ބެޑްމިންޓަން ކުޅުންތެރިޔާ ނީލާ އައިއޯއައިޖީގައި ހޯދި ލޯ މެޑެލްއާ އެކު.

ބެޑްމިންޓަން

ނީލާގެ 25 އަހަރުގެ ކުޅިވަރު ހަޔާތަށް 'ބަނަ' ނިމުމެއް

އެންމެ ކާމިޔާބު އަންހެން ބެޑްމިންޓަން ކުޅުންތެރިޔާގެ އުއްމީދަކީ މި އަހަރުގެ އައިއޯއައިޖީއަކީ ފަހު މުބާރާތަށް ހެދުން. އެކަމަކު އޭގެ ކުރިން އޭނާ ވަނީ ގައުމީ ޓީމުން ސަސްޕެންޑްކޮށްފައި

މުހިންމު ނުކުތާތައް

ނީލާ އާއި އޭނާގެ ގާނޫނީ ވަކީލު ގަބޫލުކުރަނީ އެއީ ޒާތީ ނިންމުމެއް ކަމަށް

ސްކޮޑުން އޭނާ ބޭރުކުރީ އަހުލާގީ ކޮން މައްސަލައެއްގައި ކަން އެސޯސިއޭޝަނަށް ބުނެދެވިފައެއް ނުވޭ

ކުޅިވަރާ ބެހޭ އިދާރާތަކަށް އޭނާ ފޮނުވި އެއްވެސް ސިޓީއަކަށް އަދި ޖަވާބެއް ނުލިބޭ

ނީލާ އަހުމަދު ނަޖީބަކީ ކުޅިވަރުގެ ތަރިއެކެވެ. ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިންގެ ތެރެއިން، ގައުމީ ފެންވަރެއްގައި އެންމެ ގިނަ ދުވަސް ވަންދެން ހިފަހައްޓާލި ކުޅުންތެރިޔާ އެވެ. ގާތްގަނޑަކަށް 25 އަހަރު މެދުނުކެނޑި ގައުމީ ފެންވަރުގައި އޭނާ ކުޅެފި އެވެ. އެތައް މުބާރާތެއްގައި ރާއްޖެ ތަމްސީލުކޮށްފި އެވެ. ގައުމީ ނުވަ ޓައިޓަލްއާ އެކު، އޭނާއަކީ ރާއްޖޭގައި މިހާތަނަށް އެންމެ ކާމިޔާބު އންހެން ބެޑްމިންޓަން ކުޅުންތެރިޔާ އެވެ. 

ނީލާ ނިންމައިގެން ހުރީ މި އަހަރު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)އަކީ އޭނާގެ ފަހު މުބާރާތަށް ހަދާށެވެ. އެހެން ހުރިހާ މަސައްކަތެއް ދޫކޮށްލައި، އެ މުބާރާތަށް ތައްޔާރުވަމުން އަ އެވެ.

ނަމަވެސް އައިއޯއައިޖީ ފެށެން ތިން މަސް ދުވަހަށް ވެފައިވަނިކޮށް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން އޭނާ މިހާރު ވަނީ ސަސްޕެންޑްކޮށްފަ އެވެ.

ކުޅިވަރުގެ ރޫހާ ހިލާފު، ޒާތީ އަމަލެއް

ނީލާ ގަބޫލުކުރާ ގޮތުގައި އެސޯސިއޭޝަނުން ކުރިންސުރެ ވެސް ކަންކަން ކުރަމުން އައީ އޭނާއަށް ބޭއިންސާފު ގޮތްގޮތަށެވެ. އެކަމަށް ބައެއް ކުޅުންތެރިން އެހީތެރިވާކަމުގެ ތުހުމަތު އޭނާ ކުރެ އެވެ. އެގޮތުން ގައުމީ ޓީމުން އޭނާ ބޭރުކުރަން 'ދެތިން ކުޅުންތެރިޔަކު ރާވައިގެން ސިޓީ ފޮނުވާފައި ހުރި' ކަމަށް ވެސް ބުންޏެވެ.

މި އަހަރުގެ ކުރީކޮޅު ނީލާ ވަނީ އެ ކަންބޮޑުވުންތައް އޭނާގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް ހާމަ ވެސް ކޮށްފަ އެވެ. ބީއޭއެމްގެ ވެރިންނާ ހަމައަށް އޭނާގެ ވާހަކަތައް ގެންދެވޭނެ ފުރުސަތު ނުލިބުނު ކަމަށް ވެސް އޭނާ ބުންޏެވެ.

ނީލާ ކުޅެނީ: އޭނާ ނިންމައިގެން ހުރީ މި އަހަރު އޮންނަ އައިއޯއައިޖީއަކީ ފަހު މުބާރާތަށް ހަދަން

ނީލާ ތުހުމަތުކުރަނީ ކުޅުންތެރިންގެ އިތުރުން އެސޯސިއޭޝަނުން ވެސް އޭނާއަށް ފިއްތުންތަކާއި ތަފާތުކުރުން ކުރިމަތިކުރުވާ ކަމަށެވެ. ބައެއް ކަންކަން އޭނާ ފާހަގަކުރި އެވެ. އޭގެ ތެރޭގައި؛

  • 2019ގެ އައިއޯއައިޖީގެ ކުރިން އޭނާގެ ކޯޗު ފޮނުވާލުން. ކޯޗު ހުރި ނަމަ އެ މުބާރާތުގައި ރަން މެޑަލެއް ލިބުމުގެ ފުރުސަތު އޮތް ކަމަށް ގަބޫލުކުރި

  • މި ފަހުން ބޭއްވި 'މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖު'ގެ މިކްސްޑް ޑަބަލްސް އިވެންޓުގައި ނީލާ އާއި އޭނާގެ ޕާޓްނަރު ކުޅެން އެއް ދުވަހަށް ވެފައި ވަނިކޮށް، އެމީހުންގެ ހުއްދައާ ނުލާ ބީއޭއެމް އިން ވަނީ ނަން ނަގާފައި؛ އެ މުބާރާތުގައި ބައިވެރިވާން ނީލާ އޮތީ އަމިއްލައަށް ފައިސާ ވެސް ދައްކާފައި

މަޑަގަސްކަރާގައި މި އަހަރު އޮންނަ އައިއޯއައިޖީއަށް ތައްޔާރުވުމުގެ ތެރެއިން މިދިޔަ މަހުގެ 21 ވަނަ ދުވަހު އޮތް ޕްރެކްޓިސްގައި ގަނާކުރުމުގެ އަމަލުތަކެއް ކުރިމަތިވި ކަމަށް ނީލާ ބުންޏެވެ. އެ މައްސަލަ ކޯޗާ ހަމައަށް ގެންދިއުމުން ކުށްވެރިވީ، ނީލާ ބުނި ގޮތުގައި، އޭނާ އެވެ. އެކަމާ ހިތްހަމަނުޖެހުން ފާޅުކުރުމުން 'ދެން ވެސް ކުށްވެރިވީ އަހަރެން' ކަމަށް އޭނާ ބުންޏެވެ. 

ނީލާގެ ކުޅިވަރުގެ މުހިންމު ކާމިޔާބީތައް

  • ޖެހިޖެހިގެން ނުވަ އަހަރު ގައުމީ އަންހެން ސިންގްލަސް ޗެމްޕިއަންކަން

  • 2015 އާއި 2019ގެ އައިއޯއައިޖީގެ ބެޑްމިންޓަން ލޯ މެޑެލް

  • 2019: ޕާކިސްތާން އިންޓަނޭޝަނަލް ސީރީސްގައި އަންހެން ސިންގަލްސް އަދި ޑަބަލްސް އިން ލޯ މެޑެލް. މިއީ ބައިނަލްއަގުވާމީ ބެޑްމިންޓަން މުބާރާތެއްގެ އަންހެން ސިންގަލްސް ސެމީ ފައިނަލްގައި މިހާތަނަށް ކުޅުނު ހަމައެކަނި ކުޅުންތެރިޔާ

އޭގެ އަނެއް ދުވަހު އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު ހުރިހާ ކުޅުންތެރިންގެ ކުރިމަތީގައި ވިދާޅުވި ކަމަށް ވަނީ ނީލާގެ އަހުލާގީ މައްސަލަތަކެއް ހުރި ކަމަށެވެ. އެހެންވެ އައިއޯއައިޖީގައި ބައިވެރިވާ ރާއްޖޭގެ ޓީމަށް އޭނާއަށް ނޭރޭނެ ކަމަށް ވިދާޅުވި ކަމަށް، ނީލާ ބުންޏެވެ. ހަމަ އެދުވަހު އޭނާއަށް 'ވޯނިން ލެޓާއެއް' ލިބުނެވެ.

ނީލާ ބުނީ އަނގަބަހުން މޫސަ އެގޮތަށް ވިދާޅުވުމަކީ ގައުމީ ޓީމުން ފުރުސަތު ގެއްލުންތޯ ސާފުކުރަން ސިޓީއެއް ލި ކަމަށެވެ.

އޭގެ ޖަވާބުގައި ބީއޭއެމްގެ ނައިބު ރައީސް އަހްމަދު ޝާކިރު ސޮއިކުރައްވައި ނީލާއަށް ފޮނުއްވި ސިޓީގައި ވަނީ:

  • އެސޯސިއޭޝަނަށް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ނީލާއަށް އެކި ފަހަރު މަތިން ނަސޭހަތްތެރި ވެފައިވާ ކަމަށް

  • އޭގެ ފަހުން ވެސް ކޯޗާއި ކުޅުންތެރިންގެ ފަރާތުން ނީލާއާ ބެހޭ ގިނަ ޝަކުވާތަކެއް ލިބިފައިވާ ކަމަށް

  • އެހެންކަމުން 'މުޅި ޓީމުގެ މަސްލަހަތަށް ބަލާ އެންމެ ރަނގަޅު ގޮތަކީ' ގައުމީ ބެޑްމިންޓަން ސްކޮޑްގެ ހަރަކާތްތަކުން ނީލާ އެއްފަރާތްކުރުން ކަމަށް 

  • އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީން ނިންމީ 29 މެއި އިން ފެށިގެން 10 އޮކްޓޯބަރާ ހަމައަށް ގައުމީ ސްކޮޑްގެ ހުރިހާ ހަރަކާތަކުން ނީލާ އެއްފަރާތް ކުރުމަށް

ބެޑްމިންޓަން އެސޯސިއޭޝަންގެ ފަރާތުން ނީލާއަށް ލިބިފައިވާ ސިޓީ.
ބެޑްމިންޓަން އެސޯސިއޭޝަންގެ ފަރާތުން ނީލާއަށް ލިބިފައިވާ ސިޓީ.

ނީލާއަށް ކުރިމަތިވި މައްސަލާގައި ގާނޫނީ އެހީތެރިކަން ފޯރުކޮށްދެއްވަމުން އަންނަ ގާނޫނީ ވަކީލު ހަމްޒާ ހަލީލް 'ދައުރު'އަށް ވިދާޅުވީ ވެގެން އުޅޭ ގޮތް ނީލާ ކިޔައިދިނުމުގެ ކުރިން، ބީއޭއެމްގެ ސިޓީ ފެނިވަޑައިގެން ހިސާބުން ވެސް ގޯސްތަކެއް ހުރިކަން ފާހަގަކުރެެއްވުނު ކަމަށެވެ.

"ޑިސިޕްލިނަރީ ކޮން ގަވައިދަކާތޯ ހިލާފުވީ، ނުވަތަ ގަވައިދަކުން މަނާކޮށްފައި އޮތް ކޮން ކަމެއްތޯ ނީލާ ކުރީ، ނޫނީ ކުރަން ޖެހޭ ކަމަކަށް ނުކުރީ. އެއެއް ސާފެއް ނުވޭ ސިޓީ އަކުން،" ހަމްޒާ ވިދާޅުވި އެވެ.

ނީލާ ސަސްޕެންޑްކުރީ ޑިސިޕްލިނަރީ ކޮން ގަވައިދަކާ ހިލާފުވެގެންތޯ ބަލަން ނީލާގެ ފަރާތުން ދެވަނަ ސިޓީއެއް ފޮނުވި އެވެ. އެ ސިޓީގައި ދެން ސުވާލުކުރީ ގައުމީ ސްކޮޑުން ނީލާ އެއްކިބާކުރަން އެގްޒެކެޓިވް ކޮމިޓީން ނިންމީ އެ ކޮމިޓީއަށް ލިބިދީފައި އޮތް ކޮން ބާރަކާއި އިހުތިޔާރެއްގެ ދަށުންތޯ އެވެ.

މި މަހު ކުރީކޮޅު ފޮނުވި ސިޓީގައި ފާހަގަކުރި އެހެން ބައެއް ކަންކަމުގެ ތެރޭގައި:

  • ދެތިން ކުޅުންތެރިޔަކު ކޯޓުން ބޭރުގަ އާއި ކޯޓު މަތީގައި ތަމްރީންތައް ކުރިއަށްދާ އިރު ބޭއަދަބީ ބަސް ބޭނުންކޮށް، ނީލާއާ ދިމާކޮށް ހަދާ

  • އެކަންކަމަށް ނީލާ ރައްދެއް ދީފި ނަމަ، އެމީހުން އެސޯސިއޭޝަނަށް ޝަކުވާ ހުށަހެޅުމުން ވަގުތުން އެ މައްސަލައެއް ބަލާ

  • ނަމަވެސް އެ ކުޅުންތެރިންގެ ފަރާތުން ކުރިމަތިވާ ފުރައްސާރައާ ގުޅިގެން ނީލާ ހުށައެޅި އެއްވެސް ޝަކުވާއެއް އެސޯސިއޭޝަނުން ބަލާފައެއް ނުވޭ

ބީއޭއެމްއަށް ނީލާ ފޮނުވި ސިޓީ
ބީއޭއެމްއަށް ނީލާ ފޮނުވި ސިޓީ

ނީލާއަށް ދިމާވެފައިވާ މި މައްސަލާގައި ހަމްޒާ ގަބޫލުކުރައްވަނީ ބީއޭއެމްގެ ފަރާތުން ފެނިވަޑައިގަންނަވަނީ ކުޅިވަރުގެ ރޫހާ ހިލާފު ޒާތީ އަމަލުތަކެއް ކަމަށެވެ.

'ނީލާގެ ވަރަށް ބޮޑެތި ޑިސިޕްލިނަރީ މައްސަލަތަކެއް ހުރޭ'

މި މައްސަލާގައި ބީއޭއެމްގެ ނައިބު ރައީސް ޝާކިރަށް 'ދައުރު'ން ސުވާލުކުރި އެވެ. އޭނާ ވިދާޅުވީ ނީލާ އެންމެ ފަހުން އެސޯސިއޭޝަނަށް ފޮނުވި ސިޓީއާ ގުޅޭ ގޮތުން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އެ މައްސަލަ ބަލަން ފެށުނު ދުވަހެއް، ނުވަތަ ނިމޭނެކަމަށް ލަފާކުރެވޭ ދުވަހެއް ވެސް އޭނާ ވިދާޅެއް ނުވެ އެވެ.

"އެކަމަކީ އެހާ ކުޑަކުޑަ ކަމަކަށް ނުވާތީވެ [މައްސަލަ ބަލާ ނިމޭނެ ދުވަހެއް ނޭނގޭ]. އަޅުގަނޑުމެން އޭނާ ގެނެސް އޭނާގެ ބަޔާނެއް ވެސް ނަގާފައި އޮންނާނީ،" ޝާކިރު ވިދާޅުވި އެވެ.

"ދެން ދަންނަވަން ވާހަކައެއް؟ ނީލާއަކީ އަޅުގަނޑަށް އެނގޭ، 2004އިން ފެށިގެން ވެސް ނީލާގެ ވަރަށް ބޮޑެތި ޑިސިޕްލިން މައްސަލަތަކެއް އެބަހުރި. އެހެންވީމަ އަޅުގަނޑުމެން އެ މައްސަލަ ބަލަމުން މި ގެންދަނީ."

އެހާ ކުރިން ފެށިގެން ނީލާގެ ބޮޑެތި މައްސަލަތަކެއް ހުރި އިރު މިހާތަނަށް އެކަންކަން ބަލާފައި ނުވަނީތޯ ސުވާލުކުރުމުން، ޝާކިރު ތަކުރާރުކޮށް ވިދާޅުވީ 'މި ވަގުތަށް ދެވެން އޮތް ހަމައެކަނި މައުލޫމާތަކީ އެސޯސިއޭޝަނުން އެ މައްސަލަ ބަލަމުން ގެންދާ' ކަމަށެވެ.

ނީލާ އެންމެ ފަހުން ހުށައެޅި މައްސަލާގައި އޭނާގެ ބަޔާނެއް ނެގި ކަމަށް އެސޯސިއޭޝަނުން ބުނި ނަމަވެސް އެ ވާހަކަ އޭނާ ދޮގުކުރެ އެވެ.

"އެއްވެސް ބަޔާނެއް ނުނަގާ. ހަމައެކަނި ސިޓީތައް ފޮނުވީ،" ނީލާ ބުންޏެވެ.

ނީލާ ބޭރު މުބާރާތެއްގައި ކުޅެނީ: ގައުމީ ފެންވަރުގައި 25 އަހަރު ހޭދަކުރި

ކުޑަ ކަމެއްހެން ހީވެދާނެ، އެކަމަކު ގެއްލުން ބޮޑު

ނީލާއަށް ދިމާވެގެން އުޅޭ މައްސަލާގައި ކަންބޮޑުވުން ފާޅުކުރި އެކަކީ ކުރީގެ ގައުމީ ޗެމްޕިއަން އަބްދުﷲ ޝަކީބެވެ. 

"ބެޑްމިންޓަންގެ މުޅި ހަޔާތުގައި ވެސް ނޫޅޭނެ އެވަރުގެ ކޮމިޓްމަންޓެއް ދިން ކުޅުންތެރިއެއް،" މެދުނުކެނޑި 25 އަހަރު ވަންދެން ގައުމީ ފެންވަރުގައި ނީލާ ކުޅެފައިވާކަން ފާހަގަކޮށް ޝަކީބް ބުންނެވެ.

އޭނާ ބުނީ ޑިސިޕްލިން ނެތް ނަމަ އެ ފެންވަރުގައި އެހާ ގިނަ ދުވަހު ހިފަހައްޓާނުލެވުނީސް ކަމަށެވެ. 

"[ކުޅުންތެރިން] ބިނާކޮށް، [ކުޅުންތެރިން] ޑިސިޕްލިން ކުރުމަކީ އެސޯސިއޭޝަންގެ ޒިންމާއެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ. ޑިސިޕްލިނަރީ މައްސަލައެއް ޖެހުނަސް އެކުދިން ބާކީކޮށްލުމުގެ ބަދަލުގައި ހިތްވަރުދީގެން އެކުދިން ރަނގަޅު ކުރުމަކީ އެސޯސިއޭޝަންގެ ޒިންމާއެއް،" ގައުމީ ސިންގަލްސް ޗެމްޕިއަންކަމާއި ގައުމީ ޓީމަށް އެތައް ފަހަރަކު ކުޅެފައިވާ ޝަކީބު ބުންޏެވެ.

ބީއޭއެމްގެ ތެރޭގައި އޮތީ، އޭނާ ބުނި ގޮތުގައި، ރަނގަޅު މާހައުލެއް ނޫނެވެ. އެގޮތުން އެކި ކުޅުންތެރިންނާ މެދު ގެންގުޅޭ ތަފާތުކުރުންތައް، ހާއްސަކޮށް، އޭނާ ފާހަގަކުރި އެވެ. 

"އޮވޭ ހަމަ ވަރަށް ތަފާތުކުރުން، ހަމަ ހަގީގަތުގައި ވެސް. ނީލާގެ ކޭސްގެ ހުރިހާ މައުލޫމާތެއް އަޅުގަނޑަކަށް ނޭނގޭ، އެކަމަކު ވެސް [އެސޯސިއޭޝަންގެ ތެރޭގައި] ހަމަ ތަފާތުކުރުން އޮވޭ،" ޝަކީބު ބުންޏެވެ.

އޭނާއަށް ފެންނަ ތަފާތުކުރުންތަކުގެ މިސާލެއްގެ ގޮތުން ދެއްކީ ވަކި ކުޅުންތެރިޔަކަށް ވީތީ ފުރުސަތު ގެއްލުވާލުމުގެ ޒަމާންވީ ސަގާފަތެވެ. 

ރާއްޖޭގެ ޓީމަށް ބޭރު މުބާރާތަކުން ލިބުނު މެޑެއްޔާ އެކު، ވާތުން ދެވަނައަށް ނީލާ

އެގޮތަށް ދިމާވަނީ، ޝަކީބު ބުނި ގޮތުގައި، ގައުމީ ސްކޮޑް ނަގާއިރު ގެންގުޅޭނެ ކްރައިޓީރިއާއެއް ހަދައި، އާންމުކޮށްފައި ނެތުމެވެ. ނަމަވެސް ކުޅުންތެރިން ހޮވާ އިރު، ބައެއް ކުޅުންތެރިން ޓީމަށް ނާރުވަން ދައްކާ އުޒުރަކީ 'ކްރައިޓީރިއާއަށް ނުފެތޭ" ކަމެވެ. އެއީ ނީލާ ވެސް ފާހަގަކުރި އެއް މައްސަލަ އެވެ. ސެލެކްޝަން ނުކުޅެ، އެސޯސިއޭޝަނުން ބޭނުންވާ ބަޔަކު މުބާރާތްތަކަށް ފޮނުވަން ނިންމުމަކީ ބީއޭއެމް އިން އާންމުކޮށް ކުރާ ކަމެއް ކަމަށް ނީލާ ބުންޏެވެ.

އެކަމަކު ބެޑްމިންޓަނަކީ އިންޑިވިޖުއަލް ކުޅިވަރެއް ކަމުން، މެޗުތަކުގެ ނަތީޖާއިން ވެސް ވަރަށް ސާފުކޮށް ކުޅުންތެރިންގެ ފެންވަރު ފެންނާނެ ކަން ޝަކީބު ފާހަގަކުރި އެވެ. ގަވައިދުން ޕްރެކްޓިހަށް ހާޒިރުވުމާއި ޕްރެކްޓިސް ކުރުމާއި، ފިޓްނަސް ފަދަ ކަންކަމަށް ނުބަލާ، މޮޅު ކުޅުންތެރިން ބާކީކުރުމަކީ، ޝަކީބު ބުނި ގޮތުގައި، ކުޅިވަރަށް ވެސް އޮތް ބޭއިންސާފެކެވެ.

"ކޮންމެ އެތުލީޓެއްގެ ފަރާތުން ނިގުޅައިގަނެވޭ ކޮންމެ ހައްގަކުން ގައުމަށާއި ކުޅިވަރުގެ ކޮމިއުނިޓީއަށް ގެއްލުންތަކެއް ވާނެ. އެއީ [އެކަން ދިމާވާ މީހާ] އެވާހަކަ ހިއްސާ ކުރާނެ ބައިވަރު ބަޔަކާ،" ޝަކީބު ބުންޏެވެ.

ގަވައިދުތައް ދޯހަޅި، ހައްގު ހޯދަން ފަސޭހައެއް ނޫން

ހަމްޒާ ފާހަގަކުރެއްވި ގޮތުގައި ނީލާގެ ކޭސްއަކީ އަސްލު ބޮޑު މައްސަލައެކެވެ. ސަބަބަކީ ބެޑްމިންޓަންގެ އެހާ ކާމިޔާބު ކުޅުންތެރިޔަކަށް ވެފައި، ބެޑްމިންޓަންގެ ކެރިއާ ނިންމާލާ ފަހު އަހަރު، އެންމެ ފަހު މުބާރާތާ ދިމާކޮށް، އެހާ ބުރަކޮށް ޕްރެކްޓިސް ކުރަމުން އަންނަކަން އެނގި ތިބެ، އޭނާއަށް ގޯސްކޮށް ކުރެވިފައިވާ ކަމެއް ސާފުކޮށް ނުދީ ސަސްޕެންޑް ކުރުމެވެ. މައްސަލައަކީ އޭނާއަށް އިންސާފު ހޯދައިދޭނެ ފަސޭހަ މަގެއް ވެސް ނެތުމެވެ.

ނީލާ ވަނީ ކަމާ ބެހޭ އެކި ފަރާތްތަކަށް މައްސަލަ ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި:

  • ޔޫތު މިނިސްޓްރީ

  • އެކްޓިން ކޮމިޝަނާ އޮފް ސްޕޯޓްސް

  • އޮލިމްޕިކް ކޮމިޓީ

އެ ހުރިހާ ތަނަކަށް ފޮނުވި ސިޓީގައި އައިއޯއައިޖީ އާއި އޭޝިއަން ގޭމްސްގެ ބެޑްމިންޓަން ސްކޮޑުން އޭނާ ވަކިކުރީ ކޮން ސަބަބަކާ ހުރެތޯ ބަލައިދިނުމަށް އެދުނެވެ. އަދި ހުރިހާ ކުޅުންތެރިންނާ މެދު ކަންކޮށްފައި ހުރީ ހަމަހަމަ އުސޫލަކުންތޯ ބަލައިދިނުމަށް ވެސް އެދުނެވެ. ނަމަވެސް މިހާތަނަށް އެއިން އެއްވެސް ފަރާތެއްގެ ރަސްމީ ޖަވާބެއް ނުލިބެ އެވެ.

ބީއޭއެމްގެ ހިންގާ ގަވައިދު ބުނާ ގޮތުން:

  • މިފަދަ މައްސަލައެއްގައި ގާނޫނީ ހައްލެއް ހޯދަން ބޭނުން ނަމަ އެ މައްސަލަ ހުށަހަޅަން ޖެހެނީ ކުޅިވަރާ ބެހޭ ކޯޓަކަށް

  • ރާއްޖޭގައި އެފަދަ ކޯޓެއް ނެތް

  • ދެން ދާން ޖެހެނީ ސްވިޓްޒަލޭންޑުގައި ހުންނަ ސްޕޯޓްސް އާބިޓްރޭޝަންއަށް

  •  އެތަނަށް މައްސަލަ ހުށަހަޅަން އެކަނި ވެސް 1،000 ޑޮލަރަށް ވުރެ ބޮޑު އަދަދެއް ދައްކަން ޖެހޭ

  • އެ މައްސަލަ ބަލަން 6 މަހާއި 12 މަހުގެ މުއްދަތެއް ނަގާ

  • އެ މުއްދަތުގެ ތެރޭގައި އާބިޓްރޭޓާއެއް އައްޔަންކުރާ ނަމަ އިތުރު ފީއެއް ދައްކަން ޖެހޭ

"ލިބެން ޖެހޭ ހައްގެއް ހޯދަން ކުރަން ޖެހޭ މަސައްކަތް ބޮޑުވެފައި، އެ ހޯދުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވާ ކަހަލަ ގޮތަކަށް [ގަވައިދު] މި އޮންނަނީ،" ހަމްޒާ ވިދާޅުވި އެވެ. 

އޭނާ ވިދާޅުވި ގޮތުގައި ބީއޭއެމްއިން އުސޫލާ ހިލާފަށް އަމަލު ކުރުމާއި، އެފަދަ ކަންކަމާ މެދު ފިޔަވަޅު ނޭޅުމާއި، ކުޅުންތެރިންނަށް ހައްގު ހޯދަން އުނދަގޫވާ ގޮތަށް ގަވައިދުތައް ބައްޓަން ކޮށްފައި އޮތް އޮތުން އިސްލާހު ކުރަން ޖެހެ އެވެ.

ނީލާ ބުނާ ގޮތުގައި އޭނާއަކީ އަބަދުވެސް 'އައުޓް-ސްޕޯކަން' މީހެކެވެ. ހައްގުތަކަށް ވަކާލާތުކުރުމުގައި އޭނާ ދުވަހަކު ވެސް ފަހަތަކަށް ނުޖެހެ އެވެ. ބޭއިންސާފުން ކަމެއް ކޮށްފިއްޔާ އެކަމާ ދެކޮޅަށް ތެދުވެ އެވެ.

ބީއޭއެމްގެ ތެރެއިން 2009ގައި ކުރިމަތިވި ތަފާތުކުރުމުގެ މައްސަލައެއްގައި ނީލާ ދިޔައީ ސިވިލް ކޯޓަށެވެ. އެ މައްސަލަ އޭނާ ކާމިޔާބު ވެސް ކުރި އެވެ. 

ސިވިލް ކޯޓުގެ ނިންމުން ބީއޭއެމް އިން ހައި ކޯޓުގައި އިސްތިއުނާފްކުރުމުން ވެސް ކާމިޔާބު ލިބުނީ އޭނާއަށެވެ. އެ ނިންމުމުގެ ސަބަބުން އެސޯސިއޭޝަންގެ ތެރެއިން ކޮންމެވެސް ވަރަކަށް އިތުރު ކުޅުންތެރިންނަށް ފުރުސަތުތައް ފަހިވިކަމަށް ނީލާ ގަބޫލުކުރެ އެވެ.

ނަމަވެސް އޭގެ އަހަރުތަކެއް ފަހުން ނީލާއަށް އަނެއްކާވެސް މިވަނީ ހައްގު ހޯދަން ނުކުންނަން ޖެހިފަ އެވެ. މި އަހަރުގެ އައިއޯއައިޖީގައި ބައިވެރިވެގެން އޭނާގެ ކެރިއަރު ނިންމާލެވޭނެކަމުގެ މާ ބޮޑު އުންމީދެއް މިހާރު ނެތެވެ. އެކަމަކު އޭނާގެ އެންމެ ބޮޑު އަމާޒަކީ، އޭނާއަށް ނުލިބުނު ހައްގު އެހެން ކުޅުންތެރިންނަށް ހޯދޭނެ މަގެއް ކޮށައިދިނުމެވެ.

"[މީހުންނަށް] އެނގެން ޖެހޭ މިއީ ކިހާވަރެއްގެ ކަމެއްކަން، ކީއްވެކަން މިކަމާ ދެކޮޅަށް ތެދުވަންވީ. މިއަދު މިކަންތައް މި ދިމާވަނީ ނީލާއަށް ކަމަށް ވެދާނެ، އެކަމަކު ދެން އަންނަ ދުވަހު އެހެން ކުއްޖަކަށް މިހެން ކަންތައް ދިމާވާނީ،" ނީލާ ބުންޏެވެ.

"މިހާރު އަރަމުން އަންނަ ކުޅުންތެރިންނަށް، ނީލާއަށް މިވާ ކަންތައްތައް، އެމީހުންނަށް މާ ހަގު އުމުރެއްގައި [ވަމުން] އަންނަނީ. އެކުދިން އުފާވެފައި ތިބޭ ތަނެއް ވެސް ނުފެނޭ، ވަރަށް ސްޓްރަގްލް ކުރޭ."

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 2018ގެ އޭޝިއަން ގޭމްސްގައި ނީލާއާ ސަލާންކުރައްވަނީ

ކޮންމެ މީހަކު ވެސް ކުޅިވަރު ކުޅެނީ އެކަމަށް އޮންނަ ލޯތްބެއްގެ ސަބަބުންނެވެ. އެކަމުގެ ސަބަބުން އުފާވެރިކަން ލިބޭތީ އެވެ. ނަމަވެސް އުމުރުން 12 އަހަރުގައި ބެޓްމިންޓަން ކުޅެން ފެށި ނީލާ ބުނި ގޮތުގައި އޭނާއަށް މިހާރު އެ އުފަލެއް ނެތެވެ.

"ކުރިން ވަރަށް ހެވިފައި، ވަރަށް ކުޅޭ ހިތުން ކުޅެނީ. ބަލިވިޔަސް ހިނިއައިސްފައި، މަސައްކަތް ކުރެވުނީތީ އުފާވެފައި ތިބެނީ،" ނީލާ ބުންޏެވެ.

"އެކަމަކު އެކަމެއް ނުފެނޭ މިހާރު."

ކޮމެންޓް (22)

މެސީ

20 ޖޫން 2023
ތިޔަ އެސޯސިއޭޝަންގެ ޖެނެރަރް ސެކެޓްރީ މަހަކު 2500ރ ގެ މުސާރަ ހަލާލުތޯވެސް އެބަ ޖެހޭ ބަލަން
0 1

އަޖުފާން

20 ޖޫން 2023
އަހަރެން ދުށިން ހުރިހާ ކަމެއް، ތިޔަ އަންހެން ޓީމްގަ ހުސް ތިބީ ބުލީސް. ނީލާގެ މަސައްކަތަށް ޖެލަސްވޭ، ހަމަ ގަސްދުގައި ނީލާ އަށް އައިއޮއައިޖީގައި ރަން މެޑަލް ހާސިލް ކޮށްފާނެތީވެ އެކަމުގެ ބިރުން ރާވާގެން ބޭރުކޮށްލީ.
2 2

ވަލީދު

20 ޖޫން 2023
ކުޅިވަރު ކުރިއަރުވަން އުޅޭ އެސޯސިއޭޝަނެއްނަމަ ތިތާނގަ ބާކީވާނީ ނީލާއެއް ނޫން. މޫސާ ފެއިލް ވެއްޖެ.
1 1

ފައްލޮ

20 ޖޫން 2023
މަސަތްކަތެެއް ނުކޮށް މައިންބަފައިންގެ މަގާމުގެ ބޭނުން ކޮށްގެން ޓީމަށް އަރަން އުޅޭ ކުދިން ތިތާ ހުސް. ހުރިހާ ފުރުސަތެއް ތަބަކަށް ލާފަ ދޭންޖެހޭ ޕްރިވިލެޖްޑް ކުދިންކޮޅެއް. ނީލާ އަކީ ސެލްފް މޭޑް ޗެމްޕިއަންއެއް. ނީލާގެ އަޒުމް ވަރަށް ވަރުގަދަ. ކީޕް ގޮއިން.
2 0

މީހެއް

20 ޖޫން 2023
ވަރަށް ރަނގަޅަށް އިނގޭ ނީލާ ތިތަނުގަ އުޅުނު ގޮތް. ތަނުގައި ތިބި އެހެން ކުޅުންތެރިންނަށް ބުލީ ކޮށް ކޯޗާއި ދިމާލަށް ކިޔުނު އެއްޗިސް ނީލާ ހަނދާން ނެތުނީބާއޭ ހިތައް އަރާ. ފުރަތަމަ ނީލާ ދަސްކުރަންވީ ބަހުރުވަ ރީތިކޮށް މީހުންނަށް އިހުތިރާމް ކުރަން ދަސްކުރަން. އެއަށްފަހު ދެން އިންސާފޭ ކިޔާ. ޝީ ހޭވް ނޯ އައި ޑިއާ ހައު މަޗް ޝީ ބުލީޑް އަދާ ޕްލޭޔާސް.
1 3

ޝާކްކިރު

19 ޖޫން 2023
ޒާތީ ކަމެއްކަމަށް ބެލެވެނީ
4 1

ޗުއްޕު

19 ޖޫން 2023
ނީލާ ގެ ހައްޤުގައި މިއަދު ނުކުންނަންޖެހޭ.. ސަބަބަކީ ބުލީ ކުރާ ކުޅުންތެރިންނާއި އިސްވެރިންގެ ފަރާތުން އަންނަ މިފަދަ ކަންތައް ހުއްޓުވޭނީ އެންމެން މިފަދަކަމާއި ދެކޮޅަށް ނުކިމެގެން ކަމުގައިވާތީ...
5 1

އަހްސަދު

20 ޖޫން 2023
@ޗުއްޕު ނީލާގެ ހަގީގަތް އިންގޭމީހެއް ނުކުރާނެ ތިކަމެއް
4 1

އަބްދުﷲ

4 ޖުލައި 2023
@އަހްސަދު އެ އަމަލު ޕްރޮމޯޓް ކުރަން މިމީހުން މިމަސައްކަތް ކުރަނީ
0 0

ޢަލީ

19 ޖޫން 2023
ތިޔަ މުއައްސަސާ ތަކުގެ ތިއްބަވާ ބޭފުޅުން ނުރުހޭގޮތަކަށް ބަހެއް ބުނެލެވުނަސް އެ ކުޅުންތެރިޔެއްގެ ކުޅިވަރު ހަޔާތް އެނިމުނީ އެހިސާބުން.
6 1

ތާނީ

19 ޖޫން 2023
އަހަންނަކީ 2005 އާ ހަމައަށް ގިނަ މުބާރާތް ތަކުގަ ނީލާގެ ޑަބަލްސް ޕާރޓްނަރ. އޭރުވެސް ނީލާގެ ކުރިއެރުމަށް އެސޯސިއޭޝަން އިން ކަންކުރަނީ. 5 އަހަރަށް ކުރިންވެސް އޭނަ ސަސްޕެނޑް ކުރި ސިގިރޭޓް ބަޓްބުރިއެއް ދަބަހުގަ އޮވެގެނޭ ކިޔާފަ. އެވަރުންވެސް 2023 އާ އެހެރީ ބެޑްމިންޓަން އަށް ރީތި ނަން ހޯދަިދިނުމުގަ. ބަލައިލަ ބަލަ މިއަދު އޭނަ އަށް ހެދިގޮތް. މީ ކުޅިވަރު ކުރިއަރުވާ އެސޯސިއޭޝަނަކުން ކަންކަން ކުރާނެ ، ސްޕޯރޓްސް މިނިސްޓްރީ އަކުން ކަންކުރާނެ އެންމެ ދަށު ދަރަޖަ. ކުއްޖެއްގެ ހަލާކު. ކުއްޖެއްގެ ހަޔާތުގެ އަގުދައްކަންޖެހޭ ދަރަޖަ. މާޔޫސް އޭނަ އެކަންޏެއްނޫންވާނީ، ކުޅިވަރު ޚިޔާރު ކުރާކޮންމެ ކުއްޖެއްވެސް ވާނެ، ކޮންމެ ބެލެނިވެރިއަކުވެސް މިކަމާ ތެދުވެ އަޑު އުފުލަންޖެހޭ.
9 0

އިސްމާލް ރިޔާޒް

20 ޖޫން 2023
@ތާނީ އެހެން އެހެން…ތާނި މިޔޮއްދުވަހު އުޅުނީ ކޮންތާކު؟ އިއްޔެ ނީލާ ހުރީ ތިޔަ އެސޯސިއޭސަން ގެ މުބާރާތް ހިންގަން…މިއަދު ގޯސް ވެފަ އެޔޮތީ މޫސަ
1 0

ޙައްގު ގެއްލުނު މީހެއް

18 ޖޫން 2023
އަޅުގަނޑު ވެސް މީ ނީލާ އާއި އެކު ކުޅުނު މީހެއް. އަދި ނެޝަނަލް ޓީމް އަށް ވެސް ކުޅުނިން. އެކަމަކު ބޭރަށްދާންވީމަ ހަމަ މި މޫސަ މެން އަޅުގަނޑުވެސް ބޭރުކޮށްލީ ހަމަ އަޅުގަނޑަށް ވުރެއް ދަށްކުދިން ނަގާފައި. މި ކުރާކަމަކީ އާކަމެއް ނޫން. ވަރަށް ކުރީން ސުރެއް ކަންކުރަމުން އަންނަގޮތް.
9 0

ޢަހޫ

18 ޖޫން 2023
ތިޔަ މައްސަލަ އެއް ނުބެލޭނެ، ނުބަލާނެ..
8 0

ހުސް

18 ޖޫން 2023
އެގްޒެކެޓިވް ކޮމެޓީގަވެސް ތިބީ މޫސަގެ ޒަމާނީ ފްރެންޑްސް. ފެއިލް ވެއްޖެ. އިސްތިއުފާ ދޭންވީ
10 0

ާއަސްކަނި

18 ޖޫން 2023
މޫސަ އާއި މޫސަގެ ވިޔަފާރި ބޭރު ކުރަންވީ
14 0

ށާކް

18 ޖޫން 2023
ނައިބު ރައިސް ޝާކިރު އަށް 73 އަހަރުވީ އިރު ހަމަ އެ މަގާމުގައި، މަސައްކަތަކީ އަގު ހުރި ކުޅުންތެރިންގެ އަގު ވެެއްޓުން. މޫސަ ބުނީތީވެ ހަގީގަތް އެނގިހުރެމެ ހުސް ދޮގު ހެދުން. ޝާކިރު އިސްތިއުފާ ދޭންވީ.
15 0

ފާނަ

18 ޖޫން 2023
ވަކި އެސޯސިއޭޝަނެއްނޯވޭ. ބާސްކެޓްބޯލް އެސޯސިއޭޝަންވެސް ހަމަ މިފަދަ.. ވަކި އާއިލާއެއްގެ ދަށުގަ ހައްޔަރުވެފަ. 40 އަށް އަރާއިރުވެސް ދޫކުރުމެއްނެތް.
17 0

ކޮރަޕްޓު

18 ޖޫން 2023
ޒުވާން އެއްމާބަނޑު ދެބޭން ތިތަނުގަ ފަނި ނުހަދާ ނުތިބޭނެ. މިހާރު ހުރިހާ ޗާންސެއް އެ ދެނީ އެދެމީހުން ނަށާ ކުރީގެ ޖެންޑަ މިނިސްޓަރު ޒެނީޝާގެ ކޮއްކޮ ޒަޔާނު އަށް. މޮޅުމީހުންނާ އެމީހުންގެ ފޫބުޑުން އުޅޭ މީހުންނަށް މޮޅުގޮތް. ޑެޑިކޭޝަންގެ އަގެއް ނެތް.
13 1

ނީލާ އަށް އިންސާފް ދޭންޖެހޭނެ!

18 ޖޫން 2023
ބީއޭއެމްގެ ގަވައިދަކީ މޫސަ އާއި އޭނާގެ ރައްޓެހިންނާއި އެމީހުންގެ ދަރިންގެ ކުރިއެރުވުމަށް މަގުފަހިކުރަން ހަދާފައިވާ ބޮޑު ޖޯކެއްކަން އެންމެނަށްވެސް އެނގޭ! މީ ބައިނަލްއަގްވާމީ ބޭއިންސާފެއް!!! މޫސަ އެއީ ބޮޑު ފެއިލެއް ހަމަ އިސްތިއުފާދޭން ލަސްވެސްވެއްޖެ!
14 1

ދރ 9

3 ޖުލައި 2023
@ނީލާ އަށް އިންސާފް ދޭންޖެހޭނެ! އަންސާފު ލިބިއްޖެ ކަމަށް ގަބޫލް ކުރަން.
0 0

މޫސަ ބޭރުކުރޭ

18 ޖޫން 2023
އެސޯސިއޭޝަންގެ ރައީސް މޫސަގެ ދޯހަޅި ވާހަކަ އަހާތާ އަހަރުތަކެއް ވެއްޖެ. އޭނަ އެހެރީ މަގާމުގެ ނާޖާއިޒު ފައިދާ އެތަށް އަހަރެއް ވަންދެން ނަގައިގެން މަހުޖަނަކަށްވެފަ!
17 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް