ޕީއެސްޖީގެ ލިއޮނެލް މެސީ (ވ) އާއި ކީލިއަން އެމްބާޕޭ ބޯޅައާ އެކު: ރޭ ޖެހި ލަނޑާ އެކު ޔޫރަޕްގެ ގަދަ ފަސް ލީގުގައި 496 ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށް މެސީ ވަނީ ވެފައި

ލިއޮނެލް މެސީ

މެސީގެ ރެކޯޑް ލަނޑާ އެކު ޕީއެސްޖީން ޗެމްޕިއަންކަން ދަމަހައްޓައިފި

މިއީ ޔޫރަޕްގެ ގަދަ ފަސް ލީގުގައި ކުޅުންތެރިޔަކު 496 ލަނޑު ޖެހި ފުރަތަމަ ފަހަރު. މެސީ މުގުރާލީ ރޮނާލްޑޯގެ ރެކޯޑް
28 މޭ 2023

ފްރެންޗް ލީގުގައި ރޭ ސްޓްރެސްބޯގް ކޮޅަށް ލިއޮނެލް މެސީ ޖެހި ރެކޯޑް ލަނޑާ އެކު، 11 ވަނަ ފަހަރަށް ޕީއެސްޖީން ޗެމްޕިއަންކަން ހޯދައިފި އެވެ.

ކީލިއަން އެމްބާޕޭ މެޗުގެ 59 ވަނަ މިނިޓްގައި ދިން ޕާހުގައި މެސީ ޖެހި ލަނޑަކީ، ޔޫރަޕްގެ ގަދަ ފަސް ލީގުގައި ކުޅުންތެރިޔަކު ހަމަކުރި 496 ވަނަ ލަނޑެވެ. ރެކޯޑަކަށް ވަނީ މީގެ ކުރިން ލިސްޓްގެ އެއްވަނާގައި އޮތް ކްރިސްޓިއާނޯ ރޮނާލްޑޯގެ 495 ލަނޑަށް ވުރެ މެސީގެ ލަނޑުގެ އަދަދު މައްޗަށް އެރުމުންނެވެ.

ރޮނާލްޑޯ މިހާރު ކުޅެމުން އަންނަނީ ސައުދީ އަރަބިއްޔާގެ ލީގުގަ އެވެ. ޔޫރަޕްގެ ގަދަ ފަސް ލީގުގައި އޭނާ ކުޅޭ ނަމަ، އެ ރެކޯޑް އަދިވެސް ދެމެހެއްޓުން ކައިރި އެވެ.

މެސީގެ ރެކޯޑްގެ އިތުރުން 11 ވަނަ ފަހަރަށް ފްރެންޗް ލީގު ޕީއެސްޖީއަށް ކާމިޔާބުކުރެވުމަކީ ވެސް ރެކޯޑެކެވެ. މީގެ ކުރިން އެ ލީގުގެ ޗެމްޕިއަންކަން 11 ފަހަރު ހޯދި އެހެން ކްލަބެއް ނެތެވެ.

މި ސީޒަނަށް ފަހު ޕީއެސްޖީ ދޫކޮށްލާނެ ކަމަށް ބެލެވޭ މެސީގެ ލަނޑަކީ އެ ޓީމަށް އޭނާ ކާމިޔާބުކޮށްދިން 32 ވަނަ ލަނޑެވެ. މި ފަހުން ހުއްދަ ނެތި ސައުދީ އަރަބިއްޔާއަށް ދަތުރެއް ކުރުމުން ދެ ހަފުތާގެ ސަސްޕެންޝަނަކާ ވެސް ކުރިމަތިވި މެސީ ދެކެ ޕީއެސްޖީގެ ބައެއް ސަޕޯޓަރުން ތިބީ ރުޅިއައިސްފަ އެވެ. އެހެންވެ އޭނާގެ ގޭގެ ސަލާމަތީ ކަންކަން ވެސް ވަނީ ވަރުގަދަކޮށްފަ އެވެ.

ޕީއެސްޖީ ޗެމްޕިއަންކަން މި ހޯދީ 85 ޕޮއިންޓާ އެކު އެވެ. ކުރިއަށް އަދި އެއް މެޗު އެބަ އޮތެވެ. ދެވަނާގައި އޮތް ލެންސްއަށް ލިބިފައި ވަނީ 81 ޕޮއިންޓެވެ.

ފްރާންސް ލީގުގެ އެންމެ ފަހު މެޗުތައް އެއް ގަޑިއެއްގައި ކުޅޭނީ އަންނަ ހޮނިހިރުދުވަހުގެ ރެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް