ވޯލްޑް ކަޕް ކޮލިފައިންގައި ބަންގްލަދޭޝް އާއި ރާއްޖެ، މާލޭގައި ކުޅުނު މެޗުގެ ތެރެއިން. މި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެން (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ފަހު 30 މިނިޓް 10 ކުޅުންތެރިން ތިބެގެން ވެސް ރާއްޖެ ބަލިކޮށް ބަންގްލަދޭޝް ގްރޫޕް ސްޓޭޖަށް

މިއީ ވޯލްޑް ކަޕް ކޮލިފައިންގެ ފުރަތަމަ ބުރުން މި ސަރަހައްދުގެ ޓީމެއްގެ އަތުން ބަލިވެގެން ރާއްޖެ ކެޓި ފުރަތަމަ ފަހަރު
17 އޮކްޓޯބަރު 2023

ރަތް ކާޑު ދެއްކުމުގެ ސަބަބުން ފަހު 30 މިނިޓް 10 ކުޅުންތެރިންނާ އެކު ކުޅުނު ބަންގްލަދޭޝްއާ އެއްވަރުކޮށްލެވޭނެ ގޮތެއް ނުފެނި، މިއަދުގެ މެޗު 2-1އިން ބަންގްލަދޭޝް ކާމިޔާބުކޮށް، ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖަށް އެ ގައުމު ދަތުރުކޮށްފި އެވެ.

މިއީ 1998ގެ ވޯލްޑް ކަޕް ކޮލިފައިންއާ އެކު ރާއްޖެ ވާދަކުރަން ފެށި މި މުހިންމު ސްޓޭޖްގައި މި ސަރަހައްދުގެ ޓީމެއްގެ އަތުން ބަލިވެގެން، ގްރޫޕް މެޗުތަކަށް ނުގޮސް ކެޓި ފުރަތަމަ ފަހަރެވެ.

ރާއްޖޭގައި ކުޅުނު މެޗު 1-1 އިން އެއްވަރުވެގެން ނިމުމުން ބަންގްލަދޭޝްގައި އޮތީ ދެ ޓީމަށް ވެސް މަރަށް ހަނގުރާމަކުރުމެވެ. މި ހަނގުރާމައިގައި މިއަދުގެ މެޗުގެ 11 ވަނަ މިނިޓްގައި ބަންގްލަދޭޝްގެ ރާކިބް ހުސެއިން ލަނޑެއް ޖަހައި ކުރި ހޯދިޔަސް، 36 ވަނަ މިނިޓްގައި އައިސަމް އިބްރާހިމް، ބޮލުން ފޮނުވާލި ރީތި ބޯޅަ ބަންގްލަދޭޝްގެ ގޯލަށް ވައްދާލައިގެން ރާއްޖެއަށް އުއްމީދު ގެނެސްދިނެވެ.

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އަތުން މޮޅުވެގެން ބަންގްލަދޭޝްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ --ފޮޓޯ/އިމޭޖްސްއެމްވީ

މި ހާފުގައި ރާއްޖެއިން ރަނގަޅު އެޓޭކިން ފުޓްބޯޅައެއް ކުޅުނެވެ. ނަމަވެސް ބަންގްލަދޭޝްގެ ކުޅުންތެރިން ރާއްޖޭގެ ގޯލުގެ ކުރިމައްޗަށް ނަގައިދޭ ހުރަސްތައް ފެނުނީ ނުރައްކާތެރިކޮށެވެ. ފުރަތަމަ ލަނޑު ޖެހީ ވެސް އެހެންނެވެ. އަދި ދެ ވަނަ ލަނޑު، ދެ ވަނަ ހާފު ފެށުމާ އެކު ހެން އަހުމަދު ފާހިމް ކާމިޔާބުކުރީ ވެސް އެފަދަ ހުރަހެއްގަ އެވެ.

އެކަމަކު އެ ލަނޑަށް ފަހު ރާއްޖެއަށް ވަރަށް ބޮޑު އެހީއަކަށް، 59 ވަނަ މިނިޓްގައި ސުހެއިލް ރާނާއަށް ރަތް ކާޑު ދައްކާ ފޮނުވާލުމުން، ފުރުސަތު ހުޅުވުނެވެ. މައްސަލައަކަށް ވީ އެ ފުރުސަތުގެ ބޭނުން ހިފާނެ ގޮތް، ފަހު 30 މިނިޓްގެ ބޮޑު ބައިގައި، ރާއްޖެއަށް ނުވުމެވެ.

ހަމަލާތައް ވަރުގަދަވީ އެންމެ ފަހު މިނިޓްކޮޅުގަ އެވެ. ގެއްލުނީ ނަސީބު ދެރަކަމުންނޭ ބުނެވޭ ފަދަ ހުސް ފުރުސަތުތަކާއި ގޯލަށް ފޮނުވާލި ބައެއް ބޯޅަތައް ބޭރަށް ދިއުން، ކީޕަރު ނުވަތަ ދިފާއީ ކުޅުންތެރިން ދިފާއުކުރުން ފަދަ ކަންކަން ދިމާވި އެވެ.

ނަތީޖައަކީ 2-1 އިން ރާއްޖެ އަތުން މޮޅުވެ، 2026ގެ ވޯލްޑް ކަޕްގެ އޭޝިއާގެ ގްރޫޕް ސްޓޭޖަށް ބަންގްލަދޭޝް ދިއުމެވެ.

މީގެ ކުރިން ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ގްރޫޕް ސްޓޭޖަށް ނުގޮސް ރާއްޖެ ކެޓީ 2010 އާއި 2014ގެ ވޯލްޑް ކަޕްގަ އެވެ. އޭގެ ތެރެއިން 2010ގެ ފުރަތަމަ ބުރުގައި ބަލިވީ އަރަބި ގައުމެއް ކަމަށްވާ ޔަމަން އަތުންނެވެ. އަދި 2014ގެ ދެ ވަނަ ބުރުގައި އޭޝިއާގެ ގަދަ ބާރެއް ކަމަށްވާ އީރާންއާ ކުޅެ އެވެ.

މިއަދުގެ މެޗުން ބަންގްލަދޭޝް މޮޅުވުމަކީ ރަސްމީ ބޮޑު ވާދަކުރުމެއްގައި ޖެހިޖެހިގެން ދެ ފަހަރަށް ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވުމެވެ. ފުރަތަމަ ބައްޔަކީ މި އަހަރުގެ ޖޫން/ޖުލާގައި ބެންގަލޫރުގައި އޮތް ސާފް ޗެމްޕިއަންޝިޕެވެ. އެ މެޗު 3-1އިން ބަންގްލަދޭޝް ކާމިޔާބުކޮށް، 20 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ސަރަހައްދީ ބޮޑު މުބާރާތުން ރާއްޖެ އަތުން މޮޅެއް އަތުލީ އެވެ.

މިއަދު އޭގެ ދެވަނަ މޮޅެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް