އެކުވެރިކަމުގެ މެޗުތަކެއް ކުޅެން އައި ސްރީ ލަންކާގެ ފިރިހެން ގައުމީ ޓީމު ވީއައިއޭގެ ބޭރުގައި: ފުރަތަމަ މެޗުން ސީދާ ތިން ސެޓުން މޮޅުވި --ފޮޓޯ/ވީއޭއެމް

ވޮލީބޯޅަ

ލަންކާއިން އާންމުކޮށް ރާއްޖެ ބަލިކުރާކުރުން ރޭ ވެސް ތަކުރާރުކޮށްފި

އެކުވެރިކަމުގެ ފުރަތަމަ ދެ މެޗުގައި ރާއްޖޭގެ މައްޗަށް ލަންކާގެ ގައުމީ ދެ ޓީމު ހޯދީ ސީދާ ތިން ސެޓުގެ ކާމިޔާބީތަކެއް
13 އޯގަސްޓު 2023

ވޮލީބޯޅާގައި ސްރީ ލަންކާ އަތުން ރާއްޖެއަށް ސެޓެއް ލިބުނަސް އެވާނީ ކާމިޔާބީއަކަށެވެ. ނަމަވެސް އެފަދަ ނަތީޖާއެއް ވެސް ލިބުން އޮންނަނީ ދުރު ކަމަކަށް ވެފަ އެވެ. ރޭ ސޯޝަލް ސެންޓަރުގައި އެ ފެނުނީ އަބަދުވެސް ރާއްޖޭގެ މައްޗަށް ލަންކާއިން ހޯދާ މޮޅުތަކުގެ ސިލްސިލާގެ ބައެކެވެ.

އެކުވެރިކަމުގެ މެޗުތަކެއް ކުޅެން ރާއްޖެ އައި ސްރީ ލަންކާގެ ފިރިހެން ޓީމާއި އަންހެން ޓީމު ވެސް ފުރަތަމަ ދެ މެޗުން އިއްޔެ އާއި ރޭ ވަނީ ސީދާ ތިން ސެޓުން މޮޅުވެފަ އެވެ.

ރޭ ކުޅުނު މެޗުގައި ފިރިހެން ޓީމުގެ މައްޗަށް ލަންކާ ކާމިޔާބު ހޯދީ 25-23، 25-21، 25-18 އިންނެވެ.

އިއްޔެ ހަވީރު އަންހެން ދެ ޓީމު ކުޅު މެޗުން ސްރީ ލަންކާ މޮޅުވީ 25-19، 25-18، 25-17 އިންނެވެ.

މިއިން ކޮންމެ ޓީމެއް ވެސް ރާއްޖެއާ އެކު އެކުވެރިކަމުގެ ތިން މެޗު ކުޅޭނެ އެވެ. މިރޭ އޮންނާނީ އަންހެން ދެ ޓީމުގެ މެޗެކެވެ. ފިރިހެން ދެ ޓީމުގެ ވާދަކުރުން އޮންނާނީ މާދަމާ ރެ އެވެ.

މިހާތަނަށް ސްރީ ލަންކާގެ ފިރިހެން ގައުމީ ޓީމު އަތުން ރާއްޖެއަށް ސެޓެއް ލިބިފައި ވަނީ އެންމެ ދެ ފަހަރު އެވެ. ފުރަތަމަ ފަހަރަށް ސެޓެއް ހޯދުނީ 1999ގައި ނޭޕާލުގައި އޮތް ސާފު ގޭމްސްގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް