
ބޫޓާންގައި އޮތް ސާފް 16 އަހަރުން ދަށުގެ މުބާރާތުގައި ވާދަކުރި ރާއްޖޭގެ ޓީމު ފުރަތަމަ ދުވަހު ފުރަން ގޮސް އެމްޓީސީސީ ބަސް ޓާމިނަލްގައި ގްރޫޕް ފޮޓޯއަކަށް ހުއްޓިގެން. ޓިކެޓް ހަމަނުޖެހިގެން އެ ދުވަހު ފުރޭ ގޮތެއް ނުވި
ނަސީބެއް، 19 އަހަރުން ދަށުގެ ޓީމަށް ފުރޭ ގޮތް ވެއްޖެ
އެފްއޭއެމްގެ މާލީ މައްސަލަގަނޑު ބޮޑުކަމުން ގައުމީ ޓީމުތަކުގެ ކުޅުންތެރިންގެ ތެރޭގައި މިހާރު ވަނީ އާ ބިރެއް އުފެދިފަ އެވެ؛ ބޭރުގެ މުބާރާތްތަކަށް ފުރޭނެތޯ ނުވަތަ ނޫންތޯ އެވެ. ނަސީބަކުން 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު، އެ ބިރުން މިހާރު މި އޮތީ ސަލާމަތްވެފަ އެވެ.
މި މަހު 21ގައި ނޭޕާލްގައި ފަށާ ސާފްގެ 19 އަހަރުން ދަށުގެ މުބާރާތުގައި ވާދަކުރާ ޓީމު މިއަދު ފުރާނެކަން އެފްއޭއެމުން ކަށަވަރުކޮށްދެ އެވެ. މި ހިތްހަމަޖެހުން ކުޅުންތެރިންނަށް ލިިބުނީ މި ފަހުން ބޮޑު ދެ ކަމެއް ހިނގާފައި އޮއްވަ އެވެ. އެއީ؛
-
1-
ބޫޓާންގައި އޮތް ސާފްގެ 16 އަހަރުން ދަށުގެ މުބާރާތަށް ރާއްޖޭގެ ޓީމު ފުރަންވެގެން އެމްޓީސީސީ ބަސް ޓާމިނަލަށް ގޮސް ތިއްބާ، ޓިކެޓް ހަމަނުޖެހިގެން ނުފުރޭނެކަން އެންގުން
-
2-
އެކަމަކު މީގެ ތެރެއިން 16 އަހަރުން ދަށުގެ މުބާރާތަށް ގައުމީ ޓީމު، އޭގެ ދެ ދުވަސް ފަހުން ފޮނުވި އެވެ. އެ މުބާރާތުގެ ސެމީ ފައިނަލްގައި ރާއްޖެ ކުޅުނެވެ.
އެއާލައިންތަކުން އެފްއޭއެމްއަށް ކްރެޑިޓަށް ކުރިން ޓިކެޓް ވިއްކި ނަމަވެސް ފައިސާ ނުދެއްކުމުގެ މައްސަލަ ބޮޑުވުމުން އެ ފުރުސަތެއް މިހާރަކު ނޯވެ އެވެ. އެހެންކަމުން އެފްއޭއެމުން ޓިކެޓް ނަގާ ކަމަށް ވަންޏާ އެއާލައިންތަކުން ޓިކެޓް ވިއްކަނީ ފައިސާ ދެއްކުމުންނެވެ.
މި މައްސަލަ ކުރިމަތިވުމުން އިއްޔެ އެފްއޭއެމްގެ ރަސްމީ މީޑިއާ ގްރޫޕްގައި ނޫސްވެރިޔަކު ވަނީ 19 އަހަރުން ދަށުގެ ޓީމު ފުރާނީ ކޮން އިރަކުންތޯ ސުވާލުކޮށްފަ އެވެ. އޭގެ ޖަވާބުގައި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒު (ޖަވާ) ވިދާޅުވީ އެމްޓީސީސީ ބަސް ޓާމިނަލުން ޓީމު އެއާޕޯޓަށް ފުރާނީ މިއަދު ހަވީރު 5:30ގައި ކަމަށެވެ.
ސާފް މުބާރާތުގައި ރާއްޖެ ހިމެނޭ ގްރޫޕް ބީގައި އޮތީ ނޭޕާލާއި ޕާކިސްތާނެވެ. ރާއްޖޭގެ ފުރަތަމަ މެޗު 23 ވަނަ ދުވަހު އޮންނާނީ ޕާކިސްތާނާ ދެކޮޅަށެވެ.
ކޮމެންޓް