ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ އަދި ފުޓްބޯޅައިގެ ތަޖުރިބާކާރު ގެރީ ލިނެކާ

ފުޓްބޯޅަ

ލިނެކާ އެނބުރި ބީބީސީގެ ޕްރޮގްރާމްތަކަށް އަރަނީ

ސަރުކާރުގެ ސިޔާސަތަކަށް ފާޑުކިއުމުން ބީބީސީގެ ކުޅިވަރު ޕްރޮގްރާމްތަކުން ދުރުވެލަން އެންގުމުން ލިނެކާގެ ހިމާޔަތުގައި އެތައް ބަޔަކު ނުކުތް
14 މާރިޗު 2023

ރެފިއުޖީން އައުން ހުއްޓުވަން އިނގިރޭސި ސަރުކާރުން އަޅަނ އުޅޭ އާ ފިޔަވަޅުތަކަށް ފާޑުކިޔައި، މިދިއަ ހަފުތާގައި ކުރި ޓްވީޓަކާ ގުޅިގެން ގެރީ ލިނެކާ، ބީބީސީގެ ކުޅިވަރު ޕްރޮގްރާމްތަކުން އެއްކައިރިކުރި ކުރުން އަނބުރާ ގެންގޮސްފި އެވެ. 

ލިނެކާގެ ޓްވީޓަކީ ބީބީސީން ގެންގުޅޭ ވަކި ފަރާތަކަށް ނުޖެހުމުގެ މިންގަނޑާ ހިލާފު އަމަލެއް ކަމަށް، ދުނިޔޭގެ އެންމެ ބޮޑު އެއް ނިއުސް މީޑިއާގެ މެނޭޖްމަންޓުން ގަބޫލުކުރެ އެވެ. ބީބީސީގެ މުވައްޒަފުން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާން ޖެހޭ ގޮތުގެ ހަރުދަނާ އުސޫލުތަކެއް އޮންނަނީ ހަދައިފަ އެވެ.

އެކަމަކު ލިނެކާއަކީ ފުލްޓައިމް މުވައްޒަފެއް ނޫނެވެ. ކުރީގެ އެންމެ މަޝްހޫރު އެއް ފޯވަޑް އަދި 1986ގެ ވޯލްޑް ކަޕްގައި ހަ ލަނޑު ޖަހައި، ގޯލްޑަން ބޫޓު ހޯދި ކުޅުންތެރިޔާއަކީ ބީބީސީގެ ފުޓްބޯޅަ ޕްރޮގްރާމްތަކުގެ ދިރާސާވެރިއެކެވެ. އެކަމަކު ވަކި ގޮތެއް ނިންމަންދެން ޕްރޮގްރާމްތަކުން އެކަހެރިވެލަން ބީބީސީން އެންގުމުން އޭނާއަށް ސަޕޯޓްކުރުމުގެ ގޮތުން މިދިއަ ހޮނިހިރާއި އާދިއްތަދުވަހުގެ ފުޓްބޯޅަ މެޗުތަކުގެ ލައިވް ކަވަރޭޖްގައި، ތަޖުރިބާކާރުން ބައިވެރިއެއް ނުވެ އެވެ. އޭގެ ސަބަބުން ބީބީސީގެ ފުޓްބޯޅައިގެ ކަވަރޭޖަށް ވަރަށް ބޮޑު އުނިކަމެއް ލިބުނެވެ.

އަލުން ލިނެކާއަށް ފުރުސަތު ދޭން ނިންމުމަކީ ބީބީސީން އެޅި ފިޔަވަޅު ގޯސްވުން ކަން ގަބޫލުކުރައްވާކަށް ބީބީސީގެ ޑިރެކްޓަ ޖެނެރަލް ޓިމް ޑޭވީ ތައްޔާރެއް ނޫނެވެ. އޭނާ ވިދާޅުވީ ކުރިން ވެސް ނިންމާފައި އޮތް ގޮތަށް، ސޯޝަލް މީޑިއާއާ ބެހޭ އުސޫލުތައް މިނިވަން ބަޔަކާ ހަވާލުކޮށްގެން ދިރާސާކުރުން ކުރިއަށް ދާނެ ކަމަށެވެ.

ލިނެކާ ބުނީ އެ ދިރާސާއަށް އޭނާ މަރުހަބާ ކިޔާ ކަމަށެވެ. އަދި އޭނާ ހުރީ ޕްރޮގްރާމްތަކަށް އެނބުރި އަންނަން ތައްޔާރަށް ކަމަށް ވެސް ބުންޏެވެ.

މި މައްސަލާގައި ލިނެކާގެ ހިމާޔަތުގައި ލިބުނު އެއްބާރުލުމަށް އޭނާ ޝުކުރު ވެސް އަދާކުރި އެވެ.

ރެފިއުޖީން އައުން ހުއްޓުވަން އިނގިރޭސި ސަރުކާރުން އަލަށް ތައާރަފުކުރަން އުޅޭ ސިޔާސަތަކީ 1930ގެ އަހަރުތަކުގައި ޖަރުމަނުން ގެންގުޅުނު ސިޔާސަތުތަކާ އެއްފަދަ ކަމެއްގެ ގޮތުގައި ލިނެކާ ސިފަކުރި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް