އެންޓޯނިއޯ ކޮންޓޭ

ފުޓްބޯޅަ

ޓޮޓެންހަމް ކޯޗުކަމުން ކޮންޓޭ ވަކިވެއްޖެ

އެންމެ ފަހު މެޗަށް ފަހު ކުޅުންތެރިންނަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައި
27 މާރިޗު 2023

އިނގިރޭސި ޕްރިމިއަ ލީގުގެ ޓޮޓެންހަމް ހޮޓްސްޕާގެ ކޯޗުކަމުން އެންމެ 16 މަސްދުވަހުގެ ތެރޭގައި އެންޓޯނިއޯ ކޮންޓޭ ވަކިވެއްޖެ އެވެ.

މިދިއަ ހަފުތާގައި ސައުތެމްޓަންއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވުމަށް ފަހު ކޮންޓޭ ބުނީ ޓީމުގައި ތިބީ އަމިއްލަ އެދުން ބޮޑު ކުޅުންތެރިން ކަމަށެވެ. ކަން ދިމާކުރި ގޮތުން އެއީ އޭނާގެ ފަހު މެޗެވެ. 

ޓޮޓެންހަމް އިން ބުނީ ކޮންޓޭގެ އިސްތިއުފާއާ އެކު ލީގުގެ ބާކީ އޮތް 10 މެޗުގައި އެޓީމަށް އިރުޝާދު ދޭނީ ކްރިސްޓިއަން ސްޓެލީނީ ކަމަށެވެ. އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި އޭނާއަށް އެހީތެރިވެދޭނީ ރަޔަން މޭސަން އެވެ.

ކްލަބުން ނެރުނު ބަޔާނެއްގައި ބުނީ ކޮންޓޭ އެ ކުލަބަށް ކޮށްދިން ޚިދުމަތްތަކަށް ޝުކުރުވެރިވާ ކަމަށެވެ. އެ ބަޔާނުގައި ކޮންޓޭއަށް ފާގަތި މުސްތަގުބަލަކަށް ވެސް އެދުނެވެ.

މި މަހުގެ ކުރީކޮޅު ޓޮޓެންހަމް ވަނީ ޗެމްޕިއަންސް ލީގާއި އެފްއޭ ކަޕުން ކަޓައިފަ އެވެ. 

ސައުތެމްޓަން މެޗަށް ފަހު ކޮންޓޭ ބުނީ ކޯޗުކަމުން އޭނާ ވަކިކުރިޔަސް ކުޅުންތެރިންގެ ހުރި މައްސަލަތައް އިސްލާހުނުވާނެ ކަމަށެވެ. ހުރިހާ ޒިންމާއެއް އޮތީ ކުލަބާއި ކޯޗުގެ މައްޗަށް ކަމަށާއި ކުޅުންތެރިގެ ކޮނޑުގައި އެއްވެސް ޒިންމާއެއް ނެތް ކަމަށް ވެސް ބުންޏެވެ.

ޗެލްސީއާ އެކު ޕްރިމިއަ ލީގާއި އެފްއޭ ކަޕް ވެސް ކާމިޔާބު ކޮށްފައިވާ ކޯޗު ދެން ހަދާނީ ކިހިނެއް ކަމެއް އަދި ނޭނގެ އެވެ. އާއިލާއާ އެކު ވަގުތު ހޭދަކުރަން އިޓަލީއަށް ބަދަލުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް