ފްރެންޗް އޯޕަން ޓެނިސް މުބާރާތް ކާމިޔާބުކުރުމަށް ފަހު ސާބިއާގެ ނޮވަކް ޖޮކޮވިޗް ތައްޓާ އެކު

ނޮވަކް ޖޮކޮވިޗް

ޖޮކޮވިޗު އެ ހަމަކުރީ 23 ވަނަ ގްރޭންޑް ސްލޭމް، މިވަރެއް ހަމަ ނެތީ

ފްރެންޗް އޯޕަން ކާމިޔާބުކުރުމަށް ފަހު އޭނާ ބުނީ އެންމެ މޮޅު ޓެނިސް ކުޅުންތެރިޔާއަކީ ތިމަންނައޭ އަމިއްލައަށް ނުބުނާނެ ކަމަށް، އެކަން ދޫކޮށްލީ އެހެން މީހުންނަށް
12 ޖޫން 2023

ރޭ ފްރެންޗް އޯޕަން ފައިނަލް މެޗުގައި ނޯވޭގެ ކެސްޕާ ރުޑް ސީދާ ތިން ސެޓުން ބަލިކޮށް ސާބިއާގެ ނޮވަކް ޖޮކޮވިޗް ޗެމްޕިއަންކަން ހޯދުމަކީ ފިރިހެން ޓެނިހުގައި އާ ރެކޯޑެއް ގާއިމްކުރުމެވެ. އޭނާގެ މި ކާމިޔާބީއާ އެކު 23 ގްރޭންޑް ސްލޭމް ހަމަކޮށް، މިހާތަނަށް ޓެނިހުގެ އެންމެ ބޮޑު ހަތަރު މުބާރާތް އެންމެ ގިނަ ފަހަރު ހޯދި ކުޅުންތެރިޔާގެ ގޮތުގައި ތާރީހަށް ވަނީ ވަދެފަ އެވެ.

ރޭގެ މޮޅާ ހަމައަށް ޖޮކޮވިޗް، 36، އާއި ސްޕެއިންގެ ރަފޭލް ނަޑާލް އޮތީ 22 ގްރޭންޑް ސްލޭމުން އެއްވަރުވެފަ އެވެ.

ޓެނިހުގައި ގްރޭންޑް ސްލޭމްއަކީ އެންމެ ބޮޑު ހަތަރު މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަން، ފްރެންޗް އޯޕަން، ވިމްބަލްޑަން އަދި ޔޫއެސް އޯޕަން އެވެ. މިހާތަނަށް މި ހަތަރު މުބާރާތުގެ ސިންގަލްސް ޗެމްޕިއަންކަން 23 ފަހަރަށް ހޯދި ފިރިހެން އެހެން ކުޅުންތެރިޔަކު ނެތެވެ.

ރޭ އޮތް ފްރެންޗް އޯޕަން ފައިނަލްގައި ސާބިއާގެ ނޮވަކް ޖޮކޮވިޗް، ނޯވޭގެ ކެސްޕާ ރުޑްއާ ދެކޮޅަށް ކުޅެނީ

ޖޮކޮވިޗް އެ އެއްވަރުކުރީ މިހާރު ކުޅުން ހުއްޓާލާފައިވާ އެމެރިކާގެ އަންހެން ކުޅުންތެރިޔާ ސެރޭނާ ވިލިއަމްސްގެ 23 ތައްޓާ އެވެ. އަދި މިހާތަނަށް ގްރޭންޑް ސްލޭމް އެންމެ ގިނައިން ކާމިޔާބުކޮށްފައިވާ މާގްރެޓް ކޯޓްސްގެ 24 ތައްޓާ ވެސް ޖޮކޮވިޗް އެއްވަރުކުރުން ވަރަށް ކައިރި އެވެ. އޭނާގެ މިހާރުގެ ފެންވަރު ހުރި ގޮތުން އެ އަމާޒަށް، ޖުލައި މަހު އޮންނަ ވިމްބަލްޑްގައި ދިއުން ވެސް އެކަށީގެންވެ އެވެ. 

"އަހަރެން ބޭނުމެއް ނޫން އެ ވާހަކައިގެ ތެރެއަށް ވަންނާކަށް،" މިހާތަނަށް އުފެދުނު އެންމެ މޮޅު ފިރިހެން ޓެނިސް ކުޅުންތެރިޔާ ކަމަށް އަމިއްލައަށް ގަބޫލުކުރަންތޯ ސުވާލުކުރުމުން ޖޮކޮވިޗް ބުންޏެވެ.

"އަހަރެން ލިއަމުން މިދަނި އަހަރެންގެ އަމިއްލަ ތާރީހު."

އޭނާ ބުނި ގޮތުގައި އޭނާއަކީ އެންމެ މޮޅު ކުޅުންތެރިޔާކަން ނިންމުމުގެ ބައި ދޫކޮށްލާނީ އެހެން މީހުންނަށެވެ.

ޖޮކޮވިޗް މިހާ ހިސާބަށް މި އާދެވުނީ ނަޑާލްގެ އިތުރުން ސްވިޓްޒަލެންޑްގެ ރޮޖާ ފެޑެރާއާ އެކު އެއްވަރެއްގައި ކާމިޔާބީތައް ހޯދަމުން އައިސްފަ އެވެ. ނަމަވެސް ފެޑެރާ ވަނީ 20 ގްރޭންޑް ސްލޭމްއާ އެކު ކުޅުން ހުއްޓާލައިފަ އެވެ. ނަޑާލް މި ދުވަސްވަރު އުޅެނީ އަނިޔާގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް