އެންމެ ފަހުން އޮތް ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރި ގައުމީ ޓީމު ފުރުމުގެ ކުރިން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، ޓީމާ ބައްދަލުކުރައްވަނީ: 23 އަހަރުން ދަށުގެ ޓީމު ތިބީ ފުރޭނެ ގޮތެއް ނެތިފައި --ފޮޓޯ/އެފްއޭއެމް

އެފްއޭއެމް

އެފްއޭއެމްގެ މައްސަލަތައް ވަނީ ހައްލެއް ނޫން، ދަނީ ހައްތަހާ ގޯސްވަމުން

23 އަހަރުން ދަށުގެ ޓީމުގެ ފުރަތަމަ މެޗު މާދަމާ، އެކަމަކު ޓިކެޓް ހަމަނުޖެހިގެން އަދިވެސް ތިބީ މާލޭގައި. މިދިއަ ހަފުތާގައި 16 އަހަރުން ދަށުގެ ޓީމަށް ވެސް އެ މައްސަލަ ދިމާވި
5 ސެޕްޓެމްބަރު 2023

މިއަދުގެ މި ވަގުތާ ހަމައަށް ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ތިބީ މާލޭގަ އެވެ. އެކަމަކު ހަގީގަތުގައި މިއަދުގެ މި ވަގުތު ވެސް އެ ޓީމު ތިބެން ޖެހޭނީ، ޗައިނާގެ ދާލިއާންގަ އެވެ.

އަންނަ އަހަރު އޮންނަ އޭއެފްސީ 23 އަހަރުން ދަށުގެ މުބާރާތަށް ކޮލިފައިވާން ރާއްޖެ ކުޅޭ ގްރޫޕް މެޗުތަކަށް ޓީމު ފުރަން އޮތީ، 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، މިދިއަ އާދިއްތަދުވަހު އެވެ. އެކަމަކު އެފްއޭއެމަށް އެއްވެސް އެއާލައިނަކުން ކްރެޑިޓަށް ޓިކެޓް ނުދޭތީ، ފައިސާ ދައްކައިގެން ނަގަން ޖެހޭ ޓިކެޓްގެ ކަންކަން ހަމަޖެއްސޭ ގޮތެއް ނުވި އެވެ. މިއީ 'ދައުރު'އަށް ނުރަސްމީކޮށް ބައެއް މީހުން ދިން މައުލޫމާތެވެ.

އެފްއޭއެމްއިން ރަސްމީކޮށް މި މައްސަލައިގައި އެއްވެސް ޖަވާބެއް ނުދެ އެވެ.

އެފްއޭއެމްގެ ރަސްމީ މީޑިއާ ގްރޫޕްގައި އިއްޔެ އާއި މިއަދު ވެސް ބައެއް ނޫސްވެރިން ސުވާލުކުރި އެވެ. ފުރަންވެގެން ދެ ދުވަހުގެ މަތިން ކުޅުންތެރިންނަށް އަންގާފައި ވެސް ފުރޭ ގޮތް ނުވަނީ ކީއްވެތޯ، މިއީ އެއް ސުވާލެވެ. އަނެއް ސުވާލުކުރީ މިއަދު އެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި ޖެނެރަލް ސެކްރެޓަރީ ހަސެއިން ޖަވާޒު (ޖަވާ) ޓެގްކޮށް ސުވާލުކުރީ ޓީމު ފުރޭނެ އިރެއް ޔަގީންވެއްޖެތޯ އެވެ. އެކަމަކު ދެ ސުވާލަށް ވެސް އަދި ޖަވާބެއް ނުލިބެ އެވެ.

މިހާރު ބޫޓާންގައި ކުރިއަށް ދާ ސާފްގެ 16 އަހަރުން ދަށުގެ މުބާރާތަށް ރާއްޖޭގެ ޓީމު ފުރަން އުޅެނިކޮށް ވެސް ދިމާވީ މި މައްސަލަ އެވެ. ފުރަތަމަ ދުވަހު ފުރަންވެގެން އެ ޓީމު، އެމްޓީސީސީގެ ބަސް ޓާމިނަލަށް ވެސް ދިޔަ އެވެ. އެކަމަކު ދިޔަ ފަހުން އެނގުނީ ޓިކެޓްގެ ކަންތައް ހަމަނުޖެހޭތީ ނުފުރޭނެ ކަމެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ނޫސްވެރިންނާ ވާހަކަދައްކަވަނީ (ދައުރު ފޮޓޯ/ހުސެއިން ސުނޭން)

މުބާރާތް ފެށޭ އިރު ތިބެން ޖެހޭ ދުވަހަށް ވުރެ ފަހުން ގޮސް، ރާއްޖެ އިއްޔެ ކުޅުނު މެޗުން ޕާކިސްތާން އަތުން ވަނީ 3-0 އިން ބަލިވެފަ އެވެ. އެކަމަކު ގްރޫޕް ބީގެ ފަހު މެޗުގައި މާދަމާ ބޫޓާނާ ބައްދަލުކޮށް މޮޅުވެއްޖެ ނަމަ ސެމީ ފައިނަލަށް ދާނެ ފުރުސަތު އެބަ އޮތެވެ.

އޭޝިއާގެ 23 އަހަރުން ދަށުގެ ކޮލިފިކޭޝަންގައި ރާއްޖެ ކުޅެން ޖެހެނީ ޗައިނާ އާއި އިންޑިއާ އަދި ޔޫއޭއީއާ އެވެ. މިއީ މި އުމުރުގެ ބައެއް ކުޅުންތެރިންނަށް އުމުރު ފުރައިގެ މުބާރާތަކުން ފުރުސަތު ލިބޭނެ ފަހު ފަހަރެވެ. އެހެންކަމުން ބައެއް ކުޅުންތެރިންނަށް އޮތް މާޔޫސްކަން ވަރަށް ބޮޑު ކަމަށް، 'ދައުރު'އާ ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ.

އެފްއޭއެމް އޮތީ މާލީ ގޮތުން ވަރަށް ބޮޑު މައްސަލަތަކެއްގެ ތެރޭގަ އެވެ. އެކަމަކު ބައްސާމް މި ފަހުން ވިދާޅުވެފައި ވަނީ އެ ދަތިން ވަރަށް އަވަހަށް އަރައިގަނެވޭނެ ކަމަށެވެ. އެ ޔަގީންކަން ދެއްވާފައި އޮއްވާ އުމުރު ފުރައިގެ ގައުމީ ދެ ޓީމަށް މި ދިމާވި މައްސަލައިން، އެފްއޭއެމްގެ ހާލަތު އަދިވެސް ރަނގަޅު ނޫންކަން އެނގެ އެވެ.

'ދައުރު'އަށް އެނގިފައިވާ ގޮތުގައި 23 އަހަރުން ދަށުގެ ކޮލިފިކޭޝަނަށް ޓީމުތައް ޗައިނާގައި އެންމެ ލަސްވެގެން ވެސް އިއްޔެ ތިބެން ޖެހެ އެވެ. އެކަމަކު އޭއެފްސީއާ ވާހަކަ ދައްކައިގެން ރާއްޖެއަށް މިއަދާ ހަމައަށް ފުރުސަތު އިތުރުކޮށްދިނީ ކަމަށްވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް