
ރާއްޖެ އާއި ސީޝެލްސް ކުޅުނު މެޗެއްގައި ހަމްޒާ މުހައްމަދު (ވ) ބޯޅަ ހިފައިގެން ދަނީ: ހަމްޒާއަކީ މިދިއަ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ
ހަމްޒާ، އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދައިފި
މާޒިޔާ އާއި ގައުމީ ޓީމުގެ ހަމްޒާ މުހައްމަދު (ހަމްޕް)، މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި، މިދިއަ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ރޭ ހޯދައިފި އެވެ.
އޭދަފުއްޓަށް އުފަން ހަމްޒާ، ސަރުކާރުން މިދިއަ އަހަރު ބާއްވަން ފެށި ކުޅިވަރު އެވޯޑްގެ ފުޓްބޯޅައިގެ އެއް ވަނަ މަގާމު ކާމިޔާބުކުރީ މާޒިޔާގެ އިބްރާހިމް އައިސަމް އާއި މިދިއަ އަހަރު އީގަލްސަށް ކުޅުނު އެކަމަކު މިހާރު މާޒިޔާއަށް ބަދަލުވި ފޯވަޑް ހަސަން ރާއިފް އަހުމަދު (ހަންނަ)އާ ވާދަކޮށްގެންނެވެ.
ރޭ ޓްރެކް ދަނޑުގައި އޮތް އެވޯޑް ދިނުމުގެ ބޮޑު ހަފުލާގައި، ފުޓްބޯޅައިގެ އިތުރުން ރާއްޖޭގައި ކުޅޭ ހުރިހާ ކުޅިވަރަކުން އެންމެ މޮޅު ކުޅުންތެރިން ހޮވި އެވެ. އަންހެނުން ބައިވެރިވާ ކުޅިވަރުތަކުގައި އެންމެ މޮޅު ކުޅުންތެރިންނާއި އެތުލީޓުން ހޮވީ ދެ ޖިންސް ވަކިންނެވެ.
ރާއްޖޭގެ ދެ ވަނަ ކުޅިވަރު، ވޮލީބޯޅާގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާގެ އެވޯޑް ގެންދިޔައީ އަލީ ހުޒާމް އެވެ. އަންހެން އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އައިޝަތު މާޖިދާ އެވެ.
ކޮމެންޓް