އުމުރުން 20 އަހަރުގެ ކާލޯސް އަލްކަރާޒް، ރޭ ވިމްބަލްޑަން ޓެނިސް މުބާރާތް ކާމިޔާބުކޮށް ތައްޓާ އެކު

ޖޮކޮވިޗް ބަލިކޮށް އަލްކަރާޒް، ވިމްބަލްޑަން ނެގުމާ އެކު އާ ބާބެއް

ޖޮކޮވިޗް ރެކޯޑަކާ ދިމާލަށް ދިއުން ހުއްޓުވުމުގައި 20 އަހަރުގެ ކުޅުންތެރިޔާ ދެއްކީ އޭނާއަށް ދުނިޔޭގެ 1 ވަނަ ހައްގުކަން
17 ޖުލައި 2023

ވިމްބަލްޑަންގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން، ނޮވަކް ޖޮކޮވިޗް ބަލިކޮށް، 20 އަހަރުގެ ކާލޯސް އަލްކަރާޒް ރޭ ހޯދުމާ އެކު އެއީ ޓެނިހުގެ އާ ބާބެއްގެ ފެށުން ކަމަށް، ބައެއް ތަޖުރިބާކާރުން ބުނަން ފަށައިފި އެވެ.

ވިމްބަލްޑަންގެ ފައިނަލްގައި ޖޮކޮވިޗްއާ ދެކޮޅަށް ކުޅެ 2013ގެ ފަހުން މޮޅުވި ކުޅުންތެރިޔަކު ރެއާ ހަމައަށް ފެނިފައެއް ނުވެ އެވެ. އެހެންކަމުން މިފަހަރު ވެސް އެ ފައިނަލް ކާމިޔާބުކޮށް، ގްރޭންޑް ސްލޭމްގެ ސިންގަލްސް ޗެމްޕިއަންކަން 24 ފަހަރަށް ހޯދި ހަމައެކަނި ކުޅުންތެރިޔާއާ ޖޮކޮވިޗް އެއްވަރުކުރާނެ ކަމަށް، ގިނަ ބަޔަކު ގަބޫލުކުރި އެވެ.

ނަމަވެސް ފުރަތަމަ ސެޓް 1-6 އިން ގެއްލިފައި އޮއްވާ ދެން ސްޕެއިންގެ ޒުވާން ކުޅުންތެރިޔާ ފެނުނީ ކޯޓުގައި ހަމަޖެހިލައި، ދުނިޔެ ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާގެ މައްޗަށް ގަދަވި ތަނެވެ. ވަރުގަދަ މެޗު ކާމިޔާބުކުރީ 1-6 ،7-6 (8-6)، 6-1 ،3-6، 6-4 އިންނެވެ.

ހަތަރު އަހަރުގެ ޗެމްޕިއަން ޖޮކޮވިޗް ބަލިކުރުމަށް ފަހު އަލްކަރާޒް އުފާ ފާޅުކުރަނީ

"ޖޮކޮވިޗް ބަލިކުރުމާއި، ވިމްބަލްޑަން ކާމިޔާބުކުރުމާއި މިއީ އަހަރެން ޓެނިސް ކުޅެން ފެށިއިރުއްސުރެ ދުށް ހުވަފެންތައް،" މެޗަށް ފަހު ވާހަކަ ދައްކަމުން އަލްކަރާޒް ބުންޏެވެ.

"މިއީ އަހަރެންގެ ހަޔާތުގެ އެންމެ އުފާވެރި ވަގުތުކޮޅު. ހިއެއް ނުވޭ އެހާ އަވަހަށް އެކަން ބަދަލުވެދާނެހެން ވެސް."

މިދިއަ އަހަރުގެ ޔޫއެސް އޯޕަން ޗެމްޕިއަންކަން ހޯދި އަލްކަރާޒްއަށް މިއީ އޭނާގެ ހަޔާތުގެ ދެ ވަނަ ގްރޭންޑް ސްލޭމް އެވެ. ޖޮކޮވިޗް އާއި ރޮޖާ ފެޑެރާ އަދި ސްޕެއިންގެ ރަފޭލް ނަޑާލްއަށް ފަހު ފިރިހެން ޓެނިހުގައި ރަސްކަންކުރާނީ އަލްކަރާޒްކަން، ތަޖުރިބާކާރުން ލަފާކުރެ އެވެ.

މެޗުގައި ޕޮއިންޓެއް ގެއްލުމުން ޖޮކޮވިޗް ކޯޓުގައި އިށީނދެލައިގެން

މިދިއަ ނޮވެމްބަރު މަހު ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާގެ ދަރަޖަ ލިބުމުން އަލްކަރާޒް ވީ އެ މަގާމަށް ދަތުރުކުރި ފިރިހެން އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ.

ރޭގެ ކާމިޔާބީއާ އެކު އެއް ވަނަ ކުޅުންތެރިޔާގެ މަގާމު އޭނާއަށް ދެމެހެއްޓޭނެ އެވެ.

ޖޮކޮވިޗްއަކީ މިދިއަ ހަތަރު އަހަރު ވިމްބަލްޑަންގެ ޗެމްޕިއަނުންނެވެ. އެހެންކަމުން އޭނާ ބަލިކުރުމުން ދައްކައިދެނީ، ޓެނިހުގެ ދެން ހުރި ތަރިއަކީ އަލްކަރާޒް ކަމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް