ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި އިންޓަ މިލާންގެ ލައުޓާރޯ މާޓިނޭޒް، އޭސީ މިލާންގެ ކުޅުންތެރިއެއް ކައިރިން ބޯޅަ ހިފައިގެން ދަނީ: ދެ މެޗު ވެސް ކާމިޔާބުކޮށް ފައިނަލަށް ދިޔައީ އިންޓަ މިލާން

ވާދަވެރި އޭސީ މިލާނަށް ފުރުސަތު ނުދީ އިންޓަ، ޗެމްޕިއަންސް ލީގުގެ ފައިނަލަށް

މިއީ 10 އަހަރުގެ ތެރޭގައި އިންޓަ މިލާން ޗެމްޕިއަންސ ލީގުގެ ތައްޓާ އެންމެ ކައިރިއަށް ދެވުނު ފަހަރު
17 މޭ 2023

މިލާންގެ ބޮޑު ދެ ހަތުރުންގެ ވަރުގަދަ ވާދަކުރުމުގައި ރޭ 1-0 އިން މޮޅުވެ، ސެމީ ފައިނަލްގެ ދެ ލެގު ވެސް ކާމިޔާބުކޮށް އިންޓަ މިލާނުން، ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.

ފުރަތަމަ މެޗުގައި 2-0 އިން އޭސީ މިލާންގެ މައްޗަށް ހޯދި ކާމިޔާބު ބީވެގެން ދިޔަ ނުދޭން ދެއްކި ހިތްވަރާއި މެޗު ނިމެން 16 މިނިޓަށް ވެފައި ވަނިކޮށް ލައުޓަރޯ މާޓިނޭޒް ޖަހާލި ލަނޑުން، އިންޓައަށް 13 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލްގެ ޖާގަ ކަށަވަރުވި އެވެ.

މެޗުގެ ފުރަތަމަކޮޅު އޭސީ މިލާނުން ވަރުގަދަ ހަމަލާތަކެއް ރާވައި، ދެ ލަނޑުގެ ދަރަނި އަދާކުރެވޭތޯ މަސައްކަތްކުރި އެވެ. ނަމަވެސް 20 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް މިލާންގެ ދެ ވާދަވެރިން ޗެމްޕިއަންސް ލީގުގައި އެއް ބަޔަކު އަނެއް ބަޔަކާ ދެކޮޅަށް ނުކުތް ފުރަތަމަ ކުރިމަތިލުން، އިންޓަ އަތުން ހޯދޭ ގޮތެއް ނުވި އެވެ.

އެންމެ ފަހުން އިންޓަ މިލާން ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ކުޅުނީ 2010ގަ އެވެ. އެ ފަހަރުގެ ޗެމްޕިއަނުންނަކީ ވެސް އިންޓަ އެވެ.

ޖޫން 10ގައި، ތުރުކީގެ އިސްތަންބޫލްގައި އޮންނަ ފައިނަލްގައި އިންޓައާ ބައްދަލުކުރާނެ ޓީމެއް އެނގޭނީ މިރޭ ދަންވަރު، މެންޗެސްޓަ ސިޓީގެ ދަނޑުގައި، ސިޓީ އާއި ރެއާލް މެޑްރިޑް މެޗުގެ ނަތީޖާ އިންނެވެ. ރެއާލްގެ ދަނޑުގައި ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

އެންމެ ފަހުގެ ޗެމްޕިއަން ރެއާލް ބަލިކޮށް ފައިނަލުން ޖާގަ ހޯދުމަކީ ސިޓީގެ އެންމެ ބޮޑު އުއްމީދެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް