މިހާރު ނިއުކާސަލްއާ ގުޅިފައިވާ މިޑްފީލްޑަރު ސަންޑްރޯ ޓޮނާލީ: އެންމެ ކުޑައިރުއްސުރެ އޭސީ މިލާން ދެކެ ލޯބިވި

އޭސީ މިލާން

އޭސީ މިލާން ދެކެ ޓޮނާލީ ވާ ލޯތްބަށް ވުރެ ނިއުކާސަލް އިން އޭނާއަށް ހުށައެޅި އަގު މާ ބޮޑު

އިޓަލީގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ޕްރިމިއަ ލީގަށް ބަދަލުވިޔަސް ޓޮނާލީ އާއި އޭސީ މިލާންގެ މެދުގައި އޮތީ ފުން ގުޅުމެއް
4 ޖުލައި 2023

އޭސީ މިލާންގެ ކުރީގެ ތަރި ގަޓޫސޯގެ ފޮޓޯ ޖެހި މަގު މަންމަ އަތުން ވެއްޓި ތެޅުމުން، ތެރަސް ލައިގެން އޭގެ ބައިތައް ގުޅުވާނީ ހާދަ ލޯތްބެއް ވީމަ އެވެ. އުމުރުން 23 އަހަރުގެ ސަންޑްރޯ ޓޮނާލީގެ ހިތުގައި ގަޓޫސޯއާ މެދު އޮތީ އެހާ ވެސް ބޮޑު ލޯތްބެކެވެ.

އެ ލޯތްބާއި އޭނާ ނިސްބަތްވާ ސަރަހައްދުގެ އެންމެން ކަހަލަ ގޮތަކަށް ސަޕޯޓްކުރާ އޭސީ މިލާނާ މެދު އުފެދުނު ލޯބި ޓޮނާލީ ބަދަލުކޮށްލީ ދުވަހަކު ވެސް އެ ކްލަބް ދޫކޮށްނުދާނެ ކުޅުންތެރިޔަކަށެވެ. އެކަމަކު 23 އަހަރުގެ މިޑްފީލްޑަރު މިހާރު ވަނީ ޗެމްޕިއަންސް ލީގުން ޖާގަ ހޯދާފައިވާ ނިއުކާސަލްއަށް 66 މިލިއަން ޑޮލަރު (1 ބިލިއަން ރުފިޔާ)ގެ އަގެއްގައި ބަދަލުވެފަ އެވެ.

އޭސީ މިލާން ދޫކޮށް ނުދިއުމުގެ މަގުސަދުގައި 2021ގައި އޭނާ ވަނީ މުސާރަ ވެސް ކުޑަކޮށް އެ ކްލަބްގައި މަޑުކޮށްފަ އެވެ. ނަމަވެސް ފުޓްބޯޅައަކީ މާލީ ބާޒާރެއް ކަމާއި އެ ބާޒާރުގެ ވިޔަފާރިއަށް ނޫނެކޭ ބުނެ އަބަދު ނުހުރެވޭނެކަން މިވަނީ ސާބިތުވެފަ އެވެ. އޭސީ މިލާނަށް ވެސް ފައިދާ އެވެ.

ޓޮނާލީ އުފުރާލި އަގާ އެކު އޭނާއަކީ މިހާރު އިޓަލީގެ އެންމެ އަގުބޮޑު ފުޓްބޯޅަ ކުޅުންތެރިޔާ އެވެ.

"މި ޖާޒީ ހޯދަން އަހަރެން ކުރި މަސައްކަތް އެނގޭ، އެހެންވެ އެ ދޫކޮށްލަން ޖެހޭވަރުގެ ގޯހެއް ނުހަދާނަން،" ކުރިން އޭނާ ބުނެފައިވެ އެވެ.

ސޮނާލީ ފަދަ ކުޅުންތެރިޔަކަށް ނިއުކާސަލް ބޭނުންވެ އެވެ. އެތައް އަހަރަކަށް ފަހު ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގައި ނިއުކާސަލް ވާދަކުރާ އިރު ޓީމު ވަރުގަދަ ކުރަން ޖެހެ އެވެ. ސޮނާލީއަކީ ދަނޑު މަތީގައި ކޮންމެ ހިސާބަކުން ވެސް ކުޅެގަނެވޭ ވަރުގެ ހުނަރުވެރިއެކެވެ. ލަނޑު ޖެހުމާއި ލަނޑު ޖަހަން އެހެން ކުޅުންތެރިންނަށް އެހީތެރިވުމުގައި އޭނާ ކުޅަދާނަ އެވެ.

އޭސީ މިލާން ދޫކޮށް ޕްރިމިއަ ލީގަށް ބަދަލުވިޔަސް ސޮނާލީގެ ހިތުގައި އެ ކްލަބާ މެދު އޮތް ލޯބި ކެނޑިގެންނެއް ނުދާނެ އެވެ. ކުޑައިރުގެ ހުވަފެނަކަށް ވީ އޭސީ މިލާނަށް ކުޅުމެވެ. އެކަން އޭނާ ކުރި އެވެ. އަދި 11 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އިޓަލީ ލީގު 22-2021ގައި ހޯދައިދިނުމުގައި ވެސް އޭނާގެ ކުޅުން އެހާމެ މުހިންމެވެ.

ނިއުކާސަލްގައި ވެސް ޓޮނާލީ ވާނީ އެހާމެ ކުޅަދާނަ އަދި މޮޅު ކުޅުންތެރިއެއް ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް