އިނގިރޭސި ޕްރިމިއަ ލީގުގައި ރޭ ފުލަމް ކޮޅަށް ލަނޑު ޖެހުމަށް ފަހު ޓޮޓެންހަމްގެ ކެޕްޓަން އަދި ފޯވަޑް ސަން ހިއުންގް މިން (ކ) އުފާ ފާޅުކުރަނީ

ޓޮޓެންހަމް އިން ތާވަލްގެ އެއް ވަނަ އަތުލައިފި

މި ސީޒަންގައި ޓޮޓެންހަމް އިން ދައްކަމުން އަންނަނީ ވަރަށް ރަނގަޅު ކުޅުމެއް
24 އޮކްޓޯބަރު 2023

ރޭ ފުލަމް 2-0 އިން ބަލިކޮށް ޓޮޓެންހަމް ހޮޓްސްޕާ، އިނގިރޭސި ޕްރިމިއަ ލީގުގެ އެއް ވަނަ މަގާމު އަތުލައިފި އެވެ.

މިހާތަނަށް އެއްވެސް މެޗަކުން ބަލިނުވެ ދަމަހައްޓަމުން އަންނަ ރެކޯޑާ އެކު ތާވަލްގެ އެއް ވަނައަށް ލަންޑަންގެ ކްލަބް އެރީ، ދެވަނާގައި އޮތް މެންޗެސްޓަ ސިޓީ އާއި ތިން ވަނާގައި އޮތް އާސެނަލްއަށް ވުރެ ދެ ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. ކޮންމެ ޓީމެއް ވެސް ވަނީ ނުވަ މެޗު ކުޅެފަ އެވެ.

ރޭ ޓޮޓެންހަމް މޮޅުކޮށްދިނީ ފުރަތަމަ ހާފުގައި ސަން ހިއުންގް މިން އާއި ދެވަނަ ހާފުގައި ޖޭމްސް މެޑިސަން ޖެހި ލަނޑުތަކުންނެވެ. މިއީ ލެސްޓަ ސިޓީގެ ކުރީގެ ފޯވަޑް، ޓޮޓެންހަމްއަށް ބަދަލުވި ފަހުން އަމިއްލަ ދަނޑުގައި ޖެހި ފުރަތަމަ ލަނޑެވެ.

ޓޮޓެންހަމްގެ ހެރީ ކޭން ޖަރުމަންގެ ބަޔާން މިޔުނިކަށް ބަދަލުވުމުން އުފެދުނު ހުސްކަން، ސަން އަންނަނީ ބައްދަމުންނެވެ. މި ސީޒަންގައި މިހާތަނަށް އޭނާ ވަނީ ހަތް ލަނޑު ޖަހައިފަ އެވެ.

ޓޮޓެންހަމްގެ އާ ކޯޗު އެންޖީ ޕޮސްޓެކޮގްލޫގެ އިރުޝާދުގެ ދަށުން މިހާރު ދައްކަމުން އަންނަ ކުޅުމަށް ގިނަ ބައެއްގެ ތައުރީފް ވަނީ ލިބިފަ އެވެ. އެކަމަކު މިހާ ހިސާބުން ޕޮސްޓެކޮގްލޫއަށް މަގެއް ނޯޅެ އެވެ. ރޭގެ މެޗަށް ފަހު އޭނާ ބުނީ މިވަގުތު ތާވަލްއަށް ބެލުން އަދި މާ އަވަސް ކަމަށެވެ.

ޕްރިމިއަ ލީގުގެ ގަދަ ފަހެއް

  • 1-

    ޓޮޓެންހަމް، ކުޅުނު 9، ޕޮއިންޓް 23

  • 2-

    މެންޗެސްޓަ ސިޓީ، ކުޅުނު 9، ޕޮއިންޓް 21

  • 3-

    އާސެނަލް، ކުޅުނު 9، ޕޮއިންޓް 21

  • 4-

    ލިވަޕޫލް، ކުޅުނު 9، ޕޮއިންޓް 20

  • 5-

    އެސްޓަން ވިލާ، ކުޅުނު 9، ޕޮއިންޓް 19

އިތުރު އާޓިކަލް

އިތުރު އާޓިކަލް