ޕަލްމަފްލޯ އާއި ބްލޫމިން ބައްދަލުކުރި މެޗުގައި ރެފްރީ ހޫލިއޯ ގުޓިއަރޭޒް.

ފުޓްބޯޅަ

ފުޓުބޯޅަ މެޗެއްގައި '3 ހާފު' ކުޅުވި ރެފްރީންތަކެއް ސަސްޕެންޑުކޮށްފި

މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން، އިތުރު ވަގުތުގެ ގޮތުގައި މުޅި ޖުމްލަ 42 މިނެޓު ރެފްރީ ވަނީ ދީފައި

ފުޓުބޯޅައިގެ ފަސްމީ މެޗުތަކުގައި އަބަދުވެސް ކުޅެނީ 45 މިނެޓުގެ ދެ ހާފެވެ. އޭގެ އިތުރަށް ކޮންމެ ހާފެއްގައި ވެސް ރެފްރީން ކޮންމެވެސް ވަރަކަށް އިތުރު ވަގުތުކޮޅެއް ދެ އެވެ. އެއީ މިސާލަކަށް ކުޅުންތެރިން ބަދަލުކުރުމާއި ގޯލު ޖެހުމަށް ފަހު އުފާ ފާޅުކުރުމާއި އަނިޔާވުން ފަދަ ކަންކަމަށް ހޭދަވާ ވަގުތަށް ބަދަލު ދިނުމުގެ ގޮތުންނެވެ. މިދިޔަ އަހަރުގެ ވޯލްޑް ކަޕުގެ ކުރިން މި ގޮތަށް އިތުރު ވަގުތުގެ ގޮތުގައި އާންމުކޮށް ނުވަ މިނެޓަށް ވުރެ ގިނައިން ނުދެ އެވެ.

ނަމަވެސް މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ބޮލިވިއާގެ އެއް ވަނަ ޑިވިޝަން (ބޮލިވިއަން ޕްރިމޭރާ ޑިވިޝަން)ގައި ޕަލްމަފްލޯ އާއި ބްލޫމިން ބައްދަލުކުރި މެޗުގެ ދެ ވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ރެފްރީ ހޫލިއޯ ގުޓިއަރޭޒް ވަނީ ޖުމްލަ 42 މިނެޓު ދީފަ އެވެ.

މުޅި ޖުމްލަ 132 މިނެޓު ހޭދަވި އެ މެޗުގެ ފުރިހަމަ 90 މިނެޓު ހަމަވާން ދިޔައިރު ޕަލްމަފްލޯ އޮތީ ދެ ގޯލުގެ ލީޑަކުން ކުރީގަ އެވެ.

ބޮލިވިއަން ޕްރިމޭރާ ޑިވިޝަނުގައި ޕަލްމަފްލޯ އާއި ބްލޫމިން ބައްދަލުކުރި މެޗު.

ނަމަވެސް މެޗުގެ އޮއިވަރު ބަދަލުވީ 86 ވަނަ މިނެޓުގައި ބްލޫމިންއިން ގޯލެއް ޖެހުމުންނެވެ. ވީއޭއާރުން އެއީ އޮފްސައިޑުގައި ހުރެ ޖެހި ގޯލެއް ނޫންކަން ކަށަވަރުކުރަން އެކަނި ވެސް 17 މިނެޓު ހޭދަވި އެވެ.

އިތުރު ވަގުތުގެ ގޮތުގައި 20 ވަރަކަށް މިނެޓު ދޭނެކަމަށް ހީވެފައި އޮއްވާ ރެފްރީން 30 މިނެޓު ދިނުން ވީ ދެ ޓީމަށް ވެސް ގަބޫލުކުރަން ދަތިކަމަށެވެ.

ބްލޫމިންގެ ފުރަތަމަ ގޯލު ވީއޭއާރުން ކަށަވަރު ކުރަން 17 މިނެޓު ހޭދަވި.

އޭރުވެސް ބޯކޮށް ވާރޭވެހެމުން ދިޔުމާ އެކު ދަނޑުގައި ފެންބޮޑުވެ، މެޗު ކުޅެން އޮތީ އުނދަގޫ ހާލަތެއްގަ އެވެ. ނަމަވެސް ބްލޫމިންއިން ވަނީ މެޗުގެ 114 ވަނަ މިނެޓުގައި ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. އެ ގޯލުގެ ކުރިންނާއި ފަހުން ދެ ޓީމުގެ ދެމެދުގައި ހިނގި ހަމަނުޖެހުންތަކެއްގައި ބްލޫމިންގެ ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކުން ވީ، ހައްތަހާވެސް މެޗު ދިގުދެމުނު ކަންތައްތަކަށެވެ.

ޕަލްމަފްލޯ އާއި ބްލޫމިން ބައްދަލުކުރި މެޗު

އަމިއްލަ ދަނޑުގައި ކުޅެމުންދިޔަ ޕަލްމަފްލޯއަށް ހިތްހަމެޖެހުމެއް ލިބުނީ 128 ވަނަ މިނެޓުގައި ގޯލެއް ޖެހުނު ހިސާބުންނެވެ. އޭގެ ފަހުން ރެފްރީ އެ މެޗުގެ ފަހު ކަށިގަނޑު ފުމެލީ 132 ވަނަ މިނެޓުގަ އެވެ.

މެޗުން މޮޅުވި ނަމަވެސް، ޕަލްމަފްލޯއިން ވަނީ އެ މެޗުގައި ރެފްރީންގެ ނިންމުންތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ޕަލްމަފްލޯގެ ސްޕޯޓްސް އެގްޒެކެޓިވް އަދި މީގެ ކުރިން ބޮލިވިއާގެ ރައީސްކަން ވެސް ކުރައްވާފައިވާ އީވޯ މޮރޭލެސް ގޮވައިލެއްވީ ރެފްރީންގެ ޕާފޮމެންސް ރިވިއުއެއް ހެދުމަށެވެ.

އަނެއްކޮޅުން ބްލޫމިންއިން ޓުވިޓާގައި ބުނީ އެ ނިމުނީ މެޗުގެ 'ތިން ވަނަ ހާފު' ކަމަށެވެ. އަދި އިތުރު ވަގުތަށް އެހާ ގިނައިރު ދިނުމަކީ ކުޅުންތެރިން އަނިޔާއަށް ހުށަހެޅޭ ކަމެއްކަން ފާހަގަކޮށް ރެފްރީންނަށް ވަނީ ފާޑުކިޔައިފަ އެވެ.

ރެފްރީ ހޫލިއޯ ގުޓިއަރޭޒް އެ މެޗުގައި ފަހު ކަށިގަނޑު ފުމެލާތަން. އޭނާގެ އިތުރުން އެ މެޗު ބެލެހެއްޓި ފަސް ރެފްރީން ވެސް މިހާރު ވަނީ ސަސްޕެންޑުކޮށްފައި

ބޮލިވިއާގެ ފުޓުބޯޅަ ފެޑެރޭޝަނުން އެ މެޗު ބެލެހެއްޓި ހަ ރެފްރީން ވެސް ސަސްޕެންޑުކޮށް، އިތުރު ވަގުތުގެ ގޮތުގައި އެހާ ގިނައިރު ދޭން ޖެހުނު ސަބަބު ދެނެގަތުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް