ބެންގަލޫރުގައި ރޭ ނިމުނު ސާފް ޗެމްޕިއަންޝިޕްގެ ތަށި ނެގުމަށް ފަހު އިންޑިއާ ކުޅުންތެރިން އުފާ ފާޅުކުރަނީ --ފޮޓޯ/އިމޭޖްސްއެމްވީ

އިންޑިއާއަކީ ސަރަހައްދީ ފުޓްބޯޅައިގެ އެއްވަނަކަން އަނެއްކާވެސް ސާބިތުކޮށްދީފި

ސާފް ޗެމްޕިއަންޝިޕްގެ ތަށި އިންޑިއާއިން ދިފާއުކުރީ މެދު އިރުމަތީގެ ގައުމެއް ކަމަށްވާ ކުވޭތު ބަލިކޮށް
5 ޖުލައި 2023

ސަރަހައްދީ ފުޓްބޯޅާގައި އިންޑިއާއަކީ ރަސްގެފާނުކަން އަނެއްކާވެސް ސާބިތުކޮށްދީފި އެވެ. މިފަހަރު ސަރަހައްދުން ބޭރުގެ ދެ ގައުމަށް ދިން ދައުވަތުގައި ބައިވެރިވި ކުވޭތާ ދެކޮޅަށް ރޭ ބެންގަލޫރުގައި ކުޅުނު ފައިނަލް މެޗު ވެސް ކާމިޔާބުކޮށްގެންނެވެ.

ރާއްޖޭގައި 2021ގައި އޮތް ސާފް ޗެމްޕިއަންޝިޕްގެ ތަށި ވެސް ނެގި އިންޑިއާ ރޭ އެ މަގާމު ދިފާއުކުރީ 14 ވަނަ މިނިޓްގައި ކުވޭތުގެ ޝަބައިބު އަލް ހަލްދީ ލަނޑެއް ޖަހައި ކުރި ހޯދާފައި ވަނިކޮށް ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަލިއަންޒައުލާ ޗާންގްތީ އެއްވަރުކޮށްދިން ނަތީޖާގައި ހިފަހައްޓައިގެން ގޮހެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީއަށް އިނާމު ހަވާލުކުރަނީ --ފޮޓޯ/އިމޭޖްސްއެމްވީ

މެޗުގެ ފުރިހަމަ ވަގުތާއި އިތުރަށް ކުޅުނު 30 މިނިޓްގައި ވެސް އިތުރު ލަނޑެއް އެއްވެސް ބަޔަކަށް ޖެހޭ ގޮތް ނުވުމުން ފަހުގެ ނަތީޖާ ނެރުނީ ޕެނެލްޓީ ޖަހައިގެންނެވެ. އިންޑިއާ މޮޅުވީ 5-4 އިންނެވެ.

މިފަހަރު ވެސް މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ އެވެ.

މިއީ ސާފް ޗެމްޕިއަންޝިޕްގެ ނަމުގައި 1997ގައި މުބާރާތް ބާއްވަން ފެށި ފަހުން އިންޑިއާ ޗެމްޕިއަންކަން ހޯދި އަށް ވަނަ ފަހަރެވެ. އަދި ޖެހިޖެހިގެން ދެ ފަހަރަށް ތަށި ކާމިޔާބު ކުރި ދެ ވަނަ ފަހަރެވެ.

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަށް މިއީ ބަދުނަސީބު މުބާރާތެކެވެ. ސެމީ ފައިނަލަށް ވެސް ނުގޮސް ގްރޫޕް ސްޓޭޖުން ރާއްޖެ ކެޓީ ގްރޫޕްގެ ތިން ވަނާގައި އޮވެގެންނެވެ. މިއީ މުބާރާތުގެ ތާރީހުގައި ސެމީއަށް ނުގޮސް ރާއްޖެ ކެޓި ފުރަތަމަ ފަހަރު ވެސް މެ އެވެ.

ރޭގެ ފައިނަލްގައި ކުވޭތާ ދެކޮޅަށް އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ އިރުޝާދު ދެނީ --ފޮޓޯ/އިމޭޖްސްއެމްވީ

ސާފް ޗެމްޕިއަންޝިޕްގެ ތަށި އިންޑިއާއަށް

  • 1-

    1997

  • 2-

    1999

  • 3-

    2005

  • 4-

    2009

  • 5-

    2011

  • 6-

    2015

  • 7-

    2021

  • 8-

    2023

އިތުރު އާޓިކަލް

އިތުރު އާޓިކަލް