އަންހެން ވޯލްޑް ކަޕްގެ ތަށި ދިނުމުގެ ރަސްމިއްޔާތުގައި ސްޕެއިން ޓީމުގެ ފޯވަޑް ޖެނީ ހާމޯސޯގެ ގައިގައި ލުއިސް ރުބައިލެސް ބައްދާލައްވައިގެން

ފުޓްބޯޅަ

އަންހެން ކުޅުންތެރިޔާއަށް ދޮން ދެއްވި ރުބައިލެސް އެންމެ ފަހުން އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވީ އޭނާ އާއި އޭނާގެ ގާތް މީހުންގެ ހައްގުގައި އެ ނޫން ގޮތެއް ނެތް ކަމަށް
11 ސެޕްޓެމްބަރު 2023

އަންހެނުންގެ ވޯލްޑް ކަޕް ކާމިޔާބުކުރި ސްޕެއިން ޓީމުގެ ފޯވަޑަށް، ތަށި ދިނުމުގެ ރަސްމިއްޔާތުގައި، ދޮނެއް ދެއްވައިގެން މައްސަލަގަނޑެއްގެ ތެރެއަށް ވެއްޓުނު ސްޕެއިންގެ ފުޓްބޯލް ފެޑެރޭޝަންގެ ރައީސް ލުއިސް ރުބައިލެސް އެންމެ ފަހުން އިސްތިއުފާ ދެއްވައިފި އެވެ.

އޮސްޓްރޭލިޔާގައި އޮތް ވޯލްޑް ކަޕްގެ ފައިނަލް މެޗަށް ފަހު އޮތް ރަސްމިއްޔާތުގައި ރުބައިލެސް ދޮން ދެއްވީ ސްޕެއިން ޓީމުގެ މުހިންމު ކުޅުންތެރިއެއް ކަމަށްވާ ޖެނީ ހާމޯސޯއަށެވެ.

ރުބައިލެސް ވިދާޅުވަމުން ގެންދެވީ އެއީ ހާމޯސޯގެ ރުހުމުގައި ދެއްވި ދޮނެއް ކަމަށާއި އެއީ އެ ބޮޑު ކާމިޔާބީގެ އުފަލުގެ ތެރޭގައި، ނުބައި އެހެން މާނައެއް ނެތި ކުރެއްވި ކަމެއް ކަމަށެވެ. ނަމަވެސް ފަހުން ހާމޯސޯ ވަނީ ރުބައިލެސްގެ ވާހަކަތައް ދޮގުކޮށްފަ އެވެ. އަދި އެންމެ ފަހުން އޭނާ ވަނީ ރަސްމީކޮށް މައްސަލަ ހުށައަޅައިފަ އެވެ.

އަންހެން ވޯލްޑް ކަޕް ކާމިޔާބުކުރި ސްޕެއިން ޓީމުގެ ފޯވަޑް ޖެނީ ހާމޮސޯ، މެޑެލް ހިފައިގެން ދަނީ: އޭނާ ވަނީ ރުބައިލެސްއާ ދެކޮޅަށް ރަސްމީކޮށް މައްސަލަ ހުށައަޅާފައި 

ރުބައިލެސްގެ އިސްތިއުފާއަށް ފުރަތަމަ ދުވަހުން ފެށިގެން އަންހެން ކުޅުންތެރިންނާއި ސްޕެއިންގެ ސިޔާސީ އަދި ކުޅިވަރުގެ އެކި ފަރާތްތަކުން ގެންދިޔައީ ގޮވާލަމުންނެވެ. ނަމަވެސް ރުބައިލެސް ހުންނެވީ އޭނާގެ ގޮތުގަ އެވެ.

އެންމެ ފަހުން ގޮތް ދޫކުރައްވައި އިސްތިއުފާ ދެއްވީ، ރުބައިލެސް ވިދާޅުވި ގޮތުގައި، އޭނާގެ އާއިލާ އާއި ގާތް މީހުންނާއި ސްޕެއިންގެ ފުޓްބޯޅައަށް ވެސް ދިމާވެދާނެ އެހެން މައްސަލަތަކަށްޓަކަ އެވެ.

"އަހަރެން އަހަރެންގެ ގޮތުގައި ހިފަހައްޓައިގެން، މަޑުކުރުމަކީ ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނަށް ވެސް އަދި ސްޕެއިންގެ ފުޓްބޯޅައަށް ވެސް ފައިދާވާނެ ކަމެއް ނޫނެވެ،" ރުބައިލެސް ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕޯޗުގަލް އާއި މޮރޮކޯއާ ގުޅިގެން 2030ގެ ވޯޑް ކަޕް ބާއްވަން ސްޕެއިން ކުރަމުން އަންނަ މަސައްކަތަށް ވެސް، އޭނާގެ އިސްތިއުފާއިން ރަނގަޅުވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ރުބެއިލެސް މަގާމުގައި ހުންނަވައިފި ނަމަ ސްޕެއިންގެ ގައުމީ ޓީމަށް ނުކުޅޭނެ ކަމަށް، ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގެ 23 ކުޅުންތެރިން ވަނީ ބުނެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް