ސަމްހާ އަހުމަދު، ޖަރުމަންގެ ލެވަކޫސަންގައި އޮތް ރޭހުގެ ކުރިން ބިބްކޮޅު ދައްކާލަނީ: އޭނާއަކީ 20 މިނިޓަށް ވުރެ އަވަހަށް ފަސް ކިލޯމީޓަރު ދުވި ދިވެހި ފުރަތަމަ އަންހެން ދުވުންތެރިޔާ

އެތުލެޓިކްސް

ސަމްހާ، ރެކޯޑަކަށް ފަހު ރެކޯޑެއް، ހިތްވަރަކަށް ފަހު ހިތްވަރެއް

ފަސް ކިލޯމީޓަރު ރޭސް 19:15 މިނިޓުން ނިންމުމަކީ ދިވެހި އަންހެން ދުވުންތެރިންނަށް ވެސް އެ ރޭސް 20 މިނިޓަށް ވުރެ އަވަހަށް ދުވެވޭނެކަން ސާބިތުކޮށްދިނުން
6 މާރިޗު 2023

"ފަސް ކިލޯމީޓަރުގެ ދުވުން 20 މިނިޓަށް ވުރެ އަވަހަށް ދުވި ފުރަތަމަ [ދިވެހި] އަންހެން ދުވުންތެރިޔާއަށް ވުމަކީ ފަހަރެކެވެ،" ސަމްހާ އަހުމަދު، އިއްޔެ އޭނާގެ ފޭސްބުކްގައި ލިއުނެވެ.

އޭނާ އެކަންޏެއް ނޫނެވެ. ފަހުރުވެރިވާންވީ އަހަރެމެން އެންމެންނެވެ. ހުރިހާ ދިވެހިންނެވެ.

ރާއްޖޭގައި އުފެދުނު އެންމެ ބާރު އަންހެން ދުވުންތެރިޔާގެ ރެކޯޑް 21 އަހަރު ވަންދެން ދެމެހެއްޓި ސަމްހާ، 40، އިއްޔެ ޖަރުމަންގެ ލެވަކޫސަންގައި އޮތް ރައުންޑް ދަ ބަޔާ-ކްރޮސް ރޭހުގެ ފަސް ކިލޯމީޓަރުގައި ވާދަކޮށް އޭނާ ނިންމި 19 މިނިޓް 15 ސިކުންތަކީ، ދިވެހި ތާރީހުގައި ރެކޯޑެވެ. އޭގެ ކުރިން ދިވެހި އަންހެން ދުވުންތެރިޔަކު ފަސް ކިލޯމީޓަރުގެ ރޭސް 20 މިނިޓަށް ވުރެ އަވަހަށް ނިންމާފައެއް ނުވެ އެވެ.

ފަސް ކިލޯމީޓަރުގައި އަންހެނުންގެ ގައުމީ ރެކޯޑް މީގެ ކުރިން ވެސް އޮތީ، ޖަރުމަންގެ މީހަކާ އިނދެގެން އެ ގައުމުގައި ދިރިއުޅެމުން އަންނަ ތިން ކުދިންގެ މަންމަ، ސަމްހާ އަތުގަ އެވެ. މިދިއަ އަހަރުގެ ޖޫންމަހު އޭނާ ގައުމީ ރެކޯޑް ހެދީ 20 މިނިޓް 08 ސިކުންތުން ނިންމައިގެންނެވެ.

އަމީނިއްޔާ ސްކޫލްގައި ކިޔެވިި އިރު ރާއްޖޭގެ ދުވުމުގެ ތަރިއަކަށް ވި ސަމްހާ ހާއްސަވީ ސްޕްރިންޓް ރޭސްތަކަށެވެ. އެގޮތުން އޭނާގެ 100 އާއި 200 މީޓަރުގެ ގައުމީ ރެކޯޑް ގިނަ އަހަރުތަކަކަށް ދެމިގެންދިޔަ އެވެ. ކެނެޑާގެ އެޑްމޮންޓަންގައި 2001ގައި އޮތް ވޯލްޑް ޗެމްޕިއަންޝިޕްގައި 12.27 ސިކުންތުން ނިންމައިގެން ހެދި 100 މީޓަރުގެ ގައުމީ ރެކޯޑް، އެހެން ދުވުންތެރިޔަކަށް މުގުރާލެވުނީ މިދިއަ އަހަރު އެވެ. އޭގެ 21 އަހަރު ފަހުންނެވެ.

އެކަމަކު މީގެ އަށެއްކަ އަހަރު ކުރިން އޭނާ އަލުން ދުވުމުގެ ތެރެއަށް ނުކުތީ ދިގު ދިވުމުގަ އެވެ. މިދިއަ އަހަރުގެ ބާލިން މެރެތަންގައި ރާއްޖޭގެ އަންހެނުންގެ މެރެތަން ރެކޯޑް ހެދީ އާދަޔާ ހިލާފު ބާރުމިނެއްގައި ދުވެގެންނެވެ. އޭނާގެ ވަގުތު ކަމަށްވާ 3 ގަޑި 02 މިނިޓް 41 ސިކުންތަކީ، ރާއްޖޭގެ ފިރިހެން އެންމެ ހަ ދުވުންތެރިޔަކު ނަގާފައި ދިވެއްސަކު މެރަތަންއެއް ދުވި އެންމެ ބާރު ވަގުތެވެ.

ސަމްހާގެ ސްޕްރިންޓް ރެކޯޑްތައް އޭނާގެ އަތުގައި މިހާރު ނެތެވެ. އެކަމަކު ދިގު ދިވުމުގެ ތެރެއިން 5، 10، 15، 20 ކިލޯމީޓަރުގެ އިތުރުން ހާފު މެރަތަން ރެކޯޑްގެ ވެސް ދަމަހައްޓަމުން އަންނަނީ އޭނާ އެވެ.

"އާއިލާގެ ކެތްތެރިކަމާއި ކޯޗު ނަސްރުﷲ އަހުމަދުގެ މަގުދެއްކުމަށް ޝުކުރުވެރިކަމެވެ،" އިއްޔެގެ ތާރީހީ ރެކޯޑަށް ފަހު ފެސްބުކްގައި ސަމްހާ ލިއުނެވެ.

ނަސްރަކީ މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ މެރަތަން ދުވި ދުވުންތެރިޔާ އެވެ. އިއްޔެ އޭނާ ތުރުކީގައި ދުވީ 89 ވަނަ މެރަތަން އެވެ. އޭނާގެ ކޯޗުކަމުގެ ދަށުން ސަމްހާ ތަމްރީންތައް ހަދަން ފެށީ މިދިއަ އަހަރު އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް