ހަތަރު އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ލަ ލީގާގެ ޗެމްޕިއަންކަން ކަށަވަރުވި މެޗުގައި ބާސެލޯނާގެ ކުޅުންތެރިން ރޭ އުފާ ފާޅުކުރަނީ

ބާސެލޯނާ

ބާސެލޯނާ ލަ ލީގާގެ ޗެމްޕިއަންކަން އަލުން ހޯދައި، ހަތަރު އަހަރުގެ ހިތިކަން ފިލުވާލައިފި

ީމިއީ ބާސެލޯނާގެ ކުރީގެ ތަރި ޒާވީގެ ކޯޗުކަމުގައި ކްލަބުން ފުރިހަމަކުރި ފުރަތަމަ ފުލް ސީޒަން
15 މޭ 2023

ހަތަރު އަހަރުގެ ތެރޭ ފުރަތަމަ ފަހަރަށް ސްޕެއިންގެ ލަ ލީގާގެ ޗެމްޕިއަންކަން ބާސެލޯނާއިން ރޭ ހޯދައިފި އެވެ.

އަމިއްލަ ސިޓީގެ ވާދަވެރިޔާ އެސްޕެންޔޯލް އަތުން 4-2 އިން މޮޅުވެ ލީގުގެ ޗެމްޕިއަންކަން މި ކަށަވަރުކުރީ ކުރިއަށް އަދި ހަތަރު މެޗު އޮއްވަ އެވެ. ދެވަނާގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑްއަށް ވުރެ ބާސެލޯނާ ވަނީ 14 ޕޮއިންޓް ކުރީގަ އެވެ.

ލަ ލީގާގެ ގަދަ ފަހެއް

  • 1-

    ބާސެލޯނާ، ކުޅުނު 34، ޕޮއިންޓް 85

  • 2-

    ރެއާލް މެޑްރިޑް، ކުޅުނު 34، ޕޮއިންޓް 71

  • 3-

    އެތުލެޓިކޯ މެޑްރިޑް، ކުޅުނު 34، ޕޮއިންޓް 69

  • 4-

    ރެއާލް ސޮސައިޑަޑް، ކުޅުނު 34، ޕޮއިންޓް 62

  • 5-

    ވިލަރެއާލް، ކުޅުނު 34، ޕޮއިންޓް 57

ރޭގެ މެޗުގައި ފޯވަޑް ރޮބަޓް ލެވަންޑޮވްސް ޖެހި ދެ ލަނޑުން ލީގުގައި އޭނާ ވަނީ 20 ލަނޑު ހަމަކޮށްފަ އެވެ. މިއީ ޖަރުމަންގެ ބަޔާން މިޔުނިކް ދޫކޮށް ލަ ލީގާއަށް ބަދަލުވެ ކުޅުނު ފުރަތަމަ ލީގަށް ބަލާ ނަމަ ރަނގަޅު ހާސިލްވުމެކެވެ.

ބާސެލޯނާގެ އަނެއް ދެ ލަނޑު ޖަހައިދިނީ އަލަހެންދުރަ ބޯލްޑޭ އާއި ޖޫލެސް ކުންޑޭ އެވެ.

ބާސެލޯނާގެ ކޯޗު ޒާވީ: ބާސެލޯނާގެ ކޯޗުކަމުގައި އޭނާއަށް ލިބުނު ފުރަތަމަ ފުލް ސީޒަންގައި ތަފާތު ދެއްކި

މިއީ ބާސެލޯނާގެ ތަރި ލިއޮނެލް މެސީ 2021ގައި ކްލަބް ދޫކޮށް ދިޔަ ފަހުން ކާމިޔާބުކުރި ފުރަތަމަ ލީގެވެ. އަދި ބާސެލޯނާގެ ކުރީގެ ތަރި އަދި މިހާރުގެ ކޯޗު ޒާވީގެ ކޯޗުކަމުގެ ދަށުން ހޯދި ލީގުގެ ފުރަތަމަ ތަށި ވެސް މެ އެވެ.

ބާސެލޯނާއާ މެސީ އަލުން ގުޅިދާނެކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ. އެކަމަކު މެސީއާ ނުލާ ވެސް ހޯދި މި ކާމިޔާބީއަކީ ބިޔަ ކްލަބްގެ ކުރިމަގަށް ޒާވީ އަޅައިދިން ވަރަށް މުހިންމު ފިޔަވަޅެކެވެ.

ބާސެލޯނާގެ ކޯޗުކަމުގައި ފުލް ސީޒަނެއް ޒާވީއަށް ލިބުނީ ވެސް މި ފަހަރު އެވެ. ކްލަބްގައި އޭނާ ހޭދަކުރި 17 އަހަރުގެ ތެރޭގައި އަށް ފަހަރު ހޯދި ލީގު ޗެމްޕިއަންކަން ކޯޗެއްގެ ގޮތުގައި ކާމިޔާބުކޮށްދިނުމަކީ، ވަރަށް ތާރީހީ ސަފުހާއެއް ވެސް މެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް