އިންޓަ މިއާމީއަށް ހޯދުނު ފުރަތަމަ ތައްޓާ އެކު ލިއޮނެލް މެސީ އާއި ޓީމު އުފާ ފާޅުކުރަނީ: އެމެރިކާގެ ލީގު ކަޕް ކާމިޔާބުކުރީ މެސީގެ 10 ލަނޑާ އެކު

ލިއޮނެލް މެސީ

މެސީއަކީ ކާކުކަން އެމެރިކާގައި ސާބިތުކޮށްދީ، މިއާމީއަށް ފުރަތަމަ ތަށި

ލީގު ކަޕް ފައިނަލްގައި ޕެނެލްޓީ ޖަހައިގެން ނަޝްވިލް ބަލިކުރުމުގެ މާނައަކީ އިންޓަ މިއާމީ އުފެދުނު ފަހުން ފުރަތަމަ ތަށި ހޯދުން
21 އޯގަސްޓު 2023

އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ޔޫރަޕްގެ ފުޓްބޯޅަ ދޫކޮށް އެމެރިކާގެ އިންޓަ މިއާމީއަށް ބަދަލުވެ ކުޅުނު ފުރަތަމަ މުބާރާތުގައި ވެސް އޭނާއަކީ ކާކުކަން އިއްޔެ ސާބިތުކޮށްދީފި އެވެ.

އެމެރިކާގެ ފުޓްބޯޅަ ލީގާއި މެކްސިކޯ ލީގުގެ މޮޅު ކްލަބްތައް ވާދަކުރާ ލީގު ކަޕްގެ ފައިނަލްގައި ނަޝްވިލް ސޮކާ ކްލަބް، ޕެނެލްޓީ ޖަހައިގެން ބަލިކޮށް އިންޓަ މިއާމީއަށް ތަށި ނަގައިދިނުމަކީ 2020ގައި އުފެއްދި ކްލަބްގެ ތަށި ހަރުގަނޑަށް ވެއްދި ފުރަތަމަ ތައްޓަށް ވުމެވެ.

މި މެޗުގައި މިއާމީއަށް ލީޑު ނަގައިދިނީ ވެސް މެސީ އެވެ. އެކަމަކު މެޗުގެ ވަގުތު ހަމަވި އިރު ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފަ އެވެ. އެހެންކަމުން ޕެނެލްޓީ ޖަހައިގެން މިއާމީ މޮޅުވީ 10-9 އިންނެވެ.

ތައްޓާ ހަމައަށް މިއާމީ ދިޔައީ، މެސީ ގުޅުނު ފަހުން ކުޅުނު ހަތް މެޗުން ވެސް މޮޅުވެގެންނެވެ. މެސީ ވަނީ މި ހަތް މެޗުގައި ޖުމްލަ 10 ލަނޑު ޖަހައިފަ އެވެ.

މެސީއާ އެކު ބާސެލޯނާގައި ކުޅުނު ވަރުގަދަ އެހެން ދެ ކުޅުންތެރިން ކަމަށްވާ ސާޖިއޯ ބުސްކެޓްސް އާއި ޖޯޑީ އަލްބާ ވެސް މިއާމީ ޓީމުގައި ހިމެނެ އެވެ.

ކްލަބްގެ އެއް ބާނީ އިނގިރޭސި ކުރީގެ ފުޓްބޯޅަ ތަރި ޑޭވިޑް ބެކަމް ބުނީ މި ތިން ކުޅުންތެރިންގެ ކުޅުންގަނޑު ފެންނަނީ 'ފިލްމެއް ފެންނަ ފަދައިން' ކަމަށެވެ.

"އެ މީހުންގެ ކޮންމެ ކުޅުމެއް ވެސް އެހާމެ ހިތްގައިމު،" މިއާމީއަށް މެސީ ގެންދިއުމުގެ މައިގަނޑު އެއް ސަބަބު ކަމަށްވާ ބެކަމް ބުންޏެވެ.

މުބާރާތުގެ ވެސް މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މެސީއަށް މިއީ 44 ވަނަ ތައްޓެވެ. އަނެއްހެން ބަލަންޏާ އެވަރުގެ ގިނަ ކާމިޔާބީ ހޯދި އެހެން ކުޅުންތެރިޔަކު ނެތެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް