މިދިއަ އަހަރު އޮތް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި 1500 މީޓަރުގެ ރޭސް ކާމިޔާބުކުރުމަށް ފަހު ފަޒީލް އުފާ ފާޅުކުރަނީ

ފަޒީލް 1500 މީޓަރުގެ 30 އަހަރުގެ ގައުމީ ރެކޯޑް މުގުރާލައިފި

1993 ގެ ސާފް ގޭމްސްގައި ހުސެއިން ރިޔާޒް ހެދި ރެކޯޑް މުގުރާލެވޭނެ އެހެން ދުވުންތެރިއަކު މިއަދުގެ ކުރިން ފެނިފައެއް ނުވޭ
18 ޖޫން 2023

ރާއްޖޭގެ އެތުލެޓިކްސްގައި މިހާތަނަށް މުގުރާނުލެވި އެންމެ ގިނަ ދުވަސް ވީ އެއް ރެކޯޑް، މިއަދު އިންޑިއާގެ ސްޓޭޓްތަކުގެ އެތުލެޓިކްސް މުބާރާތުގައި ހުސެއިން ފަޒީލް ހާރޫނު މުގުރާލައިފި އެވެ.

ފިރިހެނުންގެ 1500 މީޓަރުގެ ދުވުމުގައި ފަޒީލް، އޭނާގެ ކެރިއަރުގައި ވެސް މުހިންމު ކާމިޔާބީއަކަށް ވާނެ މި ރެކޯޑް ހެދީ 3:57.44 މިނިޓުން ނިންމައިގެންނެވެ. އޭނާ ހިމެނުނު ހީޓުގައި އެންމެ ފަހުން ނިންމި ދުވުންތެރިޔާއަށް ވިޔަސް، މިއީ ރާއްޖެއަށް މުހިންމު ދުވުމެކެވެ.

ރާއްޖޭގައި އުފެދުނު މޮޅު ދުވުންތެރިންގެ ތެރޭގައި ހިމެނުނު ހުސެއިން ރިޔާޒް (ބޭބެ)، ބަންގްލަދޭޝްގެ ޑާކާގައި 1993ގައި އޮތް ސާފް ގޭމްސްގެ 1500 މީޓަރު 4:00.06 މިނިޓުން ނިންމައިގެން ހެދި ގައުމީ ރެކޯޑްގައި އަތްލެވޭނެ އެހެން ދުވުންތެރިޔަކު މި މުއްދަތުގައި ފެނިފައެއް ނުވެ އެވެ.

ފަޒީލް އަންނަނީ މި އަހަރު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)އަށް އިންޑިއާގައި ތަމްރީން ހަދަމުންނެވެ. އޭނާ މިއަދު ރެކޯޑް އެ ހެދީ އައިއޯއައިޖީގައި އެންމެ ފަހުން 1500 މީޓަރުގެ ރޭހުން ލޯ މެޑެލް ހޯދި ދުވުންތެރިޔާގެ ވަގުތަށް ވުރެ އަވަހަށެވެ. 

ރާއްޖޭގެ ފިރިހެނުންގެ 5000 އާއި 10000 މީޓަރުގެ ރެކޯޑް ވެސް އޮތީ ފަޒީލް އަތުގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް