ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދުމަށް ފަހު މެންޗެސްޓަ ސިޓީގެ ކުޅުންތެރިން ތަށި އުފުލާލަނީ

މެންޗެސްޓާ ސިޓީ

ޗެމްޕިއަންސް ލީގުގެ ތައްޓާ އެކު ސިޓީން ތާރީހު ލިއެލައިފި

ރޮޑްރީގެ ހަމައެކަނި ލަނޑުން އިންޓަ މިލާންގެ މައްޗަށް ސިޓީން ހޯދި ކާމިޔާބީއަކީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން ދުށް ހުވަފެން ވެސް ހަގީގަތަކަށް ވުން
11 ޖޫން 2023
1

ދެ ވަނަ ހާފުގައި އިންޓަ މިލާންގެ ގޯލުގެ ކުރިމަތިން ލިބުނު ބޯޅަ ކަނަށް ވައްދާލައިގެން ރޮޑްރީ ކާމިޔާބުކޮށްދިން ލަނޑާ އެކު މެންޗެސްޓަ ސިޓީން ޗެމްޕިއަންސް ލީގުގެ ތަށި ފުރަތަމަ ފަހަރަށް ހޯދައި، ތާރީހުގެ ތެރެއަށް ވެސް ރޭ ވަދެއްޖެ އެވެ.

މިހާތަނަށް ނުލިބި އޮތް ފުޓްބޯޅައިގެ ހަމައެކަނި ބޮޑު މުބާރާތުގެ ތަށި، ސިޓީގެ ހަރުގަނޑަށް އިތުރުކޮށްލުމުގެ އިތުރުން މި ކާމިޔާބީއާ އެކު ސިޓީ ވީ 1999ގެ ފަހުން އެއް ސީޒަނެއްގައި ތިން ތަށި ހޯދި އިނގިރޭސި ދެވަނަ ޓީމަށެވެ. ވާދަވެރި މެންޗެސްޓަ ޔުނައިޓެޑުން އެ އަހަރު އިނގިރޭސި ލީގާއި އެފްއޭ ކަޕް އަދި ޗެމްޕިއަންސް ލީގު ކާމިޔާބުކުރިކުރުމާ އެއް ހަމައަށް ރޭގެ ކުރިން އިނގިރޭސި އެހެން ޓީމަކަށް ދެވިފައެއް ނުވެ އެވެ.

އިންޓަ މިލާން ކޮޅަށް ލަނޑު ޖެހުމަށް ފަހު މެންޗެސްޓަ ސިޓީގެ ރޮޑްރީ (މ) ދުވަނީ: އޭނާގެ މި ލަނޑުން ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ސިޓީއަށް ވަނީ ކާމިޔާބުކުރެވިފައި

ބާސެލޯނާގެ ކޯޗަކަށް ހުރި އިރު ދެ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގެ ޝަރަފު ލިބުނު ކޯޗު ޕެޕް ގާޑިއޯލާއަށް އެ ތަށީގައި މި އަތް ލެވުނީ 12 އަހަރު ފަހުންނެވެ. އެކަމަކު ރޭގެ މި މޮޅުން އޭނާގެ ހިތް އުފަލުން ފުރިއްޖެ އެވެ. ސިޓީއަށް 2016ގައި ބަދަލުވި ފަހުން އުއްމީދު ކުރަމުން އައި ދުވަސް އެންމެ ފަހުން އަތުވުމަކީ، ސީޒަންގެ ފަހު މެޗަށް ފަހު ހަމަޖެހިލައިގެން ޗުއްޓީއެއް ވެސް ނަގާލަން ރަނގަޅު ފުރުސަތެކެވެ.

 ޗެމްޕިއަންސް ލީގެ ތަށި މެންޗެސްޓަ ސިޓީއަށް ހޯދައިދިން ޓީމުގެ ފުރަތަމަ 11

ހީކުރި ގޮތަށް ސިޓީއަށް ރޭ އެ ޓީމުގެ އަސްލު ކުޅުމާ ގާތަށް ވެސް ނުދެވެ އެވެ. އެއަށް ވުރެ އިންޓަ މިލާންގެ ރޭވުންގަނޑާއި އިންތިޒާމްތައް މޮޅެވެ. މެޗުގެ ފަހު ވަގުތުކޮޅު ސިޓީއަށް ސަލާމަތްވެވުނީ ވެސް ކިރިޔާ އެވެ.

އެކަމަކު މޮޅު ކުޅުމާއި ދެރަ ކުޅުމަކީ ފުޓްބޯޅައިގެ ތަށި ހޯދާއިރު ބެލުން މުހިންމު ކަމެއް ވެސް ނޫނެވެ. ކޮންމެ ގޮތެއް ވިޔަސް ސިޓީ މި ވަނީ ތާރީހުގެ ތެރެއަށް ވަދެ، ކްލަބަށް ވެސް އެންމެ ކާމިޔާބު ސީޒަނަށް މި ސީޒަން ވެފަ އެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ، ޗެމްޕިއަންސް ލީގުގެ ތައްޓަށް ދޮނެއް ދެނީ: މިއީ މި މުބާރާތުގެ ޗެމްޕިއަންކަން އޭނާގެ ކޯޗުކަމުގައި ހޯދި ތިން ވަނަ ފަހަރު. މީގެ ކުރިން ދެ ފަހަރު ތަށި ނެގީ ބާސެލޯނާގައި

ކޮމެންޓް (1)

ޕެޕް ބުޅާޑިއޯލަ

11 ޖޫން 2023
ކޮބާތަ ތެޔޮވަޅޭ ނުވާނެޔޭ އަރަބި ޝޭކުންނަށް ކީކުދިންކޮޅު؟ ކޮބާހޭ ޗެންޕިއަންސް ލީގެއް ނެތޭ ބުނި ކުދިންކޮޅު؟ ބަލަގަ އެތިބީ ހުރިހާ ތަށިކޮޅެއް ހިފައިގެންނޭ ދޫންޏާ. ދެންވެސް ގަބޫލު ކޮއްބަލަ. މި ކުދިންކޮޅޭ އެންމެ ގަދައީ މިހާރޫ.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް