

މިއީ މުޅި ދުނިޔެއިން ހޮވާލެވޭ ފުޓްބޯޅައިގެ 100 ނޫސްވެރިން ވޯޓު ލައިގެން ކަނޑައަޅާ އެވޯޑެކެވެ. މިހާތަނަށް މެސީއާ ކައިރިއަށް ވެސް މި އެވޯޑް ހާސިލްކުރެވުނު ކުޅުންތެރިއަކު ނެތެވެ. އޭނާއާ އެންމެ ބޮޑަށް ވާދަކުރީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އެކަމަކު ރޮނާލްޑޯއަށް ލިބިފައި ވަނީ ފަސް ބޮލެންޑިއޯ އެވެ. އެންމެ ފަހުން ލިބުނީ 2017ގަ އެވެ.

ކުރިން ބާސެލޯނާ އާއި ޕީއެސްޖީގެ ތަރިއަށް މިފަހަރުގެ އެވޯޑް ލިބުމުގެ މައިގަނޑު ސިއްރަކީ މިދިއަ އަހަރު އޮތް ވޯލްޑް ކަޕް، އާޖެންޓީނާއަށް ކާމިޔާބުކޮށްދިނުމެވެ. މެސީގެ ވެސް ފުރަތަމަ ވޯލްޑް ކަޕް ތަށި ހޯދުނީ އޭނާގެ އާދަޔާ ހިލާފު މޮޅު ކުޅުމާ އެކުގަ އެވެ.

ބޮލެންޑިއޯގައި މިފަހަރު ހާލޭންޑް ދެވަނައަށް ދިޔަ އިރު ތިން ވަނަ ކުޅުންތެރިޔަކީ ވޯލްޑް ކަޕް ފައިނަލްގައި އާޖެންޓީނާއާ ދެކޮޅަށް ހެޓްރިކް ހެދި ފްރާންސްގެ ކީލިއަން އެމްބާޕޭ އެވެ. އެންމެ މޮޅު 21 އަހަރުން ދަށުގެ ކުޅުންތެރިޔަކީ ރެއާލް މެޑްރިޑަށް މިހާރު ކުޅެމުން އަންނަ އިންގްލެންޑްގެ ޖޫޑް ބެލިންހަމް އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް