ބޫޓާން ކޮޅަށް ފުރަތަމަ ލަނޑު ޖެހުމަށް ފަހު ރާއްޖޭގެ ކުޅުންތެރިން އުފާ ފާޅުކުރަނީ --ފޮޓޯ/އިމޭޖްސްއެމްވީ

ހަމްޒާ އާއި ނާއިޒް، އުނދަގޫ މެޗެއްގައި ބޫޓާން އަތުން ރާއްޖެ ސަލާމަތްކޮށްދީފި

މިއީ ރާއްޖެއާ ދެކޮޅަށް މިހާތަނަށް ބޫޓާން ކުޅުނު އެންމެ ނުރައްކާތެރި މެޗު. ކީޕަރު ހުސެއިން ޝަރީފްގެ ފުރަތަމަ މެޗުގައި ފެނުނު ކުޅަދާނަކަމަކީ ބަލިނުވި އެއް ސަބަބު
22 ޖޫން 2023

ގައުމީ ޓީމުގެ ފުރަތަމަ 11 އިން ޖާގަ ލިބި ހުސެއިން ޝަރީފް ރާއްޖޭގެ ގޯލް މިރޭ އެހާ ރަނގަޅަށް ނުބެލެހެއްޓި ނަމަ، ތާރީހުގައި ފުރަތަމަ ފަހަރަށް ބޫޓާން އަތުން ރާއްޖެ ބަލިވުން ކައިރި އެވެ.

މެޗުގެ ހަވަނަ މިނިޓްގައި އަމިއްލައަށް ހޯދި ޕެނެލްޓީ ކާމިޔާބުކޮށް ހަމްޒާ މުހައްމަދު (ހަމްޕު) ރާއްޖޭގެ ޓީމުގެ ރޫހު ދިރުވައި، އަދި 90 ވަނަ މިނިޓްގައި ނާއިޒް ހަސަން (ދާދު)ގެ ލަނޑުން، ތިން ޕޮއިންޓް ކަށަވަރުކޮށް، ރާއްޖެއަށް ހަމަޖެހުމެއް ގެނެސްދިނެވެ.

ރާއްޖޭގެ ފުރަތަމަ މެޗުގައި ބޫޓާން ކޮޅަށް ޕެނެލްޓީއަކުން ލަނޑު ޖެހުމަށް ފަހު ހަމްޒާ އުފާ ފާޅުކުރަނީ --ފޮޓޯ/އިމޭޖްސްއެމްވީ

ނަމަވެސް ބެންގަލޫރުގައި އިއްޔެ ފެށި ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި މިރޭ ބޫޓާނުން ރާއްޖެއަށް ނުރައްކާކުރީ ވަކި ވަރަކަށް ނޫނެވެ. ރާއްޖޭގެ އެއްވަނަ ކީޕަރު މުހައްމަދު ފައިސަލްއަށް އަނިޔާވެ ފަހު ވަގުތު ޓީމުން ބޭރުވުމާ އެކު ގޯލް ބަލަހައްޓަން ނުކުތް، ތ. ކިނބިދުއަށް އުފަން ޝަރީފްގެ ފުރަތަމަ މެޗުގައި އޭނާއަށް ތައުރީފް ހައްގެވެ. ފުރަތަމަ ހާފުގައި ވެސް ހަތަރު ހަމަލާ ސަލާމަތްކުރި އެވެ. ފަހު ހާފުގައި ވެސް ނުރައްކާތެރި ބޯޅަތަކެއް މަތަކުރި އެވެ.

މޮޅުވި ލަނޑު ނާއިޒް ޖެހުމުގެ ކުރިން ބޫޓާނަށް އެއްވަރުވިޔަ ނުދޭން ގޯލުގެ އަރިމަތީ ދަނޑި ވެސް އެއްފަހަރު ހުރަކަށް ވި އެވެ.

ބޫޓާންގެ ކެޕްޓަން ކަރްމާ ޝެދްރުޕް ޝެރިންގް މިރޭގެ މެޗުގައި ބޮލުން ޖަހަނީ --ފޮޓޯ/އިމޭޖްސްއެމްވީ

ސާފް ޗެމްޕިއަންޝިޕްގައި މިހާ ދަށް ކުޅުމަކުން މީގެ ކުރިން ރާއްޖެ މުބާރާތް ފަށާފައެއް ނުވެ އެވެ. އެންމެ ފަހުން 2021ގައި މާލޭގައި އޮތް މުބާރާތުގައި ނޭޕާލް އަތުން ބަލިވި ނަމަވެސް މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި އެވެ. އެކަމަކު މިރޭ ފުރަތަމަ ހާފުގައި، ބޫޓާން ކުޅުންތެރިންނަށް ނުލިބި ތިން ހަތަރު ބޯޅައެއް ޕާސްކޮށްލެވުނީ ވެސް މަދު ފަހަރަކު އެވެ.

ނަމަވެސް ގްރޫޕްގައި މުހިންމީ ތިން ޕޮއިންޓްކަމުން އެ ހިތްހަމަޖެހުން އެބަ އޮތެވެ.

މި ގްރޫޕްގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފަހު ވަގުތު ބަންގްލަދޭޝް ކޮޅަށް ޖެހި ދެ ލަނޑާ އެކު ލުބުނާން ވަނީ މެޗު ކާމިޔާބުކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް