ސަސްގެ އާކިފް ބިން މުހައްމަދު އިއްޔެގެ މެޗަށް ފަހު: މިއީ ހުނަރުގެ ގޮތުން ވަރަށް ތަފާތު ކުޅުންތެރިއެއް

އާކިފްގެ އުމުރުން އެންމެ 13 އަހަރު، އިއްޔެ ދިވެހި ލީގުގައި ކުޅެފި

ސަސްގެ އެސިސްޓެންޓް ކޯޗު އަދި އާކިފްއާ އެކު ދިގު މުއްދަތެއް ހޭދަކުރި ފަރީދު ބުނީ އެއީ ވަރަށް ތަފާތު ހުނަރެއް ކަމަށް
10 އޯގަސްޓު 2023
1

މެޗުގެ އިތުރު ވަގުތުގެ ހަ މިނިޓަށް އާކިފް ބިން މުހައްމަދު އިއްޔެ ގަލޮޅު ދަނޑަށް ނުކުމެ، ސަސްއަށް ކުޅުމަކީ، އެ އުމުރުގެ ކުޅުންތެރިޔަކު ރާއްޖޭގެ އެންމެ މަތީ ލީގުން ފެނުނު ފުރަތަމަ ފަހަރެވެ.

އުމުރުން 13 އަހަރާއި އެއް މަހެވެ. މިހާ ޅަ އުމުރެއްގައި، ދިވެހި ޕްރިމިއަ ލީގުގެ ތިން ވަނާގައި އޮތް ޓީމަށް ކުޅުމަކީ އާކިފަށް ލިބުނު ހަމައެކަނި އުފަލެއް ނޫނެވެ. އެއީ ދިވެހި ފުޓްބޯޅައިގެ ތާރީހުގައި ވެސް ރާއްޖޭގެ އެންމެ މަތީ ލީގުގައި ކުޅުނު އެންމެ ހަގު ކުޅުންތެރިޔާ އެވެ.

"އާކިފަކީ ވަރަށް މޮޅު މިޑްފީލްޑަރެއް. ވަރަށް ހުނަރުވެރި ކުޅުންތެރިއެއް،" އުމުރުން ފަސް އަހަރުން ފެށިގެން އާކިފަށް ކޯޗުކޮށްދިން ކޯޗުންގެ ތެރޭގައި ހިމެނޭ އަދި މިހާރު ވެސް ސަސްގެ އެކަޑަމީގައި އޭނާ ގެންގުޅެމުން އަންނަ ފަރީދު މުހައްމަދު ބުންޏެވެ.

އޭނާ ބުނި ގޮތުގައި ސަސްގެ ކޯޗު އިސްމާއިލް މަހްފޫޒް (އިންމަ)އަށް ވެސް އާކިފްގެ ކުޅުން ވަރަށް ކަމުދެ އެވެ. މީގެ ކުރިން އެހެން މެޗެއްގައި ވެސް އޭނާއަށް ފުރުސަތެއް ދޭން ވިސްނި ކަމަށް، ފަރީދު ބުންޏެވެ.

"ސީނިއަ ޓީމުގެ ޕްރެކްޓިސްތަކުގައި ވަރަށް ރަނގަޅަށް ކުޅެމުން އަންނަނީ. ކޯޗަށް ވަރަށް ކަމުގޮސްގެން އުޅެނީ،" މަހްފޫޒުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުން ވެސް މަސައްކަތްކުރަމުން އަންނަ ފަރީދު ބުންޏެވެ.

އާކިފްއަކީ، މި ފަހުން ދިވެހި ލީގުގައި ތިން ރެކޯޑެއް ހެދި ވެލެންސިއާގެ އީތަން އިބްރާހިމް ޒަކީ އާއި ޔޫސުފް އަޔާން އާމިރު އަދި މުހައްމަދު އިލާން އިމްރާން ހިމެނޭ ބެޗުގެ ކުޅުންތެރިއެކެވެ. ކުރިން މި ހުރިހާ ކުޅުންތެރިން ފަރިތަކުރަމުން އައީ ވެސް އެކުގަ އެވެ.

އީތަންއަކީ މިހާތަނަށް ދިވެހި ލީގުގައި ލަނޑެއް ޖެހި އެންމެ ހަގު ކުޅުންތެރިޔާ އެވެ. މިދިއަ އަންގާރަދުވަހު ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ކޮޅަށް ލަނޑު ޖެހި އިރު އޭނާގެ އުމުރަކީ 14 އަހަރާއި ނުވަ މަހާއި ދެ ދުވަހެވެ.

އެ މެޗުގައި އީތަން ލަނޑު ޖަހަން ޕާސް ދިން އިލާންއަކީ ރާއްޖޭގެ އެންމެ މަތީ ލީގުގެ މެޗެއްގައި ލަނޑު ޖަހަން އެހީތެރިވި އެންމެ ހަގު ކުޅުންތެރިޔާ އެވެ. އުމުރަކީ 14 އަހަރާއި ހަ މަހާއި 22 ދުވަހެވެ.

އޭގެ ކުރީ މެޗެއްގައި އަޔާން ތާރީހުގެ ތެރެއަށް ވަނީ އެހާ ތަނަށް ދިވެހި ލީގުގައި ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ގޮތުގަ އެވެ. އުމުރަކީ 15 އަހަރާއި ހަ މަހާއި 13 ދުވަހެވެ.

މި ތިން ކުޅުންތެރިންނަކީ މި އަހަރުގެ 15 އަހަރުން ދަށުގެ މުބާރާތުގެ ތަށި އިސްކަންދަރު ސްކޫލަށް ހޯދައިދިން ހުނަރުވެރިންނެވެ. އެ މުބާރާތުގެ ފައިނަލްގައި އިސްކަންދަރާ ދެކޮޅަށް ނުކުތް ކަލާފާނު ސްކޫލްގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހުރީ އާކިފް އެވެ. ނަމަވެސް އެ މެޗުން ކަލާފާނު ބަލިވީ 7-1 އިންނެވެ.

ފަރީދު ބުނީ އިއްޔެ 2-0 އިން ސަސް މޮޅުވި މެޗަށް އާކިފް ނެރުނީ ކޮންމެހެން ރެކޯޑެއް ހަދަން ނޫން ކަމަށެވެ.

"ރެކޯޑަކަށް ވުރެ ބޮޑަށް ބެލީ މީގެ ތެރެއަށް ލެވޭނެ ފެންވަރު ހުރީމާ އެ ފުރުސަތު ދޭން،" ފަރީދު ބުންޏެވެ.

"އެއީ 13 އަހަރުގެ ވަރަށް ތަފާތު ހުނަރެއް. ހަމަ ތަފާތު ކުޅުންތެރިއެއް."

އިތުރަށް ކިޔާލަން:

ކޮމެންޓް (1)

ޢަޒީ

11 އޯގަސްޓު 2023
ދިވެހި ލީގުގެ ފެންވަރު ހުރިގޮތައް ބަލާއިރު 10 އަހަރުގެ ކުޅުންތެރިންވެސް ދިވެހި ލީގުގަ ކުޅޭނެ..
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް