ޔޫރޯ ކޮލިފިކޭޝަންގައި އިޓަލީ ކޮޅަށް ލަނޑު ޖެހުމުން އިންގްލެންޑް ކެޕްޓަން ހެރީ ކޭންއަށް އެހެން ކުޅުންތެރިން މަރުހަބާ ކިޔަނީ

ޔޫރޯ 2024

އިޓަލީ ބަލިކޮށް އިންގްލެންޑް ޔޫރޯއަށް ކޮލިފައިވެއްޖެ

އިންގްލެންޑްގެ އިތުރުން ފްރާންސް، ޕޯޗުގަލް، ބެލްޖިއަމް އަދި އޮސްޓްރިއާ ވެސް ވަނީ ޖާގަ ކަށަވަރުކޮށްފައި
18 އޮކްޓޯބަރު 2023

އިޓަލީ ކުރިން ލަނޑު ޖަހާފައި އޮއްވާ ފަހަތުން އަރާ ތިން ލަނޑު ޖަހައި، 3-1ގެ މޮޅާ އެކު އިންގްލެންޑުން އަންނަ އަހަރުގެ ޔޫރޯއިން ޖާގަ ކަށަވަރުކޮށްފި އެވެ.

ޖަރުމަންގައި އޮންނަ މުބާރާތަށް ދާން އެންމެ ޕޮއިންޓެއް ބޭނުންވެފައި އޮތް އިންގްލެންޑަށް މެޗު ކާމިޔާބުކޮށްދޭން ކެޕްޓަން ހެރީ ކޭންގެ ދެ ލަނޑު އަދި މާކަސް ރަޝްފޯޑްގެ އެއް ލަނޑު ފުދުނެވެ.

އެކަމަކު މެޗުގެ ތަރިއަކީ ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ 20 އަހަރުގެ ޖޫޑް ބެލިންހަމް އެވެ. އިޓަލީން 15 ވަަނަ މިނިޓްގައި ނެގި ލީޑާ އެއްވަރުކުރަން ކޭން ޖެހި ޕެނެލްޓީ ލިބުނީ ބެލިންހަމްއަށް ފައުލްކޮށް ވައްޓާލުމުންނެވެ.

ވިމްބްލީގައި 1977ގެ ފަހުން އިޓަލީގެ މައްޗަށް އިންގްލެންޑް ހޯދި ފުރަތަމަ މޮޅުގައި ދެ ވަނަ ލަނޑު، ފަހު ހާފުގައި، ޖަހައި ރަޝްފޯޑް ލީޑު ނެގީ ވެސް ބެލިންހަމްގެ ރީތި ބޯޅައަކުންނެވެ.

އިންގްލެންޑް ކޮލިފައިވީ ގްރޫޕް ސީގައި 16 ޕޮއިންޓް ހޯދައިގެންނެވެ. ކުރިއަށް އަދި ދެ މެޗު އެބަ އޮތެވެ. އިޓަލީ މިހާރު ވަނީ 10 ޕޮއިންޓާ އެކު ތިން ވަނައަށް ވެއްޓިފަ އެވެ. އެކަމަކު 13 ޕޮއިންޓާ އެކު ދެވަނާގައި އޮތް ޔުކްރެއިން ފަހަތަށް ޖައްސާލައި، ދެވަނަ ޓީމުގެ ގޮތުން ކޮލިފައިވުމުގެ ފުރުސަތު އެންމެ ފަހުގެ ޗެމްޕިއަން އިޓަލީއަށް އެބަ އޮތެވެ.

އިޓަލީއަށް ކުރިއަށް ދެ މެޗު އޮތް އިރު ޔުކްރެއިންއަށް އޮތީ އިޓަލީއާ ވާދަކުރަން ޖެހޭ މެޗު އެކަންޏެވެ. އެހެންކަމުން ދެވަނަ ޓީމު ކަށަވަރުވާނީ މި ވާދަވެރި މެޗަށް ފަހު އެވެ.

ފްރާންސް ކޮލިފައިވީ ދެ މެޗު ކުރިއަށް އޮއްވާ 18 ޕޮއިންޓް ހޯދައިގެން ގްރޫޕް ބީންނެވެ.

ބެލްޖިއަމް އޮތީ ގްރޫޕް އެފްގެ އެއްވަނާގަ އެވެ. އެކަމަކު ކުޅުނު ހަ މެޗުން 16 ޕޮއިންޓް ލިބުމަކީ، ހަމަ އެވަރަށް ޕޮއިންޓް ހޯދާފައިވާ އޮސްޓްރިއާއާ އެކު ޔޫރޯގެ ޖާގަ ކަށަވަރުކުރުމެވެ.

ކްރިސްޓިއާނާ ރޮނާލްޑޯގެ ޕޯޗުގަލް 24 ޕޮއިންޓް ހޯދައިގެން އުޅެނީ ގްރޫޕް ޖޭގައި އެހެން ބަޔަކަށް އަތްލެވޭ ވަރަށް ވުރެ ކުރީގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް