އަންހެން ވޯލްޑް ކަޕްގެ ތަށި ދިނުމުގެ ރަސްމިއްޔާތުގައި ސްޕެއިން ޓީމުގެ ފޯވަޑް ޖެނީ ހާމޮސޯގެ ގައިގައި ލުއިސް ރުބައިލެސް ބައްދާލައްވައިގެން

ފުޓްބޯޅަ

ރުހުން ނެތި ދޮން ދިނުމުން އުފެދުނު ހޫނުގަނޑު ދަނީ ގަދަވަމުން

ސްޕެއިންގެ ފުޓްބޯޅަ މައި އިދާރާގެ ވެރިޔާ، އަންހެން ވޯލްޑް ކަޕް ކާމިޔާބުކުރި ސްޕެއިން ޓީމުގެ ފޯވަޑްގެ ތުންފަތަށް ދޮން ދެއްވީ ރުހުމުގައި ނޫން ކަމަށް ކުޅުންތެރިޔާ ބުނޭ
26 އޯގަސްޓު 2023

އަންެހެނުންގެ ވޯލްޑް ކަޕް ފުރަތަމަ ފަހަރަށް ސްޕެއިން ކާމިޔާބުކޮށް ތަށި އުފުލާލި ވަގުތު، ސްޕެއިންގެ ފުޓްބޯޅަ މައި އިދާރާގެ ވެރިޔާ ލުއިސް ރުބައިލެސްގެ އިހުސާސްތައް ތަފާތުވެދާނެ އެވެ. ނަމަވެސް ޖަޒުބާތުގައި ހުންނަވައިގެން ނަމަވެސް، ފޯވަޑް ޖެނީ ހާމޮސޯގެ ތުން ފަތަށް، އޭނާގެ ރުހުން ނެތި، ދޮނެއް ދެއްވުމަކީ ކުރައްވައިގެން ވާނެ ކަމެއް ނޫނެވެ.

މިހާރު އެ މައްސަލަ އެ އޮތީ ބޮޑު ހޫނުގަނޑަކަށް ވެފަ އެވެ. ރުބައިލެސްގެ އިސްތިއުފާއަށް އެބަ ގޮވަ އެވެ. ސްޕެއިންގެ 80 އަށް ވުރެ ގިނަ އަންހެން ކުޅުންތެރިން، ގައުމީ ޓީމަށް ނުކުޅޭނެކަމަށް ބުނެފި އެވެ. ފީފާއިން ވެސް މައްސަލަ ބަލަނީ އެވެ. ސްޕެއިން ސަރުކާރުން ވެސް މައްސަލައިގެ ތެރެއަށް ވަދެއްޖެ އެވެ.

ހާމޮސޯ ބުނީ އޭނާއަށް ރުބައިލެސް ދޮން ދެއްވީ ރުހުމުގައި ނޫން ކަމަށެވެ.

ނަމަވެސް މިއަދާ ހަމައަށް ރުބައިލެސް ގެންދަވަނީ އިސްތިއުފާ ދެއްވަން ދެކޮޅު ހައްދަވަމުންނެވެ. އޭނާ ވިދާޅުވީ 'މިއީ އޭނާ ޝިކާރަކުރަަން ޖެހޭ ވަރުގެ ކަމެއް ނޫން' ކަމަށެވެ.

"އަހަރެން އުފުއްލައިލި މީހަކީ ޖެނީ. އަހަރެން އޭނާ ގާތު ބުނިން ނާކާމިޔާބުވި ޕެނެލްޓީގެ މަތިން ހަނދާން ނައްތާލާށޭ. އަހަރެން ބުނިން އަވަސް ދޮނެއް ދޭން ބޭނުމޭ. އޭނާ ބުނީ އޯކޭއޭ،" ރުބައިލެސް ވިދާޅުވި އެވެ.

"އެއީ އެހެން މަގުސަދެއް އޮތް އަމަލެއް ނޫން. އުފާވެރި ވަގުތެއްގައި، ރުހުމާ އެކު ކުރި ކަމެއް."

އަންހެން ވޯލްޑް ކަޕް ކާމިޔާބުކުރި ސްޕެއިން ޓީމުގެ ފޯވަޑް ޖެނީ ހާމޮސޯ، މެޑެލް ހިފައިގެން ދަނީ: އޭނާ ވަނީ ސްޕެއިންގެ ފުޓްބޯލް ފެޑެރޭޝަންގެ ރައީސް ލުއިސް ރުބައިލެސްގެ ވާހަކަތައް ދޮގުކޮށްފައި

އެކަމަކު ކުޅުންތެރިޔާ ހާމޮސޯ ވަނީ ރުބައިލެސްގެ ވާހަކަތައް ދޮގުކޮށްފަ އެވެ. އެ ދޮން ދިނީ އޭނާގެ ރުހުމާ ނުލައި ކަމަށާއި، އޭނާ ދެއްކި ވާހަކަތައް ކަމަށް ވިދާޅުވެ ރުބައިލެސް ހާމަކުރެއްވި އެއްވެސް ވާހަކައެއް އެ ވަގުތު ދައްކާފައި ނުވާނެ ކަމަށް ވެސް ކުޅުންތެރިޔާ ބުންޏެވެ.

"އަހަރެން މިކަން ސާފުކޮށްދޭން ބޭނުންވީ، މަސައްކަތާއި ކުޅިވަރު ނުވަތަ އެހެން ވެސް އިޖުތިމާއީ ކަމެއްގެ ތެރޭގައި ރުހުމާ ދެކޮޅު އަމަލްތައް ބެހެއްޓުމުގެ ޝިކާރައަކަށް އެއްވެސް މީހަކު ވާން އަހަރެން ނޭދޭތީ އެވެ،" ހާމޮސޯ ނެރުނު ބަޔާނެއްގައި ބުންޏެވެ.

އޭނާ ބުނީ، އެންމެ އާދައިގެ ގޮތަކަށް ބެލި ނަމަވެސް، އޭނާއަށް ހައްގު އިހުތިރާމް ލިބިފައި ނުވާ ކަމަށެވެ.

އެކަމަކު ރުބައިލެސް އަދިވެސް ހުންނެވީ އޭނާގެ ގޮތުގަ އެވެ.

ކުޅިވަރުގެ އަހުލާގީ މިންގަނޑާ އެއްވެސް ހަމަޔަކުން ރުބައިލެސް ހިލާފުވޭތޯ ބަލަން ސްޕެއިންގެ ސަރުކާރުން ވަނީ ކޯޓެއްގައި ވީހާވެސް އަވަހަކަށް ބަޔާން ދެއްވަން އެދިފަ އެވެ.

ރުބައިލެސްގެ އަމަލަކީ ޕްރޮފެޝަނަލް ކުޅިވަރުގެ މިންގަނޑާ ހިލާފު ކަމެއް ކަމަށް ސްޕެއިންގެ އެޑްމިނިސްޓްރޭޓިވް ކޯޓަށް ފެނިއްޖެ ނަމަ އޭނާ ސަސްޕެންޑްވާނެ އެވެ.

މިހާރު އޮތް ސުވާލަކީ ރުބައިލެސްއަށް އެހެން ހިފަހައްޓާލެއްވޭނީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟

އިތުރު އާޓިކަލް

އިތުރު އާޓިކަލް