މާލޭގައި މިހާރު ކުރިއަށްދާ ފޯ ނޭޝަންސް ކަޕް ވޮލީބޯޅަ މުބާރާތުގައި ސިންގަޕޫރާ ދެކޮޅަށް ރާއްޖޭގެ ޓީމުން ހަމަލާއެއް ދެނީ (ފޮޓޯ/އަބްދުﷲ އިޔާން)

ފޯ ނޭޝަންސް ކަޕް

އަފްގާނިސްތާން މެޗުގެ ކުރިން ރާއްޖެއަށް ބޮޑު ހިތްވަރެއް

ސިންގަޕޫރު އަތުން ސީދާ ތިން ސެޓުން މޮޅުވެ ރާއްޖެއިން އަފްގާނިސްތާނާ ދެކޮޅަށް ނުކުންނަ އިރު އަފްގާނިސްތާން ވަނީ ސިންގަޕޫރާއި މެލޭޝިއާ ވެސް ބަލިކޮށްފައި
25 ފެބްރުއަރީ 2023

ސޯޝަލް ސެންޓަރުގައި މިހާރު ކުރިއަށް ދާ ފޯ ނޭޝަންސް ކަޕް ވޮލީބޯޅަ މުބާރާތުގައި މިރޭ އަފްގާނިސްތާނާ ދެކޮޅަށް ރާއްޖޭގެ ފިރިހެން ޓީމު ނުކުންނަ އިރު، ރޭ ސިންގަޕޫރު ބަލިކޮށް ބޮޑު ހިތްވަރެއް ހޯދައިފި އެވެ.

ރާއްޖެ އާއި އަފްގާނިސްތާނާއި ސިންގަޕޫރުގެ އިތުރުން މެލޭޝިއާ ވާދަކުރާ ފިރިހެން ބައިގައި މިހާތަނަށް އަފްގާން ފެނުނީ ވަރުގަދަކޮށެވެ. އެގޮތުން ކުރިން ކުޅުނު ދެ މެޗުގައި މެލޭޝިއާ އާއި ސިންގަޕޫރު ބަލިކުރި އެވެ.

ރާއްޖޭގެ ފުރަތަމަ މެޗުގައި މެލޭޝިއާ އަތުން 3-1 އިން ބަލިވެ، އަމިއްލަ ފަސްގަނޑުގައި ހިތާމަވެރި ފެށުމަކާ ކުރިމަތިވިޔަސް، ރޭ ސިންގަޕޫރު ސީދާ ތިން ސެޓުން ބަލިކޮށް، ކުޅުން ހަމަޔަކަށް އަޅުވާލި އެވެ. ރާއްޖެއިން ސެޓްތައް ހޯދީ 26-24 ،25-20 ،25-21 އިންނެވެ.

ރާއްޖޭގެ އިތުރުން ސިންގަޕޫރާއި މެލޭޝިއާ ވާދަކުރާ އަންހެން ބައިގައި ރާއްޖެ ވަނީ ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ. ރޭ ސިންގަޕޫރު އަތުން މެޗު ގެއްލުނީ 28-26 ،25-21 ،25-14 އިންނެވެ.

ފިރިހެން ބައިގައި ވާދަކުރާ ހަތަރު ޓީމުގެ މެދުގައި މާ ބޮޑު ތަފާތެއް ނެތެވެ. ނަމަވެސް އަފްގާނިސްތާން ފެންނަނީ އަނެއް ތިން ޓީމަށް ވުރެ ތަންކޮޅެއް ވަރުގަދަކޮށެވެ. އެހެންކަމުން މިރޭ ރާއްޖޭގެ ފިރިހެން ޓީމަށް އެ މެޗު ވާނީ ރަނގަޅު ވާދައަކަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް