ލިވަޕޫލްގެ މުހައްމަދު ސަލާހުގެ ހަމަލާއެއް އާސެނަލްގެ އޭރޮން ރަމްސްޑެލް މަތަކުރަނީ: ރޭ އާސެނަލް ބަލިނުވީ އޭނާގެ ހުށިޔާރުކަމުން

ޕްރެމިއަ ލީގު

އާސެނަލްގެ ކޯޗުގެ ތައުރީފު އެ ޓީމުގެ ކީޕަރަށް

ރަމްސްޑެލް ފަހު ވަގުތު ސަލާމަތްކުރި ބޯޅަތައް ގޯލަށް ވަން ނަމަ ލިވަޕޫލް މޮޅުވީސް
10 އޭޕްރީލު 2023

ރޭ ލިވަޕޫލްއާ ދެކޮޅަށް ކުޅެ 2-2 އިން އެއްވަރުވި މެޗުގައި އާސެނަލްގެ ކީޕަރު އާރޮން ރަމްސްޑެލް ދެއްކި މޮޅު ކުޅުމަށް ކޯޗު މިކެލް އާޓެޓާ ތައުރީފުކޮށްފި އެވެ.

ފުރަތަމަ ހާފުގައި އާސެނަލް ދެ ލަނޑު ޖަހައި، ކުރި ހޯދި މެޗުގެ ފަހުކޮޅު ލިވަޕޫލްގެ އެތައް ހަމަލާއެއް އާސެނަލްގެ ގޯލަށް އަމާޒުވި އެވެ. އޭގެ ތެރެއިން ބައެއް ބޯޅަތައް ރަމްސްޑެލް ސަލާމަތްކުރީ ވަރަށް ހުށިޔާރުކަމާ އެކުގަ އެވެ. އެހެންކަމުން ބަލިނުވެ، ޕޮއިންޓަކުން ފުއްދާލަން އާސެނަލްއަށް ރޭ މެދުވެރިކުރުވި ސަބަބަކީ ކީޕަރެވެ.

އާޓެޓާ ބުނީ ލީގު ކާމިޔާބުކުރަން ބޭނުން ނަމަ އެ ޓީމެއްގެ ގޯލު ކީޕަރުގެ ބޭނުން ވަރަށް ބޮޑު ކަމަށެވެ. 

ރޭ ރަމްސްޑެލް ސަލާމަތްކުރި ބޯޅަތައް އާޓެޓާ ސިފަކުރީ 'ޖާދޫގެ ވަގުތުތަކެއް'ގެ ގޮތަށެވެ.

އާސެނަލް 2-1 އިން މޮޅުވާން ދަނިކޮށް ލިވަޕޫލް އެއްވަރުކުރީ މެޗު ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށެވެ.

"ފަހު ވަގުތު އިދިކޮޅު ޓީމުން ލަނޑެއް ކާމިޔާބުކުރުމަކީ ހިތްދަތި ކަމެއް،" އާޓެޓާ ބުންޏެވެ.

"އެއްވަރުވެ ދެ ޕޮއިންޓް ގެއްލުމުން ހިތާމަކުރަން."

ދެ ވަނާގައި އޮތް މެންޗެސްޓަ ސިޓީއަށް ވުރެ ފަސް ޕޮއިންޓްގެ ތަފާތަކުން ކުރި ދަމަހައްޓަމުން އަންނަ އާސެނަލްއަށް އެ ތަފާތު ރޭގެ މެޗު އެއްވަރުވުމުން، ތިން ޕޮއިންޓަށް ދަށްވުމުގެ ފުރުސަތު އެބަ އޮތެވެ. ތިން ޕޮއިންޓަށް ދަށްވުމުގެ މާނައަކީ ދެ ޓީމު ކުޅޭ މެޗުގެ އަދަދު އެއްވަރުވާ ހާލަތެއްގައި ތާވަލް އޮންނާނެ ގޮތެވެ.

ސިޓީއަށް ލިބިފައި ވަނީ 29 މެޗުން 67 ޕޮއިންޓެވެ. އާސެނަލް 30 މެޗުން 73 ޕޮއިންޓްގަ އެވެ. އެހެންކަމުން ސިޓީގެ 30 ވަނަ މެޗުން މޮޅުވެއްޖެ ނަމަ މި ތަފާތު ތިން ޕޮއިންޓަށް ކުޑަވާނެ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް